Roadha Mihaaru
އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ

ދިވެހި އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ

11 ފެބުރުއަރީ 2019

ދިވެހި މާއްދާ ކިޔަވަން ދަރިވަރުން ފޫހިވާކަމުގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މާދަރީ ބަސް ކަމަށް ވިއަސް، އެހެން ބަސްތަކަށް ވުރެ ދިވެހި ބަހަށް ބައެއް ދަރިވަރުން ދޭ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި މާއްދާގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން މިވަނީ މުހިއްމު ނިންމުމެއް ނިންމައިފަ އެވެ؛ އެއީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފެށުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި މާއްދާ ކިޔަވަން ދަރިވަރުން ފޫހިވާކަމުގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މާދަރީ ބަސް ކަމަށް ވިއަސް، އެހެން ބަސްތަކަށް ވުރެ ދިވެހި ބަހަށް ބައެއް ދަރިވަރުން ދޭ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި މާއްދާގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން މިވަނީ މުހިއްމު ނިންމުމެއް ނިންމައިފަ އެވެ؛ އެއީ ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފެށުމެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން އަންނަ އަހަރު ފަށަނީ ގްރޭޑު ނުވަކުން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ. އެކަމަށް ބޭނުންވާ ފޮތްތައް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. މިއީ ތައުލީމީ ދާއިރާއަށް ވެސް އަންނާނެ ބޮޑު ބަދަލެއް ކަމަށް އެންއީއައިގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު އަޒްރާ ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް އަށެއްކަ މަސް ދުވަހުގެ ތެރޭގައި ވަރަށް ހިތްހަމަޖެހޭ ފޮތްބައެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ގްރޭޑު 9 އަދި 10 ހިމެނޭ ކީ ސްޓޭޖް ހަތަރަކަށް އަދަބިއްޔާތު-1 އަދި ގްރޭޑު 11 އާއި 12 ހިމެނޭ ކީ ސްޓޭޖް ފަހަކަށް އަދަބިއްޔާތު-2 ވަނީ ތައްޔާރުކޮށްފަ އެވެ. އެ މާއްދާ ކިޔަވައިދޭން ފަށަނީ އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ކަމަށް ވިއަސް، ގިނަ ދަރިވަރުން ދިވެހި އަދަބިއްޔާތު ކިޔަވާނެ ކަމަށް އެންއީއައިން ދެކެ އެވެ.

ދިވެހި އަދަބިއްޔާތު-2 ގެ ފޮތް: ދަރިވަރުން ބަހާ މެދު އާ ވިސްނުމަކަށް ގެންދާނެ --މިހާރު ފޮޓޯ

ދިވެހި އަދަބިއްޔާތު-2 ގެ ފޮތް: ދަރިވަރުން ބަހާ މެދު އާ ވިސްނުމަކަށް ގެންދާނެ --މިހާރު ފޮޓޯ

"ބަހާއި އަދަބިއްޔާތަކީ ވަކިނުކުރެވޭނެ ދެ އެއްޗެއް. އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމުން ދިވެހި ވަންތަކަމާއި ދިވެހިންގެ ސަގާފަތާއި އެފަދަ ކަންތައްތަކަށް ދަރިވަރުންގެ ލޯބި ޖެހިގެންދާނެމ" އަޒްރާ ވިދާޅުވި އެވެ.

"އަދަބީ އުފެއްދުން ކިޔައި ބެލުމުގެ ސަބަބުން އަދަބިއްޔާތަށް ލޯބި ޖެހުމާ އެކު އަދަބީ އުފެއްދުން ކިޔައި ބެލުމުގެ ތެރޭގައި ބަހަށް ލޯބިޖެހި އަދަބީ އުފެއްދުންތަކަށް ފުންކޮށް ވިސްނާނެ، އެއަށް ފާޑުކިޔުމާއި އަދަބީ އުފެއްދުންތަކުން އުފާ ލިބިގެންދާނެ."

އޭނާ ވިދާޅުވީ އަދަބިއްޔާތުގެ ތެރެއިން ވެސް ބަހުގެ ހުނަރު ތަރައްގީކުރަން ލިޔުމާއި ކިއުމުގެ ހުނަރު ލިބޭނެ ކަމަށެވެ. މި ހުރިހާ ހުނަރުތަކެއް ޝާމިލްވެ، އަދަބީ އުފެއްދުންތަކާ މެދު އެކި ގޮތްގޮތުން ދަރިވަރުން ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދަބިއްޔާތުގައި ހުރި ރީތިކަމާއި ދިވެހި ބަހަކީ މުއްސަނދި ބަހެއްކަން އެނގިގެންދާނެ. އޭގެ ސަބަބުން ބަހާ މެދު ކުދިން ދެކޭ ގޮތް ބަދަލުވެ ޝައުގުވެރިވާނެ."

އަޒްރާ ވިދާޅުވީ ފޮތްތައް ވެސް ތައްޔާރުކޮށްފައިވަނީ ދިވެހި ބަހާ މެދު ޝައުގުވެރިކަން ބޮޑުވާނެ ގޮތަށް ކަމަށެވެ.

ދިވެހި އަދަބިއްޔާތަށް ހާއްސަކޮށްގެން ހަދާފައިވާ ފޮތް: މި މާއްދާ އަދި އޮންނާނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި .--މިހާރު ފޮޓޯ

ދިވެހި އަދަބިއްޔާތަށް ހާއްސަކޮށްގެން ހަދާފައިވާ ފޮތް: މި މާއްދާ އަދި އޮންނާނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި .--މިހާރު ފޮޓޯ

މިހާރު ވެސް ދިވެހި މާއްދާގައި އަދަބިއްޔާތުގެ ބައި ކޮންމެވެސް ވަރަކަށް ހިމެނެ އެވެ. އެގޮތުން އަދަބިއްޔާތުގެ ބައިތަކާއި ބައެއް އުފެއްދުންތަކާއި އަދީބުންގެ ފިލާވަޅުތައް ކިޔަވައިދެ އެވެ.

ލިޔުންތެރިކަމާއި ވަޒަން ބަހުރުވައިގެ މައްޗަށް އެކުލެވޭ އަދަބިއްޔާތުގެ ތެރޭގައި ކުރު ވާހަކަ، ދިގު ވާހަކަ، ޅެން، ރައިވަރު، ބަނދި، ފަރިހި، ލަވަ ހިމެނެ އެވެ. އެ ފޮތްތައް ތައްޔާރުކޮށްފައިވަނީ އަދަބިއްޔާތުގައި ހިމެނޭ މައިގަނޑު ތިން ބަހާއަށް އަމާޒުކޮށްފަ އެވެ. އެއީ ވާހަކައާ ވަޒަން ބަހުރުވައިގެ ބާވަތްތަކާއި ތަމްސީލެވެ. ކީ ސްޓޭޖް ހަތަރެއްގައި އެ ބާވަތްތައް ތަފްސީލުކޮށް ތައާރަފުކޮށްފައިވާއިރު ކީ ސްޓޭޖު ފަހެއްގައި އެ ތިން ބައި ކިޔަވައިދޭނީ އެއަށް ވުރެ ފުޅާކޮށެވެ.

"ކީ ސްޓޭޖް ހަތަރެއްގައި މި ހުންނަނީ ވާހަކައިގެ ތެރެއިން ކުރު ވާހަކަ. ކީ ސްޓޭޖް ފަހެއްގައި ހުންނާނީ ދިގު ވާހަކަ. ތަމްސީލުގެ ތެރޭގައި ވެސް ހުންނާނެ ރޭޑިއޯ ތަމްސީލާއި ސްޓޭޖު ތަމްސީލު، ދެ ބައި. ވަޒަން ބަހުރުވަ ބައިގެ ތެރޭގައި ވެސް ހުރިހާ އެއްޗަކަށް ހުންނާނެ އަމާޒުކޮށްފައި،" އަޒްރާ ވިދާޅުވި އެވެ.

ނަމަވެސް އަދަބިއްޔާތުގެ ފައިނަލް އިމްތިހާނު ދޭނީ ގައުމީ ފެންވަރުގައިތޯ ނުވަތަ ސްކޫލު ފެންވަރުގައިތޯ އަދި ނުނިންމަ އެވެ.

