Roadha Mihaaru
ރޮނާލްޑޯ ނެތި ޕޯޗުގަލް މާ ވަރުގަދަ

ރޮނާލްޑޯ ނެތި ޕޯޗުގަލް މާ ވަރުގަދަ

07 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 7) - ކެޕްޓަން އަދި ޓީމުގެ ސްޓާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން ސްވިޒަލެންޑް ތަފާތުބޮޑުކޮށް މޮޅުވި މެޗަކީ މިފަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލްގެ އެންމެ ފުރިހަމަ މެޗެވެ.

ލުސައިލް (ޑިސެމްބަރު 7) - ކެޕްޓަން އަދި ޓީމުގެ ސްޓާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން ސްވިޒަލެންޑް ތަފާތުބޮޑުކޮށް މޮޅުވި މެޗަކީ މިފަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލްގެ އެންމެ ފުރިހަމަ މެޗެވެ.

ރޮނާލްޑޯ ބެންޗަށް ބަދަލު ކުރުމަށް ފަހު ކޯޗު ފެނާންޑޯ ސަންޓޯސް ފުރުސަތު ދިނީ ގޮންކާލޯ ރާމޮސް އަށެވެ. އޭނާ ދަނޑުން ފޭބީ ހެޓްރިކަކާ އެކު އެވެ. ބެންފީކާގެ ޒުވާން ފޯވާޑް ބުނީ ވޯލްޑް ކަޕުގައި ހެޓްރިކެއް ހެދޭނެ ކަމަށް އޭނާ ހީވެސް ނުކުރާ ކަމަށެވެ.

އެކަމަކު ސްޓައިލްގައި ކުޅެލިތަން ފެނުނީ 21 އަހަރުގެ ރާމޯސް އެކަންޏެއް ވެސް ނޫނެވެ. މުޅި ޓީމުން ތަފާތު ކުޅުމެއް ދެއްކި އެވެ.

ރޮނާލްޑޯ އަށް ބަރޯސާ ވުމެއް ނެތް

މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާގެ ކުރީގެ ޖާދޫ ދެއްކުމުގައި އުނދަގޫ ވެފަ އެވެ. އޭނާ ހުރެގެން މިހާރު ކުޅޭ މެޗުތައް މުޅި ޓީމަށް ޖެހިފައި ވަނީ ސްލޯ ޓެމްޕޯއެއްގައި ކުޅޭށެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސް (ވ) ރޮނާލްޑޯ އާ ވާހަކަ ދައްކަނީ: މީޑިއާގެ ކުރިމަތީގައި ސަންޓޯސް ވަނީ ރޮނާލްޑޯ އަށް ތައުރީފް ކޮށްފަ --- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ ކޯޗު ސަންޓޯސް (ވ) ރޮނާލްޑޯ އާ ވާހަކަ ދައްކަނީ: މީޑިއާގެ ކުރިމަތީގައި ސަންޓޯސް ވަނީ ރޮނާލްޑޯ އަށް ތައުރީފް ކޮށްފަ --- ފޮޓޯ: އޭއެފްޕީ

އިދިކޮޅު ޓީމުގެ ޑިފެންސަށް ނުރައްކާ ކުރުމުގައި ރޮނާލްޑޯ އަށް ވަރުގަދަ ކަމެއް މިހާރު ނުދެއްކެ އެވެ. ޕޯޗުގަލްގެ ޓީމުން އޭނާ އަށް ބަރޯސާވާ ތަނެއް މިހާރު ނުފެނެ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި އޭނާ ކުޅެން ނުކުތް އިރު ޕޯޗުގަލް އޮތީ 5-1 ން ކުރީގަ އެވެ. ވަރުބަލިކަމުގެ އިހްސާސެއް ނެތް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ނަމަވެސް އޭނާ އަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. ރޮނާލްޑޯ ނެތި ޕޯޗުގަލް ފެނުނީ މެޗު ފެށިގެން ނިމެންދެން ޑޮމިނޭޓް ކުރި ތަނެވެ.

އެކަމަކު މީޑީއާގެ ކުރިމަތީގައި ޕޯޗުގަލްގެ ކޯޗު ސަންޓޯސް ވަނީ ރޮނާލްޑޯ އަށް ތައުރީފުކޮށް އަދި އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ސަންޓޯސް ބުނީ ރޮނާލްޑޯ ބެންޗުގައި ބޭންދީ ގޭމް ޕްލޭނާ އެއްގޮތަށް ކަމަށެވެ.

"އަހަރެމެން ޖެހޭނެ ޖަމާއީކޮށް މުޅި ޓީމާ މެދު ވިސްނަން. އަހަންނާ ރޮނާލްޑޯ އާ ވަރަށް ގަތް ގުޅުމެއް އޮވޭ. އޭނާގެ އުމުރުން 19 އަހަރުގައި ސްޕޯޓިން ލިޒްބަން ދުވަސްވަރުން ފެށިގެން އަހަރެން އޭނާ ދަންނަން. މިހާރު ގައުމީ ޓީމުގައި އެކުގައި އަހަރުތަކެއް މިވީ،" ރޮނާލްޑޯ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަންޓޯސް ބުންޏެވެ.

"އަހަންނާއި ރޮނާލްޑޯ އަށް ވެސް އޮޅިފައެއް ނެތް ކޯޗަކާއި ކުޅުންތެރިޔެއްގެ ދެމެދުގައި އޮންނަ ޕްރޮފެޝަނަލް ގުޅުމުގެ މާނައެއް. އޭނާ އަކީ މި ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް."