Roadha Mihaaru
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!

އެއްބަސްވުން ބާތިލްކޮށް، ދެ އެޕާޓްމަންޓް ހުސްކުރަން ދެ ހަފުތާގެ މުއްދަތެއް ދީފި

18 މެއި 2023

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން މިއަދު ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން މިއަދު ދީފި އެވެ.

އެ ތަނުން އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.

އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް މިއަދު "މިހާރު" އަށް ވިދާޅުވީ، އެ ދެ އެޕާޓްމަންޓް ދެ ހަފުތާގެ ތެރޭގައި ހުސްކުރުމުގެ އިތުރުން މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވެސް ދީފައިވާ ކަމަށެވެ.

"ފްލެޓް ހަވާލު ނުކޮށްފިއްޔާ ދެން އަޅުގަނޑުމެން ދާނެ އެ ދެ ތަނާ ހަވާލުވާން،" ނިއުޝާދު ވިދާޅުވި އެވެ.

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން މި މަހުގެ ފަސްވަނަ ދުވަހު ޖޫރިމަނާ ވެސް ކުރި އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ ޝަމާލް އޭނާގެ ފްލެޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައި ވަނީ އެންމެ ޒަމާނީ ފެންވަރުގަ އެވެ. ދެ ތަނުގެ އިންޓީރިއާ ވެސް ފެންނަނީ ހަރަދު ބޮޑުކޮށް ހަދާފައިވާ ތަނެވެ. ބެލެވޭ ގޮތުގައި އެ ފެންވަރަށް އެ ތަން ހަދަން ވެސް ހަ ލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ.

އެއްކޮށްލި ދެ އެޕާޓްމަންޓަށް ބަދަލު ގެނެސްފައި: މި އެޕާޓްމަންޓް މި ފެންވަރަށް ހަދަން ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރި ކަމަށް ބެލެވޭ.

އެއްކޮށްލި ދެ އެޕާޓްމަންޓަށް ބަދަލު ގެނެސްފައި: މި އެޕާޓްމަންޓް މި ފެންވަރަށް ހަދަން ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރި ކަމަށް ބެލެވޭ.

މި މައްސާލާގައި ޝަމާލަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.