Roadha Mihaaru
ހުޅުމާލެއަށް ގަރާޖުތައް ބަދަލުކުރަން ބިން ދެނީ

މާލޭގައި ހުރި ގަރާޖުތައް ބަދަލުކުރަން ހުޅުމާލެއިން ބިން ދެނީ

29 ނޮވެމްބަރ 2022

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މާލޭގައި ހިންގާ 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް 1،000 އަކަފޫޓު އަދި އެއަށްވުރެ ބޮޑު ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

ގަރާޖުތައް ހަދަން ދޫކުރާ ބިމުގައި ދެ ފްލޯއަށް އިމާރާތްކުރެވޭނެ އެވެ.

މީހުން ދިރިއުޅޭ ގެތަކުގައި ހިންގާ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި އެ ތަންތަނުގައި ތަފާތު ކެމިކަލްތައް ބޭނުންކުރުމުން ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.

އެހެންވެ، އެޗްޑީސީން ބުނީ ރައްކާތެރި ތަނެއްގައި ގަރާޖުތައް ހިންގަން ބިން ދޫކުރުމަކީ އެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.

"މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއް،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ގަރާޖުތައް ބަދަލުކުރަން ބިން ހޯދުމަށް ވަކިން އިއުލާނުކުރާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.

މާލޭގައި ހުރި ގުދަންތައް ހުޅުމާލެއަށް ބަދަލުކުރަން ނިންމިއިރު، މ. ނިރުފެހި ގޭގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފަ އެވެ.

އޭގެ ހަތަރު ދުވަސް ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ކަމަށެވެ. އެ ތަނުން އެއްޗެއް ގޮވައި، މުޅި ގޭގައި ދޮޅު މިނެޓްގެ ތެރޭގައި ހުޅު ހިފި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާން ރޯވި ގަރާޖު ހިންގުމުގެ ހުއްދަ ސަރުކާރުން ދީފައި އޮތީ ހުޅުމާލޭގަ އެވެ. ގަވައިދާ ހިލާފަށް އެކަން ކުރި މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.