Roadha Mihaaru
އަލިފާނުގެ ހާދިސާގައި އިތުރު ދެ ގެއަކަށް ގެއްލުންވި

އަލިފާނުގެ ހާދިސާގައި އިތުރު ދެ ގެއެއްގެ ފަސް ގޭބިސީއަކަށް ގެއްލުންވި

24 ނޮވެމްބަރ 2022

މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ގެއާ ޖެހިގެން ހުރި އިތުރު ދެ ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ގެއާ ޖެހިގެން ހުރި އިތުރު ދެ ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ހާލުގައި ޖެހުނު އެއްވެސް މީހަކު މިހާރު ވަގުތީ ހިޔާތަކުގައި ނެތް ކަމަށެވެ. ނަމަވެސް، އެ މީހުންނަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ދެމުން އަންނަ ކަމަށް ބުންޏެވެ.

އެ ހާދިސާގައި ނިރުފެހިގޭގެ އިތުރުން ދެން ގެއްލުން ލިބުނީ ދެ ގެއެއްގެ ފަސް ގޭބިސީއަކަށް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެއީ މ. ވާދީގެ ހަތަރު ގޭބިސީއަކާއި މ. ސެންޑްރޯސްގެ އެއް ގޭބިސީ ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި، އެ ފަސް ގޭބިސީތަކުގައި ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ދިނެވެ.

ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހަކަށް، އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ނަފުސާނީ އެހީތެރިކަން ވެސް ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ގެއްލުން ދަނެގަންނަ އެސެސްމަންޓް ނިމިއްޖެ

އެންޑީއެމްއޭ އިން ބުނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން، އެ ހާދިސާގައި ގެއްލުންވެފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ، އެ ގެތަކަށް ލިބުނު ގެއްލުންތައް އަގު ކުރުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ނިރުފެހިގޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އެއީ އިންޑިއާ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެ ހުރިހާ މީހުންގެ ހަށިގަނޑު ވެސް މިހާރު ވަނީ އެ މީހުންގެ ގައުމަށް ގެންގޮސްފަ އެވެ.

ގަރާޖެއްގައި ރޯވެގެން ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅޭ ސީރިއަސް ތަހުގީގެއް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވެ އެވެ.