Roadha Mihaaru

މި އިނީ މެމޯ ނަގައިލައިގެން ނަންބަރު އަރުވައިލަންދެން!

ޑޮކްޓަރަށް ދައްކަން އުޅޭ ކޮންމެ ފަހަރަކު "މެމޯ ނަގައިލަން" އެބަ ބުނެ އެވެ. ޕާސްޕޯޓް ހައްދަން "ފޮޓޯ ވެސް ނަގައިލަން" ޖެހެނީ އެވެ. އިހަށް ދުވަހަކު އަހަރެންގެ ދައްތައެއް ލިޔުންތަކެއް ހިފައިގެން ތަނަކަށް ދިޔަތަނާ އޭގެ "ފޮޓޯކޮޕީ ނަގައިލަންވީ" ތޯ ވެސް އަހައިފި އެވެ. ދައްތަ އެ ދުވަހު އައީ އެއީ ވަރަށް މުހިންމު ލިޔުންތަކެއް ކަމަށާއި އެ އެއްޗެހި "ނަގައިލީމާ" ކަމަކު ނުދާނެ ކަމަށް ބުނެފަ އެވެ. އެތަނުގައި ތިބި ކުދިންނަށް އެ ބުނި އެއްޗެއް "އެނގިލާ" ކަމަކަށް ނުވި އެވެ.

މި އިނީ މެމޯ ނަގައިލައިގެން ނަންބަރު އަރުވައިލަންދެން!
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

29 ނޮވެމްބަރ 2022

ޑޮކްޓަރަށް ދައްކަން އުޅޭ ކޮންމެ ފަހަރަކު "މެމޯ ނަގައިލަން" އެބަ ބުނެ އެވެ. ޕާސްޕޯޓް ހައްދަން "ފޮޓޯ ވެސް ނަގައިލަން" ޖެހެނީ އެވެ. އިހަށް ދުވަހަކު އަހަރެންގެ ދައްތައެއް ލިޔުންތަކެއް ހިފައިގެން ތަނަކަށް ދިޔަތަނާ އޭގެ "ފޮޓޯކޮޕީ ނަގައިލަންވީ" ތޯ ވެސް އަހައިފި އެވެ. ދައްތަ އެ ދުވަހު އައީ އެއީ ވަރަށް މުހިންމު ލިޔުންތަކެއް ކަމަށާއި އެ އެއްޗެހި "ނަގައިލީމާ" ކަމަކު ނުދާނެ ކަމަށް ބުނެފަ އެވެ. އެތަނުގައި ތިބި ކުދިންނަށް އެ ބުނި އެއްޗެއް "އެނގިލާ" ކަމަކަށް ނުވި އެވެ.

މިހާ ހިސާބަށް ކިޔާފައި ވެސް ބޮލަށް އުނދަގޫވެއްޖެ ދޯ އެވެ.

މި އުޅެނީ ވެސް ތަންތަނުން ހިދުމަތް ދޭން ތިބޭ މީހުން، އެ މީހުން ގަބޫލުކުރާ ގޮތުން ނަމަ "ޕޮލައިޓް" ކޮށް ރީތި ބަހުން ވާހަކަ ދައްކަން އުޅެން ހަދައިގެން ބޮލަށް ތުރާވާތީ އެ ވާހަކަ ދައްކަންވެގެންނެވެ. މި ވާހަކަ ދައްކާއިރު އުނދަގޫވެލާނެ އެވެ.

މާލޭގެ ބޮޑު ހޮސްޕިޓަލަކަށް އިއްޔެ ގޮސް އިރުކޮޅަކު އުޅެން ޖެހުނެވެ. ހިދުމަތް ދޭ ކައުންޓަރެއް ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު އެތަނުގައި ހިދުމަތް ދޭން އިން ޒުވާން އަންހެނަކު ބުނާ އަޑު އިވެނީ "ޑެންގީ ޓެސްޓް ކިޓް ހުސްވެލާފައި" ހުރި ކަމަށެވެ. އެ "ހުސްވެލާފައި" ހުރުމުން ޑޮކްޓަރު ގާތު އެ ޓެސްޓު ހެދެން ނެތް ވާހަކަ ބުނެލަން އެދުނެވެ. އެކަމަކު ދެން ހުރި ޓެސްޓުތައް "ހަތަރު ގަޑިއިރު ތެރޭ ލިބިލާނެ" ކަމަށް ބުންޏެވެ.

