Roadha Mihaaru
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި

ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި

30 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 30) - ވޯލްޑް ކަޕުގައި އެންމެ ވާދަވެރިވި އެއް ގުރޫޕްގެ ގޮތުގައި މަޝްހޫރުވި ގުރޫޕް ބީ އިން، އިންގްލެންޑާއި އެމެރިކާ ދެވަނަ ބުރަށް ދެމިގެންފި އެވެ.

ދޯހާ (ނޮވެމްބަރު 30) - ވޯލްޑް ކަޕުގައި އެންމެ ވާދަވެރިވި އެއް ގުރޫޕްގެ ގޮތުގައި މަޝްހޫރުވި ގުރޫޕް ބީ އިން، އިންގްލެންޑާއި އެމެރިކާ ދެވަނަ ބުރަށް ދެމިގެންފި އެވެ.

އިންގްލެންޑުން ގުރޫޕްގެ އެއްވަނަ ހޯދީ މިރޭ ވޭލްސްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން މޮޅުވެ ޖުމުލަ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެމެރިކާއިން ދެވަނަ ހޯދީ އިރާންގެ މައްޗަށް 1-0 މޮޅުވެ ފަސް ޕޮއިންޓް ހޯދައިގެންނެވެ.

ވޭލްސް މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އިރާންގެ ޓީމަށް މިރޭ ކުރިމަތިވި މައްސަލަ އަކީ މާބޮޑަށް ފަހަތަށް ޖެހިގެން ތިބެ މެޗު ފެށުމެވެ. އެއްވަރުކޮށްލައިގެން ވެސް ދެވަަނަ ބުރަށް ދެވެން އޮތުމުން އިރާންގެ ކުޅުންތެރިންނަށް ގޭމް ފެށުނީ ޑިފެންސިވް ވިސްނުމެއްގަ އެވެ.

އެމެރިކާއިން ދިޔައީ ފުރަތަމަ ހާފު ފެށި ގޮތަށް ވެސް އިރާންގެ ފަހަތަށް ބާރު ބޮޑު ކުރުމުންނެވެ.

އެމެރިކާގެ ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ސާޖިނީ ޑެސްޓް ހުރަސްކޮށް ދިން ބޯޅައިން ކްރިސްޓިއަން ޕުލްސިޗެވެ. ލަނޑު ޖަހައި އުފާފާޅު ކުރުމުގެ ކުރިން އިރާންގެ ގޯލްގެ ތެރެއަށް އޭނާ ވެއްޓުނެވެ. އުފާފާޅު ކުރުމުގެ ގޮތުން އެމެރިކާގެ އެހެން ކުޅުންތެރިން އޭނާގެ ގައިގައި އޮލޫލައި ގަތީ އިރާންގެ ގޯލް ތެރޭގައި އޭނާ އޮއްވަ އެވެ.

އިރާނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އިރާނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ގޯލްގެ ތެރެއަށް ވެއްޓުނު ޕުލްސިޗަށް އަލުން ކުޅުމުގައި ބައިވެރިވެވުނީ ފަރުވާ ހޯދައިގެންނެވެ.

އިންގްލެންޑުން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. އެ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި މާކޯސް ރަޝްފާޑް ވަނީ އިންގްލެންޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި ފުރަތަމަ 11 ގައި ހިމެނިގެން އަލަށް ކުޅެން ނުކުތް ފިލް ފޮޑެން ވަނީ އެ ގޯލް ޖެހިތާ މިނެޓެއް ނުވަނީސް އިންގްލެންޑްގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ ލަނޑު ޖެހީ ހެރީ ކޭން ތަނަވަސްކޮށް ދިން ފުރުސަތުންނެވެ.

އިންގްލެންޑްގެ ތިންވަނަ ލަނޑު ރަޝްފާޑް ޖެހީ ކެލްވިން ފިލިޕްސް ދިން ބޯޅައިންނެވެ.

ދެވަނަ ބުރުގައި އިންގްލެންޑް ވާދަކުރާނީ މިރޭ ކުޅެ ނިމުނު ގުރޫޕް އޭގެ ދެވަނަ ހޯދި ސެނެގާލްއާ ދެކޮޅަށެވެ. އެމެރިކާ ވާދަކުރާނީ އެ ގުރޫޕުގެ އެއްވަނަ ހޯދި ނެދަލެންޑްސް އާ ދެކޮޅަށެވެ.

ނެދަލެންޑްސް އާއި އެމެރިކާގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު އެވެ. އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާިއރު އިންގްލެންޑާއި ސެނެގާލް ކުޅޭ މެޗު އޮންނާނެ އެވެ.