Roadha Mihaaru
"ރަޝީދުގެ މަރުގެ ތަހުގީގުގައި ފެންނަ މަންޒަރު ތަފާތު"

ރަޝީދުގެ މަރަށް ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަނީ ތަފާތު މަންޒަރެއް: އިމްރާން

07 މާޗް 2023

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަލަ އަށް ތަހުގީގީ ނަޒަރަކުން ބަލާ ނަމަ ރައްޔިތުންނަށް ފެނުނު ކަންކަމާ މުޅިން ތަފާތު މަންޒަރެއް ފެންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަލަ އަށް ތަހުގީގީ ނަޒަރަކުން ބަލާ ނަމަ ރައްޔިތުންނަށް ފެނުނު ކަންކަމާ މުޅިން ތަފާތު މަންޒަރެއް ފެންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އޮކްޓޫބަރު 25، 2022 ގައި ފުލުހުން ގދ. ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއް ތެރެއިން ހައްޔަރުކުރި ރަޝީދު މަރުވީ އޭނާ މެޔަށް ތަދެއް އެރުމުން ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ލޯންޗެއްގައި އެ ދުވަހު ގދ. މަޑަވެލީގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. އެ މަރަށް ފަސް މަސް ވެފައިވާއިރު ވެސް ފުލުހުންގެ އިހުމާލަށް ކުރާ ތުހުމަތުގެ މައްސަލައިގެ ތަހުގީގު ނިމުނު ކަމަކަށް ކަމާ ބެހޭ އިދާރާތަކުން ނުބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާންއާ ސުވާލު ކުރައްވަމުން މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ، އެ ހާދިސާ ހިނގި ވަގުތު އެ ރަށުގައި ތިބި މީހުންނާ އޭނާއާ ބައްދަލުވި ކަމަށާއި ލޯ ކުރިމަތިން އެކަން ހިނގައިދިޔަ ގޮތް ފެނިވަޑައިގެންނެވި ކަމަށެވެ.

އެ މައްސަލާގައި އިހުމާލުވެފައިވާ ފުލުހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ، ރަށުގައި ތިބި މީހުންނަށް އެކަން ފެނުނު ގޮތާއި އެ މައްސަލަ އަށް ތަހުގީގީ ނަޒަރަކުން ބެލުމުން ގަބޫލު ކުރެވޭ ގޮތާއި އޭގެ ފަހަތުގައި ހުރި ކަންކަން ވަރަށް ތަފާތު ކަމަށެވެ.

ރައްޔިތުންގެ ކުރިމަތިން ރަޝީދު ގެންދިޔަ އިރު ހިނގި 10 ވަރަކަށް މިނިޓުގެ މައްޗަށް ބެލުމަށް ފަހު ގޮތެއް ނިންމައިފި ނަމަ އެއީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ފަހަތުގައި ވަރަށް ބޮޑެތި ކަންކަން ހިނގާފައިވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބެލިން ދެކޮޅުން ހިނގައި ދިޔަ ގޮތް. ކިހިނެތްތޯ ތިބޭފުޅުންނާ ހަމައަށް ދިއުމުގެ ކުރިން އެ މައްސަލަ ފެށިގެން ދިޔައީ އަދި ތިބޭފުޅުންގެ ލޯމަތިން ދިޔުމަށް ފަހު ދެން ކިހިނެތްތޯ ދިޔައީ. މެދުތެރެއިން ފެނުނު ބައެއްގެ މައްޗަށް ބަލާފައި މައްސަލައެއްގައި އެ ވަރުގެ ޖަޖްމަންޓެއް ނެރުން އެއީ ރަނގަޅު ކަމަކަށް ނުވާނެ،" އިމްރާން ވިދާޅުވި އެވެ.

އެ މައްސަލަ މިހާރު އަންނަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ގުޅިގެން ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެކަމާ ބެހޭ މާ ބޮޑު ތަފްސީލެއް އެ މުއައްސަސާތަކުން ހާމައެއް ނުކުރެ އެވެ. އެހެންވެ، ފުލުހުން އިހުމާލުވި މައްސަލާގައި ޖަވާބެއް ނުލިބެ އެވެ.