އަލިމަސް ކާނިވަލުގައި ކުރިން ސްލޭމް ފުޑް ކޯޓު ހުރި ތަނުގައި ހިންގާ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހުސްކުރަން ހައުސިން މިނިސްޓްރީން ރޭ އެންގުމަށް ފަހު، އެ އެންގުން އަނބުރާ ގެންގޮސްފި އެވެ.
12 ޖެނުއަރީ 2017
އަލިމަސް ކާނިވަލުގައި ކުރިން ސްލޭމް ފުޑް ކޯޓު ހުރި ތަނުގައި ހިންގާ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހުސްކުރަން ހައުސިން މިނިސްޓްރީން ރޭ އެންގުމަށް ފަހު، އެ އެންގުން އަނބުރާ ގެންގޮސްފި އެވެ.
އެ ރެސްޓޯރަންޓް ހުސްކުރަން ރޭ އެންގިއިރު، މާލޭ ސިޓީ ކައުންސިލާ އެކު ވެފައިވާ ދިހަ އަހަރުގެ އެއްބަސްވުމެއް އެބައޮތް ކަމަށް އެތަނުން ބުންޏެވެ.
ދޮންމަނިކު ސްކައިވިއު ހިންގާ އިމާރާތުގައި ހުރި ތަންތަނުގެ ތެރެއިން ހައުސިން މިނިސްޓްރީން ހުސްކުރަނީ އެތަން ކުރިން ކުއްޔަށް ހިފި މ. ވިލާދޮށުގެ، އަސްލަމް ރަޝީދުގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެވެ.
ދޮންމަނިކު ސްކައިވިއު ހިންގާ ހާމިދު އަފީފް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ރެސްޓޯރަންޓް ހިންގާ ތަން ހައުސިން މިނިސްޓްރީން ހުސްކުރަން އެންގީ ސަރުކާރާއެކު 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ތަންފީޒުނުކޮށް ކަމަށެވެ. ނަމަވެސް އެތަން ހުސްކުރަން އެންގި އެންގުން އަނބުރާ ގެންގޮސް މައްސަލަ ހައްލުކުރަން ދެ ފަރާތުން ވާހަކަތައް ފެށުމަށް ދައުވަތުދީފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ.
ކާނިވަލް ހުންނަ ސްލޭމް ފުޑް ކޯޓު ކުރިން ހުރި ތަން ހުސްކުރަމުންދާއިރު ފުލުހުން އެތަނުގެ ބޭރުގައި ފުލުހުންގެ ބަޔަކު މިއަދު މަޑުކޮށްލައިގެން.
"މި އިމާރާތަކީ އަޅުގަނޑު ބިޑްކޮށް ކާމިޔާބުކޮށްފައިވާ ތަނެއް. ނަމަވެސް މިތަން ސަރުކާރުން ހަވާލުނުކޮށް މިހާ ދުވަސްވުމަށްފަހު ކުއްލިއަކަށް ހުސްކުރަން އެންގި ސަބަބެއް ނޭނގެ. މިތަން އަޅުގަނޑާ ހަވާލުކުރަން ކޯޓުން ވެސް އަމުރުކޮށްފައި އެބަ އޮތް. މިތަން ހުސްކުރަން ހައުސިންއަކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.
ހާމިދު ވިދާޅުވީ 152 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް ހުސްކުރަން ހައުސިން މިނިސްޓްރީން ރޭ އެންގި ކަމަށެވެ. ނަމަވެސް ސައްހަ އެގްރިމަންޓެއް އޮއްވައި އެތަން ހުސްކުރެވޭނީ ކޯޓު އަމުރަކުން ކަމަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިނގަ ހިނގާ ހުރި ރެސްޓޯރަންޓެއް ކުއްލިއަކަށް ބަންދުކުރަން އެންގިއިރު މިތަނުގެ ފަރާތުން ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންމިދަނީ. އަނެއްކާ ކޯޓުން އަމުރުކޮށްފައި އެބައޮތް އެގްރިމަންޓަށް އިހުތިރާމްކުރުމަށާއި ހައުސިން މިނިސްޓްރީން ވާހަކަދައްކައިގެން ދެ ފަރާތުން މައްސަލަ ހައްލުކުރަން. ނަމަވެސް މިހާތަނަށް އަޅުގަނޑާ ތަނެއް ހަވާލެއް ނުކުރޭ،" ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެސްޓޯރަންޓް ކުއްލިއަކަށް ބަންދުކުރަން ޖެހުމުން އެތައް ބައެއް ވަޒީފާ ގެއްލި، މާލީ ގޮތުން ފޫނުބެދޭވަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ސަރުކާރުން ވިޔަފާރިވެރިއަކަށް ގެއްލުންވާނެ ގޮތަކަށް އަމަލުނުކުރާނެ ކަމަށް. އަދި އަޅުގަނޑު އެދުނު ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން މިހާރު މިވަނީ ވިސްނުން ބަދަލުކޮށްފައި،" ހާމިދު ވިދާޅުވި އެވެ.
ދޮންމަނިކު ސްކައިވިއު ހިންގާ ތަން ހުސްކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ބިން އަސްލަމް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ އެ ބިން ހުސްކުރަން ނޯޓިސް ދިނުމަށްފަހު ހުސްކުރަމުން އަންނަ ކަމަށެވެ. އަދި އަސްލަމް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ބިމުން ބައެއް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ނަމަ އެ ބައެއް ވެސް ހުސްކޮށް، އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ހުސްކުރަން އެންގި ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް: އެތަން ހުސްކުރަން އެންގީ އެގްރިމަންޓާ ހިލާފަށް ކަމަށް ބުނޭ.
ހާމިދު ވިދާޅުވީ އަސްލަމް އެތަން ގަވައިދާ ހިލާފަށް ބޭނުންކުރަމުން ދިއުމަކީ، އެ ރެސްޓޯރަންޓް ހުސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެތަން ހައުސިންއަށް ހަވާލުނުކުރެވިގެން އުޅެނީ އެއްވެސް ފަރާތަކުން އެންގި އެންގުމަށް އަސްލަމް އަމަލުކުރަމުންނުދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިވަގުތު ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
ޗިލެކްސް ހިންގި އިމާރާތް ތަޅާލައިފި
ހަމަ އެއްވެސް މިސްރާބެއް ނެތް!
ޗިލެކްސް ހުސްކުރަނީ މައްސަލަ އިސްތިއުނާފްގައި އޮއްވާ
ކާނިވަލުގެ ހުރިހާ ތަނެއް ހުސްކުރަން ނޯޓިސް ދީފި
ކާނިވަލުގެ ޗިލެކްސް ކެފޭ ފުލުހުން ބަންދުކޮށްފި
ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ހުސްކުރަނީ
ނިއުޕޯޓް ވިއު ހިންގި އިމާރާތް ސަރުކާރުން ބަންދުކޮށްފި
ކާނިވާ ސަރަހައްދުގައި ހުއްދަ ނެތި އިމާރާތެއް އަޅަނީ
އެމްޑީޕީއަށް ދޫކުރީ ކާނިވާ ސަރަހައްދު
"ބޮޑު ޖަލްސާ އަކީ އަޖައިބު ބައްދަލުވުމަކަށް ވާނެ"