Roadha Mihaaru
ހުކުމާ އެއްގޮތަށް ޖޫރިމަނާފައިސާ ނުދައްކާ މީހުން ހޯދަނީ

ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މީހުން ހޯދައި ކޯޓުތަކަށް އަންގަނީ

01 ޑިސެމްބަރ 2022

ޖިނާއީ ކުށްތަކާ ގުޅިގެން ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތަކުގައި ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި، އެ މީހުން ފައިސާ ނުދައްކާކަން ކޯޓުތަކަށް އަންގަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުރަތަމަ ފަހަރަށް ނިންމައި އެ ކަން ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިނާއީ ކުށްތަކާ ގުޅިގެން ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތަކުގައި ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި، އެ މީހުން ފައިސާ ނުދައްކާކަން ކޯޓުތަކަށް އަންގަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުރަތަމަ ފަހަރަށް ނިންމައި އެ ކަން ފަށައިފި އެވެ.

މިއީ ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު ޕީޖީ އޮފީހުން އިސްނަގައިގެން ކޯޓުތަކަށް އަންގާ ފުރަތަމަ ފަހަރެވެ.

ހުކުމުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި އެ ފައިސާ ދައްކަން އަންގާ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި އޮވެ އެވެ.

ޕީޖީ އޮފީހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އުސޫލުގައި އެހެން އަމަލު ކުރަން އަންގާފައިވާތީ، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މީރާ މެދުވެރިކޮށް ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި، މިހާތަނަށް ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަ ވެ އެވެ.

އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާ ނުދައްކައި އެބަތިއްބެވެ.

ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައިވާ މުއްދަތުގައި ނުދައްކާ ނަމަ އެ މީހަކަށް ޖަލު އަދަބެއް ކަނޑައަޅަން ނުވަތަ ޖޫރިމަނާގެ އަދަބަށް ވުރެ ބުރަ އަދަބެއް ކަނޑައެޅިދާނެ ކަމަށް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި އޮވެ އެވެ.

މިއީ ޕީޖީ އޮފީހުން އިސް ނަގައިގެން ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓުތަކަށް އަންގާ ފުރަތަމަ ފަހަރެވެ.