Roadha Mihaaru
ގަދަދެއްކި ހަތް ގައުމުން ފީފާގެ ކުރިމަތީ ގޮތް ދޫކޮށްފި

ގަދަ ދެއްކި ހަތް ގައުމުން ފީފާގެ ކުރިމަތީގައި ގޮތް ދޫކޮށްފި

21 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 21) - އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ، އެކަމަށް ވަކާލަތު ކުރަމުން ދިޔަ ޔޫރަޕްގެ ހަތް ގައުމުން ފީފާގެ ކުރިމަތީގައި ގޮތް ދޫކޮށްފި އެވެ.

ދޯހާ (ނޮވެމްބަރު 21) - އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ، އެކަމަށް ވަކާލަތު ކުރަމުން ދިޔަ ޔޫރަޕްގެ ހަތް ގައުމުން ފީފާގެ ކުރިމަތީގައި ގޮތް ދޫކޮށްފި އެވެ.

އެއް ޖިންސުން ޕްރަމޯޓް ކުރުމަށް ހުޅަނގާއި ޔޫރަޕްގައި ބޭނުން ކުރާ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑެއް، މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މެޗުތަކުގެ އެޅާނެ ކަމަށް އެ ހަޔް ގައުމުން ދިޔައީ ކުރިން ބުނަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދަ ގަތަރުގައި މަނާކޮށްފައި އޮންނާތީ އެކަމަށް ވެސް މި ގައުމުތަކުން ވަނީ ފާޑު ކިޔައިފަ އެވެ. ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ބުނި ގައުމުތަކަކީ: ބެލްޖިއަމް، ޑެންމާކު، ޖަރުމަން، ނެދަލެންޑްސް، ސްވިޒަލެންޑް، އިންގްލެންޑް އަދި ވޭލްސް އެވެ.

މި ކަމުގައި އެންމެ ނަގާ ކިޔަން ތިބީ އިނގިރޭސިންނެވެ. ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މިއަދު އިރާނާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި މިރޭ ވޭލްސް އާއި އެމެރިކާ ކުޅޭ މެޗު ވެސް އޮންނާނެ އެވެ.

މެޗަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ހަތް ގައުމުގެ ފުޓްބޯޅަ އިދާރާތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީި، މެޗުގައި ކެޕްޓަނަށް ކާޑެއް ދައްކަފާނެ ކަމުގެ ބިރު އޮތުމުން ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް ނާޅާނެ ކަމަށެވެ.

މައްސަލައިގައި އެންމެ ބޮޑަށް ޕްރެޝަރަށް ވެއްޓުނީ ވެސް އިންގްލެންޑެވެ. އެ ގައުމުގެ ނިންމުން ބަދަލު ކުރުމުން ގައުމުގެ އެތެރެއިންނާއި ބޭރުން ދަނީ ގައުމީ ޓީމަށް ފާޑު ކިޔަމުންނެވެ.

“ފީފާ ނިންމުމާ މެދު އަހަރެމެން މާޔޫސް ވެއްޖެ. އެއީ ބަދަލު ނުވާނެ ކަމަށް އަހަރެމެން ހީކުރި ފީފާ އުސޫލުތައް ބަދަލުވުމުން،" ހަތް ގައުމުގެ ފުޓްބޯޅަ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ކެޕްޓަން ބޭންޑް އެގޮތަށް އަޅަން ބޭނުންވާ ކަމަށް ބުނެ ސެޕްޓެމްބަރު މަހު އަހަރެމެން ވާނީ ފީފާ އަށް ސިޓީ ފޮނުވާފައި، އަދި އެ ސިޓީ އަށް ވެސް ޖަވާބެއް ނުލިބުނު. އަހަރެމެންގެ ކުޅުންތެރިންނާއި ކޯޗުން ތިބީ މާޔޫސްވެފައި."

މެޗަށް އެއް ދުވަހަށް ވީއިރު ވެސް އިނގިރޭސި މީޑިއާތަކުން ސަމާލުކަން ދެމުން ގެންދިޔައީ، ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް އެޅޭނެތޯ އާ މެދުގަ އެވެ. އަދި މިއަދު އިންގްލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އިރާންގެ ސިޔާސީ ހަމަނުޖެހުންތަކާއި އަންހެނުންގެ ހައްގުތަކާ މެދު ވެސް އިނގިރޭސި މީޑިއާތަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ.