Roadha Mihaaru
މާފަރަށް 300 ޖެޓް ޖައްސައިފި، އަންނަން އިތުރު 80

މާފަރަށް މި އަހަރު 300 ޖެޓް ޖައްސައިފި، ސިީޒަންގައި އިތުރު 80 އަންނާނެ

20 ނޮވެމްބަރ 2022

މިއަހަރުގެ މިހާތަނަށް މާފަރަށް 300 ޖެޓު ޖައްސާފައިވާ ކަމަށާއި ކުރިއަށް އޮތް ސީޒަން ތެރޭ ވެސް 80 ޖެޓް އަންނަން ބުކް ކޮށްފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރުގެ މިހާތަނަށް މާފަރަށް 300 ޖެޓު ޖައްސާފައިވާ ކަމަށާއި ކުރިއަށް އޮތް ސީޒަން ތެރޭ ވެސް 80 ޖެޓް އަންނަން ބުކް ކޮށްފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

އެ އެއާޕޯޓުގެ އޮޕަރޭޝަން ބަލަހައްޓާ، މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، މިފެށޭ ސީޒަންގެ ގިނަ ދުވަސްތަކަށް ޖެޓްތައް އޮތީ ފުލްކޮށް ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްފަހަރާ 13 ޖެޓަށް ޕާކު ކުރެވޭނެ އެވެ. ބައެއް ދުވަސްވަރު އެ ކެޕޭސިޓީއަށް ވުރެ އިތުރަށް ވެސް ޖެޓްތައް ޖައްސަ އެވެ. ޕާކު ނުކުރެވޭ ޖެޓްތައް އެ އެއާޕޯޓަށް ޖެއްސުމަށް ފަހު ޕާކުކުރަން ދަނީ އެހެން އެއާޕޯޓުތަކަށެވެ.

މިއަހަރުގެ މިހާތަނަށް ޖެޓް 596 މޫވްމަންޓް ރެކޯޑްކޮށްފައިވެ އެވެ. އަދި މި ފެށޭ ސީޒަންގައި 160 ޖެޓް މޫވްމަންޓް ރެކޯޑް ކުރެވޭނެ ކަމަށް ބެލެވެ އެވެ. މުމްތާޒް ވިދާޅުވީ އަންނަ މަހު ޕްރައިވެޓް ޖެޓްތައް އެއާޕޯޓުގެ ފުލް ކެޕޭސިޓީގައި އަންނާނެ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރު ދުވަސްވަރެކެވެ.

މާފަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެންމެ ގިނަ ޖެޓް ޖައްސާ އެއާޕޯޓެވެ. މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ހައި އިންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެކެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް 73،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 2،000 ޓޫރިސްޓުން އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރު ނިމޭ އިރު 1.6 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

މާފަރު އެއާޕޯޓު ހުޅުވީ 2019 އަހަރުގެ ޑިސެމްބަރު މަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.