Roadha Mihaaru
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ

ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން އިންގްލެންޑް މޮޅުވެއްޖެ

11 ސެޕްޓެމްބަރ 2024

ލަންޑަން (ސެޕްޓެމްބަރު 11) - ކެޕްޓަން ހެރީ ކޭން އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި އޭނާ ޖަހައިދިން ދެ ގޯލާ އެކު ޔުއެފާ ނޭޝަންސް ލީގު ބީ ގައި ފިންލެންޑާ ދެކޮޅަށް ކުޅެ 2-0 އިން އިންގްލެންޑް މޮޅުވެއްޖެ އެވެ.

ލަންޑަން (ސެޕްޓެމްބަރު 11) - ކެޕްޓަން ހެރީ ކޭން އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި އޭނާ ޖަހައިދިން ދެ ގޯލާ އެކު ޔުއެފާ ނޭޝަންސް ލީގު ބީ ގައި ފިންލެންޑާ ދެކޮޅަށް ކުޅެ 2-0 އިން އިންގްލެންޑް މޮޅުވެއްޖެ އެވެ.

ކޭން ވަނީ މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް 68 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ފުރަތަމަ ހާފުގައި ކޭން ބޮލުން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގައި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ދިން ޕާހަކުންނެވެ. ދެ ވަނަ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ، ރޭ އިންގްލެންޑް ގައުމީ ޓީމަށް މުޅިން އަލަށް ކުޅުނު ނޮނީ މަޑުއެކޭ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ހުރި ގެރެތު ސައުތުގޭޓް ޓީމު ދޫކޮށްލުމުން ގައުމީ ޓީމާ ހަވާލުވެ ހުރި ލީ ކާސްލީ މިވަނީ އޭނާ ޓީމު ގޮވައިގެން ނުކުތް ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ކާސްލީ ވަނީ މެޗަށް ފަހު ކޭން އަށް ތައުރީފް ކޮށް ވާހަކަ ދައްކައިފަ އެވެ.

"އޭނާ ޓްރެއިން ކުރާ ގޮތާއި، ގެންގުޅޭ އުސޫލުތައް އަދި އޭނާގެ ނިންމާލުންތައް ކިހާ މޮޅުކަން އެންމެންނަށް ވެސް އެނގޭނެ ޓްރެއިނިންތަކުގަ ވެސް. މެޗުތަކުގައި އޭނާ ގޯލުތަކެއް ޖެހުމަކީ ހައިރާންވާ ކަމެއް ނޫން،" ކޭން އާ ގުޅޭގޮތުން ކާސްލީ ބުންޏެވެ.

"އޭނާ އަކީ އެހެން ހުރިހާ ކުޅުންތެރިންނަށް ވެސް ނަމޫނާއެއް. ކޮންމެ ޓްރޭނިންއަކަށް ވެސް އެންމެ ފުރަތަމަ އަންނާނީ އޭނާ."

މިދިޔަ ސީޒަންގެ ނޭޝަންސް ލީގު އޭ އިން ރެލިގޭޓްވި އިންގްލެންޑް، މި ސީޒަނުގައި ވާދަކުރަމުން އަންނަނީ ލީގު ބީ ގަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި ނަމަވެސް ގޯލްގެ ތަފާތުން އިންގްލެންޑް އޮތީ ދެ ވަނައިގަ އެވެ. އެންމެ ގޯލެއްގެ ތަފާތުން އެއްވަނައިގައި އޮތީ ރޭ 2-0 އިން ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކުރި ގްރީސް އެވެ.

ލީގު އޭގައި ރޭ ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗު ފެށިގެން 100 ވަނަ ސިކުންތުގައި ތިއްޖާނީ ރެއިންޑާސް، ނެދަލެންޑްސް އަށް ލީޑު ނަގައިދީފައި ވަނިކޮށް 38 ވަނަ މިނިޓުގައި ޖަރުމަނަށް އެއްވަރު ކޮށްދިނީ ޑެނިޒް އުންޑޭވް އެވެ. އަދި މި ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން ޔޯޝުއާ ކިމިކް ޖަރުމަނަށް ލީޑު ނަގައިދިނެވެ. ނެދަލެންޑްސް އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓިގައި ޑެންޒެލް ޑަމްފްރީސް ޖަހައިދިންގޯލުންނެވެ.

ސެދަލެންޑްސް އާއި ޖަރުމަނާ އެކު މި ގުރޫޕްގައި ހިމެނޭ ހަންގޭރީ އާއި ބޮސްނިއާ އެންޑް ހާޒިގޮވީނާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.