Roadha Mihaaru
މެލޭޝިއާއިން އެނގުނީ ތަރައްގީ ބޭނުންވާކަން: ޚަލީލް

މެލޭޝިއާގެ އިންތިޚާބުން ބުނެދެނީ ތަރައްގީ އަށް އާނއެކޭ ބުނާނެކަން: ޚަލީލް

10 މެއި 2018

މެލޭޝިއާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމުން އަންގައި ދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން އާނއެކޭ ބުނާނެކަން ކަމަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މެލޭޝިއާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމުން އަންގައި ދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން އާނއެކޭ ބުނާނެކަން ކަމަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެލޭޝިއާގެ ތާރީޚު ބަދަލުކުރި ވެރިއަކީ މަހާތީރު ކަމަށެވެ. އަދި ވިދާޅުވީ މަހާތީރު 92، އަލުން އިންތިޚާބު ކާމިޔާބު ކުރުމުން ބުނެދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން ކޮންމެ ވަގުތެއްގައި ވެސް އާނއެކޭ ބުނާނެކަން ކަމަށް ޚަލީލް ވިދާޅުވި އެވެ.

އެކަން ރާއްޖެއާ ގުޅުވާލައްވަމުން ޚަލީލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަލަމަތި ބަދަލުކޮށް ތަރައްގީ ގެނެސްދިން ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އެވެ.

ޚަލީލް އެގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް އެ ގައުމުން ނޫނެކޭ ބުނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ކަމަށެވެ. އަދި މެލޭޝިއާގެ އިންތިޚާބުން ދިވެހިންނަށް ވެސް އުންމީދުތަކެއް ގެނެސްދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިންތިޚާބު ނާކާމިޔާބުވި ނަޖީބު ރައްޒާގާއި ރާއްޖޭގެ ރައީސް ޔާމީނާ ގާތްގުޅުމެއް އޮވެ އެވެ. ރައީސް ޔާމީން މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ނަޖީބު ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މަހާތީރު އިންތިޚާބު ކާމިޔާބު ކުރުމުން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އުމުރަކީ މައްސަލައެއް ނޫންކަން އެ އިންތިޚާބުން ސާބިތުކޮށްދީފި ކަމަށް ވިދާޅުވެފަ އެވެ.

ބެލެވޭގޮތުގައި ވަހީދު އެ އިޝާރާތް ކުރައްވަނީ، އުމުރުން 65 އަހަރުން މަތީ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސަރުކާރު ކޯލިޝަނުން ގާނޫނަށް ގެނައި ބަދަލަށެވެ.

ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، އިދިކޮޅު ކޯލިޝަނަކާ އެކު ނުކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 222 ގޮންޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. ނަޖީބު ރައްޒާގުގެ ބީއެން އަށް ލިބިފައި ވަނީ 76 ގޮނޑި އެވެ. މިއީ މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިވި ފުރަތަމަ ފަހަރެވެ.