Roadha Mihaaru
ކާނިވާ ސަރަހައްދުގައި ހުއްދަ ނެތި އިމާރާތެއް އަޅަނީ

ކާނިވާ ސަރަހައްދުގައި ހުއްދަ ނެތި އިމާރާތެއް އަޅަނީ

28 އޯގަސްޓް 2019

ހުއްދަ ނުހޯދާ ގަވައިދާ ހިލާފަށް ކާނިވާ ސަރަހައްދުގައި ބަޔަކު އިމާރާތެއް އަޅަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުއްދަ ނުހޯދާ ގަވައިދާ ހިލާފަށް ކާނިވާ ސަރަހައްދުގައި ބަޔަކު އިމާރާތެއް އަޅަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފު ވިދާޅުވީ ކުރީގެ ލިލީ ރެެސްޓޯރަންޓް ހުރި ސަރަހައްދުގައި ބަޔަކު މީހުން އިމާރާތެއް ހަދަމުންދާކަން އެނގިވަޑައިގަތީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލަން ދެ ފަހަރެއްގެ މަތިން ސިޓީ ކައުންސިލުން އެންގުމުން ވެސް ދަންވަރު ވަގުތުތަކުގައި މަސައްކަތް ކުރި އެވެ.

އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި އިމާރާތެއް ކުރާ ނަމަ އެކަމުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދަން ޖެހެ އެވެ.

ކާނިވާ ސަރަހައްދުގެ އެ ބިމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށްޓަކައި ވަނީ ކަޅު ދާ ވަށައިގެން ޖަހައިފަ އެވެ. ކޮންސްޓަކްޝަން މަސައްކަތް ކުރަނީ ކޮން ކުންފުންޏެއް ކަން ނޭންގޭ އިރު ކޮންސްޓްރަކްޝަން ކުރުމަށް ބޭނުން ކުރާ އެއްވެސް ސާމާނެއް އެތަނުގައި މިހާރަކު ނެތެވެ. އެހެން ނަމަވެސް އެތަނުގައި ހަދާފައި ހުރި އިމާރާތަށް ބަލާއިރު އެއީ ވަރަށް ފަހުން ހަދާފައިވާ ތަނެއް ކަން އެނގެ އެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮށްފައިވާ ކަމުގެ ނިޝާންތައް އެތަނުން ފެންނަން ހުއްޓެވެ.

ހުއްދަ ނުހޯދާ ކާނިވާ ސަރަހައްދުގައި ހަދާ އިމާރާތް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުއްދަ ނުހޯދާ ކާނިވާ ސަރަހައްދުގައި ހަދާ އިމާރާތް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ލީގަލް ޓީމުން އެކަން ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް އެ މިނިސްޓްރީން ދީފައެއް ނުވެ އެވެ.

ކާނިވާ ސަރަހައްދުގައި ގިނަ ކެފޭތަކެއް އަންނަނީ ހިންގަމުންނެވެ. އެ ސަރަހައްދުގައި ކެފޭތައް ހިންގާތާ އެތައް ދުވަހެއް ވެފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ޒަމާނީ ފެންވަރަށް އެތަން ތަރައްގީ ކުރުމަށްޓަކައި 2017 ވަނަ އަހަރު ވަނީ އެތަނުގައި ހިންގާ ހުރިހާ ކެފޭއެއް ބަންދު ކުރުމަށް ނޯޓިސްދީފަ އެވެ. އެހެން ނަމަވެސް އޭރު ކެފޭތައް ބަންދުކޮށްފައެއް ނުވެ އެވެ.