Roadha Mihaaru
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ

އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ

27 ނޮވެމްބަރ 2022

އާސަންދަ ސްކީމްގެ ތެރެއިން އާއްމު ބަލިތަކަށް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދަ ސްކީމްގެ ތެރެއިން އާއްމު ބަލިތަކަށް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ ހަކުރާއި ކޮލެސްޓްރޯލް އަދި ލޭ މައްޗަށް ދިއުން ގަވައިދުން މޮނިޓާކުރުމަށް، އާސަންދައިގެ ތެރެއިން ޓެސްޓު ކުރެވޭނެ ގޮތްތައް ހެދުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރަމުން އަންނަނީ އެކަމާ ގުޅޭ ކަރުދާހުގެ މަސައްކަތްތަކެވެ. އެ ނިމުމުން އާސަންދަ ސްކީމުގެ ތެރެއިން އެ ކަން ފައިނަލް ވާނެ ކަމަށް އޭނާ ވިދަޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަނީ މި،" ޝަތުފާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ހަކުރާއި ކޮލެސްޓްރޯލް އަދި ލޭ މައްޗަށް ދިއުން ޓެސްޓުކުރެވޭނެ ގޮތްތައް ހަމަޖައްސަމުން އަންނައިރު، ބައެއް ގައުމުތަކުގައި މިހާރު ވެސް އިންޝުއަރެންސްގެ ތެރެއިން އެ ޓެސްޓުތައް ހެދެ އެވެ. އެހެންވެ، ބޮޑެތި ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ސިސްޓަމްގެ ތެރެއިން ޓެސްޓުތައް ހެދޭނެ ގޮތަށް ބަދަލުކުރުން ވަރަށް މުހިއްމު ކަމަށް ޑޮކްޓަރުން ފާހަގަކުރައްވަ އެވެ.

އެ ބަލިތަކާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީން މި މަހު ނެރުނު ދިރާސާ ރިޕޯޓުން ވެސް ދެއްކީ ދިވެހިންގެ ސިއްހަތާ ގުޅޭ ބިރުވެރި މަންޒަރެކެވެ.

އެ ރިޕޯޓުގައި ބުނީ ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށެވެ.

އެ ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނައިރު، ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ކޮލެސްޓްރޯލް ހުންނަ މީހުންނެވެ. ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނެވެ. ހަކުރު ވެސް، 14 ޕަސެންޓް މީހުން ހުންނަނީ ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ނެރުނު ރިޕޯޓުގައި ބުންޏެވެ.