Roadha Mihaaru
އިންތިހާބުގެ ކުރިން ކައުންސިލަރުންގެ ޝަރުތު ބަދަލުކުރަނީ

ކައުންސިލްތަކަށް ކުރިމަތިލާ މީހުންނަށް އާ ޝަރުތުތަކެއް ކަނޑައަޅަނީ

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބޭއްވުމުގެ ކުރިން، އެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް، ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަދަލުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބޭއްވުމުގެ ކުރިން، އެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް، ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަދަލުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން މި ނިންމީ، ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކަށް ފަހު ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސްކޮށްފައި ވަނިކޮށެވެ.

އޭޕްރީލް 8 ގައި ބާއްވަން ކުރިން އިއުލާން ކުރި އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި މައިގަނޑު ގޮތެއްގައި ވަނީ ކައުންސިލަރުންގެ ޝަރުތުތަކަށް ބަދަލު ގެނައުމެވެ. މި ނޫނަސް އެހެން ބައެއް އިސްލާހުތައް ހިމެނޭ މި ބިލަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. ނަމަވެސް މި ބިލާ ބެހޭ ގޮތުން މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގެ ހޯމަދުވަހު ފަށާ މަޖިލީހުގެ އާ ދައުރަށް މި ބިލް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު އޮންނަ ގޮތުން ނަމަ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހަތް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުމެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިހާބު ތިން ވަނަ ފަހަރަށް ފަސްކުރީ ވޯޓުފޮށި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށެވެ. އަދި މިގޮތަށް ނިންމީ ގައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާގުން ކަމަށް ވެސް ބުންޏެވެ.

އިންތިހާބު ފަސްކުރަން އެންމެ ފުރަތަމަ ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުސްތަޝާރު ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހި ޕާޓީ ދެބައިވުމުން، ކައުންސިލް އިންތިހާބަށް ތައްޔާރުވާން ވަގުތު ނެތް ކަމަށް ބުނެ އެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމަށް ވާދަ ނުކުރެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.