Roadha Mihaaru
ރަޝީދުގެ މަރުގެ ތަހުގީގު: އިތުރު މައުލޫމާތެއް ނެތް!

ރަޝީދުގެ މަރުގެ ތަހުގީގުގައި އަދި މައުލޫމާތު ހާމަކުރެވޭކަށް ނެތް: އެންއައިސީ

23 ނޮވެމްބަރ 2022

ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދު، މަރުގެ ތަހުގީގު ކުރިއަށްދާތީ އެކަމާ ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އޭނާގެ ޕޯސްޓް މޯޓަމްގެ ރިޕޯޓް ވެސް އަދި އެއްކޮށް ނުލިބޭ ކަމަށް ނޭޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދު، މަރުގެ ތަހުގީގު ކުރިއަށްދާތީ އެކަމާ ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އޭނާގެ ޕޯސްޓް މޯޓަމްގެ ރިޕޯޓް ވެސް އަދި އެއްކޮށް ނުލިބޭ ކަމަށް ނޭޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި މިދިޔަ މަހު 26 ގައި ހައްޔަރުކޮށްފައި ހުއްޓާ ރަޝީދުގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމީ އެ މަރުގައި ފުލުހުންގެ އިހުމާލުވި ކަމުގެ ތުހުމަތުތައް އާއިލާއިން ކުރާތީ އެވެ.

ރަޝީދުގެ އާއިލާގެ ނުރުހުމުގައި އެ ތަހުގީގުގެ ބޭނުމަށް އޭނާގެ ޕޯސްޓްމޯޓަމެއް ހަދަން އެންއައިސީން ނިންމި އެވެ. ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ކޯޓުން ހުކުމްކުރުމުން އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ވަނީ ޕޯސްޓްމޯޓަމް ހަދައިފަ އެވެ.

އެންއައިސީގެ ލީގަލް ކައުންސެލަރު "މިހާރު" އަށް ވިދާޅުވީ ރަޝީދު ޕޯސްޓްމޯޓަމްގެ ރިޕޯޓު އަދި އެއްކޮށް ނުލިބޭ ކަމަށާއި އަދި ލިބުނީ ރިޕޯޓްގެ ސެޓްފިކެޓްތައް އެކަނި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މިވަގުތު ޕޯސްޓްމޯޓަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތަހުގީގުގެ ވަރަށް ފުރަތަމަ ކޮޅުގައި މި އުޅެނީ. ރިޕޯޓު އެއްކޮށް ލިބުނަސް ފުރަތަމަ ހާމަކުރާނީ އާއިލާއަށް. އެއަށް ފަހު އާންމުކޮށް ހާމަކުރާނީ،" އޭނާ ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 31 ގަ އެވެެ. މި މަހުގެ ފަސްވަނަ ދުވަހު ހަށިގަނޑު ރާއްޖެ ގެނެސް ވަނީ ވަޅުލައިފަ އެވެ.

ރަޝީދު ހައްޔަރުކުރީ ހޯޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަންގައި ރަޝީދާ އެކު ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ރަޝީދު މަރުވެފައި ވާއިރު، ބާކީ ތިބި ދެ މީހުންގެ ބަންދު މުއްދަތު މިހާރު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ޕޮލިހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހޯނޑެއްދޫގެ އިތުރުން އެ ރަށް ކައިރު ފަޅު ރައްތައް ވެސް ބަލައިފާސްކުރި އެވެ. އަދި އެ ރަށްރަށު ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ، 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.