Roadha Mihaaru
ނެޓްވޯކު މައްސަލައަށް އަދިވެސް މުޅިން ހައްލެއް ނުލިބޭ

ނެޓްވޯކަށް ދިމާވި މައްސަލައަށް އަދިވެސް މުޅިން ހައްލެއް ނުލިބޭ: ދިރާގު

12 ޖެނުއަރީ 2017

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް އަދިވެސް ޑީޑޮސް ހަމަލާތައް ދެމުން އަންނާތީ މައްސަލަ މުޅިން ހައްލުނުވާ ކަމަަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް އަދިވެސް ޑީޑޮސް ހަމަލާތައް ދެމުން އަންނާތީ މައްސަލަ މުޅިން ހައްލުނުވާ ކަމަަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދޭ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކާ ގުޅިގެން މިއަދު މެންދުރު ގަޑިއެއްހާއިރަށް މޮބައިލް ޑޭޓާ އަދި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުނެވެ. އެ މައްސަލަ ހައްލުކުރަން ދިރާގުގެ އިންޖިނިއަރުންގެ ޓީމުން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ އިންޓަނެޓް ނެޓްވޯކަށް މިއަދު 11:40 އިން ފެށިގެން 12:10 އާ ދެމެދު ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ނެޓްވޯކް ހަމަޔަކަށް އެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީޑޮސް އަކީ ކޮބާ؟

- ޑީޑޮސް އަކީ މުވާސަލާތީ ހިދުމަތަކަށް އަމާޒުކޮށް، ވައިރަހެއް ނުވަތަ އެ ފަދަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް، މެދުކެނޑުމެއް ނެތި ދޭ ހަމަލާއެއް. މި ހަމަލާގެ ސަބަބުން ވެބްސައިޓެއް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދޭ ހިދުމަތަކަށް އަންނަ ޓްރެފިކް މައްޗަށް ގޮސް، އެ ވެބްސައިޓް ނުވަތަ ހިދުމަތެއް ޑައުންވޭ.

- ޑީޑޮސް ހަމަލާ އަމާޒު ކުރަނީ އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކުގެ އިތުރަށް، އޮންލައިން ނޫސްތަކާއި ބޭންކުތައް ފަދަ މުހިއްމު ހިދުމަތްތަކަށް

- ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާލަކު 2،000 އަށް ވުރެ ގިނަ ޑީޑޮސް ހަމަލާ ފޮނުވާ

- ވެބްސައިޓެއް ނުވަތަ ހިދުމަތެއް މެދުކެނޑޭ ތިން ފަހަރުން އެއް ފަހަރު އެކަން މެދުވެރި ވަނީ ޑީޑޮސް ހަމަލާއެއްގެ ސަބަބުން

- ޑީޑޮސް ހަމަލާތަކުން ރައްކާތެރިވުމަށް ބޮޑެތި ހުރިހާ ކުންފުނިތަކަކުން ފިޔަވަޅުތައް އަޅާ. އޭގެ ތެރޭގައި ފަޔަވޯލްގެ އިތުރުން ބެކަޕް ސިސްޓަމްތައް ގާއިމްކޮށް، އޭގެ ސެކިއުރިޓީ ވަރުގަދަ ކުރުން ފަދަ ކަންކަން ހިމެނޭ.

"މިއަދު ވެސް އެ ހަމަލާތައް ދެމުންދާތީ މިޓިގޭޓްކުރަން އިންޖިނިއަރުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އަދި އެ މައްސަލަ ހައްލުކުރަން ބޭރުގެ ފަރާތްތަކާ ގުޅިގެން ވެސް މިދަނީ މަސައްކަތްކުރަމުން،" މިރުޝާން ވިދާޅުވި އެވެ.

ދިރާގާއި އުރީދޫން ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު ވެސް ބުރޫއެރި އެވެ. އެ ގޮތުން، އޭޑީއެސްއެލް އަދި މޮބައިލް އިންޓަނެޓް ދޭތެރެ ދޭތެރެއިން މެދުކެނޑުމާއި ސްޕީޑް ވަަރަށް ބޮޑަށް ދަށްވުން ފަދަ ކަންކަން ކުރިމަތިވި އެވެ.