Roadha Mihaaru
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ

މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ

05 ފެބުރުއަރީ 2023

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ބިޑަށް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ބިޑަށް ހުޅުވާލައިފި އެވެ.

މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ކުރި އިއުލާނުގައިވާ ގޮތުން އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއުއަށް ބިޑް ރެޖިސްޓްރޭޝަން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޓެންޑާ ޑޮކިއުމެންޓްތައް ގަތުމަށް 15،000ރ. ހޭދަކުރަން ޖެހޭނެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު އެއްފަހަރާ 100 ފަސިންޖަރުންނަށް ހިދުމަތްދެވޭނެ އެވެ. އެ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، ޓާމިނަލް ބޮޑު ކުރުމުން އެއްފަހަރާ ގާތްގަނޑަކަށް 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އާ ޓާމިނަލާ އެކު ސީއައިޕީ ލައުންޖާއި ސީއައިކިއު ލައުންޖުގެ އިތުރުން އިމިގްރޭޝަންގެ ބޭނުންތަކަށް އިތުރު ޖާގަ ދެވޭނެ ކަމަށެވެ.

މާފަރުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ގާތްގަނޑަކަށް 443 މިލިއަން ރުފިޔާ ހޭދަކުރާ އެ ޕްރޮޖެކްޓަށް 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ޑިސެމްބަރު 2019 ގަ އެވެ.

ޕްރައިވެޓް ޖެޓުތައް ގިނަ އަދަދަކަށް ޖައްސާ އެ އެއާޕޯޓުގައި ފިއުލް ފާމެއް ހަދާފައިވާ އިރު އެތަނުގެ ބޭނުން ކުރަން މިމަހު ފަށާނެ ކަމަށް މާފަރު އެއާޕޯޓުން ބުންޏެވެ.

އެ އެއާޕޯޓު އޮންނަ ސަރަހައްދަކީ އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ. އެހެންވެ، އެ އެއާޕޯޓުން ދަތުރުކުރާ މީހުން ވެސް އިތުރެވެ.