އެ މީހާއަށް ހިދުމަތް ދޭން އިރުކޮޅެއް ހޭދަވި އެވެ. އެ ވަގުތު އެތަނަށް އައި ބައެއް މީހުން އެކި ކަންކަމު ސުވާލުކުރުމުން "ނަންބަރެއް ނަގައިލައިގެން" ސްކްރީނަށް "ނަންބަރު އަރުވައިލަންދެން" މަޑުކޮށްލައިގެން ތިބެން ވެސް ބުންޏެވެ. އަހަރެން އެތަނަށް ގޮސް އިނީ ޓެސްޓްކުރަން ދިން ސާމްޕަލެއް އެހެން މީހެއްގެ ސާމްޕަލްއަކާ "އޮޅިލާފައި" އޮތް މައްސަލައެއް ދިމާވެގެންނެވެ. ސުވާލުކުރީ ކުރިން "ލޭ ނަގައިލާފައި" އޮންނާނެތޯ އެވެ. ފޯނަށް "މެސެޖު ލިބިލީ" ކުރިން ހެދި ޓެސްޓެއްގެ ރިޕޯޓް ނިމުމުން ކަމަށް ވެދާނެ ކަމަށް ބުންޏެވެ. އަދިވެސް މި ހުރީ "ވެލާފައި" އޮތް ގޮތެއް ބަލައިލާފައި ގުޅާލަންދެންނެވެ.

އިހަކަށް ދުވަަހަކު ކެފޭއަކުން ރައްޓެއްސަކު "ކެމޮމައިލް ޓީ" އަކަށް އޯޑަރު ދިނުމުން "ކެމޮމައިލް ޓީ ހުރީ ހުސްވެލާފައި" ކަމަށް ވެސް ބުންޏެވެ. އެހެންވެ "ހުސްވެލުން" ވެސް "ގިނަވެލަނީ" އޭ ހިތަށް އެރި އެވެ.

އެތަނުގައި ހިދުމަތް ދޭން އިން ޒުވާން އަންހެނަކު ބުނާ އަޑު އިވެނީ "ޑެންގީ ޓެސްޓް ކިޓް ހުސްވެލާފައި" ހުރި ކަމަށެވެ. އެ "ހުސްވެލާފައި" ހުރުމުން ޑޮކްޓަރު ގާތު އެ ޓެސްޓު ހެދެން ނެތް ވާހަކަ ބުނެލަން އެދުނެވެ. އެކަމަކު ދެން ހުރި ޓެސްޓުތައް "ހަތަރު ގަޑިއިރު ތެރޭ ލިބިލާނެ" ކަމަށް ބުންޏެވެ.

ބައެއް ބަސްތައް ލުއިކޮށްލުމުގެ ގޮތުން އިތުރުކޮށްލާ "ލުން" ޖެހުނު ކޮންމެ ބަހެއްގައި، ކޮންމެ ހާލަތެއްގައި ބޭނުންކުރުން މާނަ އޮޅި ބޮލަށް ވެސް އުނދަގޫވަނީ އެވެ. ތަނަކަށް ޝަކުވާއެއް ހިފައިގެން ދިއުމުން އެކަމާ ބެހޭ މީހެއްގެ ގާތު އެ ވާހަކަ "ބުނެލުން" މައްސަލައެއް ނެތެވެ. "ބުނެލުން" ގޮތަށް "އަރުވައިލުން" ބޭނުންކުރީމާ އެ ވަނީ ގޯހެވެ. "އަރުވައިލުން" އެއީ ޖަލަށް ލުން ފަދަ އަދަބެކެވެ. ރަދީފުގައި މި ބަހުގެ މާނަ އަކީ ކުރާބައެއް ކުށްކުށަށް ކަނޑައެޅޭ އަދަބެއްގެ ގޮތުން އެ ކުށްކުރި މީހާގެ ވަޒަން ނޫން ރަށަކަށް ފޮނުވައިލުމެވެ. އެހެންވެ ސްކްރީނަށް ނަންބަރު "އަރުވައިލުން" ކަމަކު ނުދާނެ އެވެ. ނަންބަރު "އަރުވާނީ" އެވެ.

އެންމެ އާންމުވެފައި ވަނީ "ނަގައިލުން" ކަމަށް ފެނެ އެވެ. މި ބަސް އެންމެ އާންމުކޮށް މާނަ އަކީ ތިމާގެ ހަވާލުގައިވާ އެއްޗެއް ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގުމަށެވެ. އެހެންވީމާ ކިއޫގައި ޖެހިގެން މެމޯއެއް "ނަގައިލަން" ބުނުމާއި "ފޮޓޯ ނަގައިލަން" ބުނަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ ހިދުމަތް ހޯދަން އަންނަ މީހާ ގާތު އެ ބުނެވެނީ އެ އެއްޗެހި ގެއްލުވައިލުމަށެވެ. މެމޯ އާއި ފޮޓޯ ވެސް ނަގާނީ އެވެ. ރީތި ބަހުން ނުވަތަ މާތް ބަހުން ބުނަން ބޭނުން ނަމަ "ނަންގަވާނީ" އެވެ. އެ އެއްޗެހި "ނަގައިލަދޭންވީތޯ" ނާހާށެވެ.

