Roadha Mihaaru
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް

ވިނަރެސް ފްލެޓް ލިސްޓުގައި ސީލައިފާއި ގުޅިފަޅުން ފްލެޓް ލިބުނު މީހުން ނުހިމެނޭނެ: އެޗްޑީސީ

27 ނޮވެމްބަރ 2022

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކުރިއިރު، ސީލައިފުން ފްލެޓް ގަތް މީހުންނާއި ގުޅިފަޅުން ފްލެޓް ލިބުނު މީހުން އަދި ހިޔާ ފްލެޓުން ވިނަރެސް އަށް ބަދަލުވާން ބޭނުންވާ މީހުން އެ ލިސްޓުގައި ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކުރިއިރު، ސީލައިފުން ފްލެޓް ގަތް މީހުންނާއި ގުޅިފަޅުން ފްލެޓް ލިބުނު މީހުން އަދި ހިޔާ ފްލެޓުން ވިނަރެސް އަށް ބަދަލުވާން ބޭނުންވާ މީހުން އެ ލިސްޓުގައި ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ވިނަރެސްގެ 1،344 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން އެޗްޑީސީން މިއަދު އާންމުކުރީ މާލޭގައި 15 އަހަރު ވެފައިވާ މީހުންނާއި މާލޭގެ ރަށްވެހިންގެ ތެރެއިން އެ ފްލެޓަށް އެދުނު މީހުންގެ ލިސްޓެވެ.

އެ ފްލެޓްތައް އާންމުންނަށް ހުޅުވާލުމުގެ ކުރިން ސަރުކާރުން ވަނީ "ސީލައިފް ގްލޯބަލް" އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލައި ވިނަރެސް ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން "ވިނަރެސް" ފްލެޓް ބޭނުންވާ މީހުންނަށް އެތަނަށް އެދުމުގެ ފުރުސަތު ދީފަ އެވެ.

އެކަމަކު އެޗްްޑީސީން މިއަދު އާންމުކުރި "ވިނަރެސް" ގެ ވަގުތީ ލިސްޓުގައި އެ އިން އެއްވެސް ބައެއްގެ ނަން ނުހިމެނޭތީ އެކަމާ ގުޅިގެން އުފެދިފައިވާ ސުވާލުތަކާ ގުޅިގެން އެ ކުންފުނިން މިރޭ ބުނީ، އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލައި އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.

"މި ލިސްޓުގައި ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި ސީލައިފުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ވިނަރެސް މަޝްރޫއުއިން ފްލެޓް ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް ނުހިމެނޭނެ،" އެޗްޑީސީން ބުންޏެވެ.

ވިނަރެސް މަޝްރޫއުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. އެ ތަނުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހުރެ އެވެ. އެ ފްލެޓްގެ ބޮޑު މިނަކީ 883-902 އަކަފޫޓެވެ.

ވިނަރެސްގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ވަގުތީ ލިސްޓުގައިވާ ގޮތުން ފްލެޓަށް ޝަރުތު ހަމަވީ 723 މީހުންނެވެ. ކުރިމަތިލި 690 މީހުންނަކީ ޝަރުތު ހަމަނުވާ މީހުންނެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ ފެބްރުއަރީ މަހު އާންމުކުރުމަށް ތައްޔާރުވަމުން އަންނައިރު އެތަންތަނަޑް އަންނަ އަހަރުގެ އޭޕްރީލްގައި ވަދެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ގާތްގަނޑަކަށް 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގައި އުޅޭ މި ފްލެޓްގެ އަގާ ގުޅިގެން ސީލައިފުން ފްލެޓް ލިބުނު މީހުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެމީހުންގެ ކަންބޮޑުވުމަކީ ސެޓްލްމަންޓް އެގްރީމަންޓާ ހިލާފަށް މާއަގު ބޮޑުކޮށް އެތަން ވިއްކުމެވެ.

އެކަމަކު އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ސީލައިފުން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ދޫކުރެވޭނީ އެ މަޝްރޫއު ހިންގި އަގުގައި ކަމަށާއި މިހާރު ހުރި ވަރަށް ވުރެ އަގު ހެޔޮ ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.