Roadha Mihaaru
ބައެއް ކަންކަމަށް އާސަންދަ ނުލިބޭތީ ރިވިއު ކުރަނީ

ބައެއް މުހިންމު ކަންކަމަށް އާސަންދަ ނުލިބޭތީ ސިޔާސަތު މުރާޖައާ ކުރަނީ

13 އެޕްރީލް 2022

ސިއްހީ ބައެއް ހިދުމަތް ހޯދަން އާސަންދަ ނުލިބޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިއްހީ ބައެއް ހިދުމަތް ހޯދަން އާސަންދަ ނުލިބޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތު އޮންނަ ގޮތުން ސިއްހީ މުހިންމު ކަންކަމުގައި އެ ނިޒާމުގެ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ހެލްތު މިނިސްޓަރަށް އޭނާ ދޫކޮށްލެއްވި ސުވާލަކީ އެ ސިޔާސަތު މުރާޖައާ ކުރަން ވިސްނަވަންތޯ އެވެ.

އޭގެ ޖަވާބުގައި ނަސީމް ވިދާޅުވީ، އާސަންދަ ލިބެން ޖެހޭ އެތައް ކަމެއްގައި އެ އެހީ ނުލިބޭ ކަމަށާއި އެހެންކަމުން އާސަންދައިގެ ސިޔާސަތު މުރާއަޖާ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މި ކަންކަމަށް ބަލާފައި އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ގޮތަށް ގެންނަން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދައިގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން ހިމެނޭ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަ އެބަހުރި ކަމަށެވެ. އަދި ވައްކަން ފަދަ ކަންކަން ވެސް ހުރެދާނެ ކަމަށާއި އެ އޮތް ވަރު ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"[އާސަންދަގެ] ކަންކަން ތަރުތީބު ކުރެވިފައި ހުންނަ ގޮތުން އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރި. ޔަގީން ކުރައްވާ އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން،" ނަސީމް ވިދާޅުވި އެވެ.

އާސަންދަ އަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 730 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހާ ހަމައަށް އާސަންދައިގެ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.