މުހިއްމު ކަމެއް، ހެޔޮ ފާލެއް

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އަދަބިއްޔާތަކީ ގައުމެއް އެއްބައިވަންތަ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމަކީ މުހިއްމު ބަދަލެއް ކަަމަށް ވިދާޅުވި އެވެ.

ނަމަވެސް އަޝްރަފު ގަބޫލުކުރަައްވާ ގޮތުގައި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނަސް އެކަމުގެ ފައިދާކުރާނީ މަޖުބޫރު މާއްދާއެއްގެ ގޮތަށް ބަދަލުކޮށްގެންނެވެ. މަޖުބޫރު މާއްދާގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އިސްލާމާއި ދިވެއްސާއި އިނގިރޭސި އަދި ހިސާބުގެ ތެރެއަށް ދިވެހި އަދަބިއްޔާތު ވެސް ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެޔޮ ބަދަލެއް. އެކަމަކު މަގުސަދު ބޮޑަށް ހާސިލްވާނީ މަޖުބޫރުކަމެއްގެ ގޮތުގައި އޮވެގެން،" އަދަބިއްޔާތުގެ މުގައްރަރު ތައްޔާރުކުރުމުގައި ވެސް މަސައްކަތް ކުރެއްވި އަޝްރަފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ބަހަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމަކީ އެ މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކިޔަވައިދިނުމުގެ އުސޫލު ބަދަލުކޮށް ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދިނުމުން ދިވެހި ބަހަށް ދަރިވަރުންގެ ލޯބި ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ގައުމީ ޔުނިވާސިޓީގައި ދިވެހި ބަސް ކިިޔަވައިދެއްވާ ލެކްޗަރާއެއް ކަމަށްވާ އަބްދުﷲ ޖަމީލް ވިދާޅުވީ އަދަބިއްޔާތު ވަކިން ކިޔަވައިދޭން ފެށުމަކީ ދަރިވަރުންގެ ލޯ ހުޅުވައިދޭނެ ކަމެއް ކަމަށެވެ. އެއާއެކު އަދަބީ މަސައްކަތްތަކަށް ދަރިވަރުންގެ ޝައުގު އުފެދި އުއްމީދީ ޖީލެއް ބިނާވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދަބިއްޔާތުގެ ފޮތެއް: އަންނަ އަހަރު މި މާއްދާ ތައާރަފުކުރާނެ -- މިހާރު ފޮޓޯ

އަދަބިއްޔާތުގެ ފޮތެއް: އަންނަ އަހަރު މި މާއްދާ ތައާރަފުކުރާނެ -- މިހާރު ފޮޓޯ

"މިހާރު ފޮތްތަކުގައި ހުންނަނީ ވަރަށް މަދުން. އެހެންވެ ވަކި މާއްދާއެއް ކިޔަވައިދޭން ފެށުމަކީ މުހިއްމު ބިންގަލެއް. އަދަބިއްޔާތެއް ލޯބިކުރާ ދަރިންތަކެއް އުފެދިގެންދާނެ،" އަދަބިއްޔާތުގެ ސިލަބަސް ލިޔުނު އަދި ދިވެހި ބަސް ކިޔަވައިދިނުމުގައި 20 އަހަރު ހޭދަކުރައްވާފައިވާ ޖަމީލް ވިދާޅުވި އެވެ.

"އަދަބީ އުފެއްދުންތައް އުފައްދާ މިންވަރު އިިތުރުވެގެންދާނެ. އެ މާއްދާ ކިޔަވާ ކުދިން، އެެހެން ކުދިންނާ ތަފާތުވެގެންދާނެ."

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޑރ. އަބްދުﷲ ރަޝީދުގެ ނަޒަރުގައި ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފެށުމަކީ ކުދިންގެ ސަމާލުކަން އެ ދާއިރާއަށް ބޮޑުވާނެ ކަމެކެވެ. އޭރުން ކުދިންގެ ވިސްނުން ހުންނާނީ ނަތީޖާއެއްގެ ބަދަލުގައި އަދަބިއްޔާތު ދިރުވައި އާލާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.