Roadha Mihaaru
މާފަރު އެއާޕޯޓުގައި 4 ލައްކަ ލީޓަރުގެ ފިއުލް ފާމެއް

މާފަރު އެއާޕޯޓުގައި ހަތަރު ލައްކަ ލިޓަރުގެ ފިއުލް ފާމެއް

23 ނޮވެމްބަރ 2022

ނ. މާފަރު އެއާޕޯޓުގައި ހަދާ ފިއުލް ފާމުގައި 400،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ކަމަށާއި އަންނަ އަހަރު ފެށޭ އިރު ފިއުލް ފާމުގެ ބޭނުން ކުރަން ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނ. މާފަރު އެއާޕޯޓުގައި ހަދާ ފިއުލް ފާމުގައި 400،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ކަމަށާއި އަންނަ އަހަރު ފެށޭ އިރު ފިއުލް ފާމުގެ ބޭނުން ކުރަން ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، ފިއުލް ފާމުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެތަނަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މުމްތާޒް ވިދާޅުވި ގޮތުގައި ފިއުލް ފާމުގެ އިތުރުން މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ދެ ބައުޒަރު ވެސް މާފަރުގައި އޮންނާނެ އެވެ. އޭނާ ވިދާޅުވީ މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު ހުންނާނެ ކަމަށާއި އަނެއް ބައުޒަރުގެ ކެޕޭސިޓީއަކީ 20،000 ލިޓަރު ކަމަށެވެ.

މުމްތާޒް ވިދާޅުވީ، މާފަރު އެއާޕޯޓުން ތެޔޮ އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމުން، ބޯޓުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ހިދުމަތް ހޯދުމުގައި އެންމެ ބޮޑު އެއް ޝަކުވާ އަކީ ތެޔޮ އެޅޭނެ ގޮތެއް ނެތުން ކަމަށާއި އެ މައްސަލައަށް ހައްލު ލިބުމުން، އެއާޕޯޓުގެ އާމްދަނީ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ހަދަނީ ވަގުތީ ފިއުލް ފާމެއް. މި އެއާޕޯޓު ބޮޑުކުރުން މިއަށްވުރެ ބޮޑު ފިއުލް ފާމެއް ހެދުމަށް މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. މިއަހަރު މިހާތަނަށް އެ އެއާޕޯޓަށް 300 ޖެޓު ޖައްސާފައި ވާއިރު ކުރިއަށް އޮތް ޕީކް ސީޒަންގައި އިތުރު 80 ޖެޓް ޖައްސަން ބުކިން ވަނީ ހައްދާފަ އެވެ.

މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މާލެެ ދާން ހޭދަވަނީ 40 މިނެޓެވެ. ގާތްގަނޑަކަށް 3،500 މީޓަރުގެ ދިގުމިނުގެ އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެ އެވެ.