Roadha Mihaaru
"މިނިވަން އިންތިހާބެއް ނުބޭއްވޭ ނަމަ އިސްތިއުފާދީ"

މިނިވަން އިންތިހާބެއް ބާއްވަން ނުކުޅެދިފައިވާ ނަމަ މެމްބަރުން އިސްތިއުފާ ދެއްވަން މައުމޫން ގޮވާލައްވައިފި

12 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިނިވަންކަމާއި މުސްތަގިއްލު ކަން ނަގަހައްޓައި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންތިހާބެއް ބާއްވަން ނުކުޅެދިފައިވާ ނަމަ، އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިނިވަންކަމާއި މުސްތަގިއްލު ކަން ނަގަހައްޓައި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންތިހާބެއް ބާއްވަން ނުކުޅެދިފައިވާ ނަމަ، އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވައި މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވަކި ބަޔަކަށް މަންފާ ހޯދައިދޭން އިލެކްޝަންސް ކޮމިޝަނުން ހިންގާ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޑިމޮކްރަސީގެ ވެސް އުސޫލްތަކާ ހިލާފަށް ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީން ވެސް އެކަން ކުށްވެރިކުރާ ކަަމަށް ބަޔާނުގައިވެ އެވެ.

އިންތިހާބުގެ ތާރީހު ލަސްކޮށް އެޕްރީލް 8 ގައި މުޅިން އާ އިންތިހާބެއް ބާއްވަން އިއުލާންކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ވެސް ހިލާފަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އިންތިހާބު ފަސްކުރުމަށް ބަޔަކު ރާވައިގެން ހިންގަމުން ދިޔަ އަމަލުތަކުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަނުން ވަދެ، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް އިހުމާލުވަމުންދާކަން ހިތާމައާ އެކު ފާހަގަކުރަމެވެ،" މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާ އިންތިހާބަކަށް އިއުލާންކޮށްފައި ވަނީ، ކުރިން ހުޅުވާލި އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 900 ކެންޑިޑޭޓުންގެ ހައްގުތަކަށް ވެސް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެވެ.

ބަޔާން ނިންމާލައްވަމުން މައުމޫން ގޮވާލެއްވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދިނުމަށެވެ.

މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ.