Roadha Mihaaru
ސީލައިފް މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި

ސީލައިފްގެ މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި

23 ޖެނުއަރީ 2022

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" ފްލެޓް ގަތުމަަށް މިއަދު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" ފްލެޓް ގަތުމަަށް މިއަދު ހުޅުވާލައިފި އެވެ.

"މައި ހުޅުމާލޭ ޕޯޓަލް" މެދުވެރިކޮށް، ފްލެޓް ގަންނަން ހުޅުވާލާފައިވާއިރު، އެ މީހުންނަށް ފްލެޓް ގަންނަން ހުށަހަޅަން ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

އެޗްޑީސީން ބުނީ، ސީލައިފުން ފްލެޓް ގަތް މީހުންނަށް "ވިނަރެސް" ގެ ފްލެޓްތައް ވިއްކުމަށް ހުޅުވައިލީ ހިޔާ އިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލައި، "ވިނަރެސް" ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.

Home Page - MyHulhumale'

ވިނަރެސް ފްލެޓް ގަންނަން ހުށަހެޅޭނީ މި ޕޯޓަލް މެދުވެރިކޮށް.

ފޯމުތައް ހުށަހެޅުމުން، އެ މީހުންނަށް ފްލެޓް ކަށަވަރުވާނީ އެޗްޑީސީން އާންމުކޮށްފައިވާ ޝަރުތުތައް ހަމަވޭތޯ ބެލުމަށް ފަހު އެވެ.

ސީލައިފަށް ފައިސާ ދެއްކި ނަމަވެސް އެ ފްލެޓް ނުލިބި ހާލުގައި ޖެހުނު މީހުންނާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ފަހު، ދެން "ވިނަރެސް" ފްލެޓް ވިއްކުމަށް ހުޅުވައިލާނީ އެހެން މީހުންނަށެވެ.

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލުން "މިހާރު" އަށް ދައްކާލަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމަށް ސީލައިފް މީހުންނަށް ހުޅުވައިލިއިރު، އެ މީހުންގެ ކަންބޮޑުވުމަކީ ސެޓްލްމަންޓް އެއްބަސްވުމާ ހިލާފަށް އެ ތަންތަން ވިއްކާތީ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފްއާ ހަވާލުކުރުމުން، އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.

އެ މައްސަލައިގައި އޭރު ސެޓްލްމަންޓް އެއްބަސްވުން ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެއްބަސްވުން ހަދައި އެޗްޑީސީން ކޯޓުން ބޭރުގައި މައްސަލަ ނިންމި އެވެ. އޭގެ ފަހުން އެޗްޑީސީން ވަނީ ސީލައިފްގެ ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ "ވިނަރެސް" ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެ މީހުންގެ ކަންބޮޑުވުމަކީ، ސީ ލައިފްގެ ފްލެޓަށް ވުރެ ވިނަރެސްގެ ފްލެޓުގެ އަގު ބޮޑުވުމެވެ. އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް 122 މީހުން ސޮއިކޮށް ރަައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި "ވިނަރެސް" މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ކުރިން ވިދާޅުވީ ސީލައިފުން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ދޫކުރާނީ އެ މަޝްރޫއު ހިންގި އަގުގައި ކަމަށާއި އެ ތަންތަނުގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށެވެ.

ސީލައިފުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަންނަން ހުޅުވާލީ 2.2 މިލިއަން ރުފިޔާއަށެވެ. އެކަމަކު "ވިނަރެސް" އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެކަމަކު އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.

"ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ ޖުލައި ހިސާބުގަ އެވެ.