ބަޔަކު ހޮސްޕިޓަލަކުން ހިދުމަތް ހޯދަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބަޔަކު ހޮސްޕިޓަލަކުން ހިދުމަތް ހޯދަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ލުއިކޮށް ވާހަކަ ދައްކާއިރު މޭކަޕް ކޮށްލައިގެން، ރީތި ފައިވާނަކަށް އަރާލައިގެން ކިޔަންވީ އެވެ. އޭރުން ވާހަކަ ދައްކާއިރު ހަރުކަށި ރާގެއް ނުހުންނާނެ އެވެ. މި ބަސްތަކުން "ލުން" ކަނޑާލައިފި ނަމަ ހަރުކަށިކަން އަންނާނެ އެވެ. އޭރުން ބުނާނީ "މޭކަޕް ކޮށްގެން، ރީތި ފައިވާނަކަށް އަރައިގެން" އަންނަން ކަމަށެވެ. ބޭނުންވަނީ ހިދުމަތް ހޯދާ މީހުންނާ "ލުއިކޮށް" ވާހަކަ ދައްކަން ބޭނުން ވިޔަސް ބަސްތަކުގެ މާނަ އޮޅުވައިނުލާށެވެ. މެމޯ އާއި ފޮޓޯ އާއި ނަންބަރާއި ފޮޓޯކޮޕީ "ނަގައިލުން" ދޫކޮށްލާފައި ނެގުމަށް ނުވަތަ ނެންގެވުމަށް ބަދަލުކޮށްލާނީ އެވެ. އެކަމަކު ތަނެއްގައި ހުންނަ އެއްޗެއް "ހުސްވެލާފައި" އޭ ނުކިޔާނެ އެވެ.

މިހާ ހިސާބުން ހަނދާންނަށް އަންނަނީ ކުރީގެ ލިޔުމެކެވެ. ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި އުފެއްދި ބަސް ކޮމިޓީގައި އުޅުއްވި އަދި އެންމެ ފުރަތަމަ ތަރުތީބުކުރި ބަސް ފޮތްތައް ކަމަށްވާ "ރަދީފު" އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި، ތުއްތު ސާހިބުގެ ނަމުން މަޝްހޫރު އަބްދުﷲ އިސްމާއިލްގެ ބައެއް ވާހަކަތެވެ. ހިސާބު އިލްމަށް މަޝްހޫރަސް ދިވެހި ބަހުގެ އަކުރުތަކާއި ބަހާ މެދު ވެސް ތުއްތު ސާހިބު ގެންގުޅުއްވި ހަމަތަކަކީ މިއަދު ވެސް ދެއްކޭނޭ މިސާލުތަކެވެ.

އޭރުގެ ބައެއް ބޭފުޅުންނާ ހަވާލާދީ ބައެއް ލިޔުންތަކުގައިވާ ގޮތުން ބޮޑުންގެ ތެރޭގައި އެ ދުވަސްވަރު ދިވެހި ބަސްތަކެއްގެ ބަހުސް ފެށުނެވެ. ހަވީރު ނަލަ ހެދިގެން ލާ ހެދުމަކީ "ހަވީރީ ހެދުން" ކަމަށާއި ހަނދުވަރުދޭ ރޭރޭ ލާ ހެދުމަކީ "ހަނދުވަރީ ހެދުން" ކަމަށް ކިޔަން މަޝްވަރާކުރި އެވެ. ތުއްތު ސާހިބަށް މިކަމާ އެއްބަސްވެވަޑައެއް ނުގަނެވުނެވެ. ވިދާޅުވީ ތިޔަ އުޅެނީ ބޭރު ބަސް ބަހުގައި ހުންނަ ގޮތަށް ބަސް ހަދަން ކަމަށާއި އެހެން ނުހެދޭނެ ކަމަށެވެ. މިހެން ވިދާޅުވެފައި ހަވީރުގެ ހެދުން "ހަވީރީ ހެދުން" ކަމަށް ވަންޏާ އަޅުގަނޑުގެ ބަކަރިއޭ ބުނަން "އަޅުގަނޑީ ބަކަރި" އޭ ވެސް ކިޔޭނޭ ވިދާޅުވި ކަމަށްވެ އެވެ.

ބުނަން މި އުޅެނީ މީހަކު ނުވަތަ ބަޔަކު ކިޔާތީ އިވޭހާ ގޮތަކަށް ކޮންމެކޮންމެ ބަހެއް ނުކިޔޭނެ ކަމެވެ.