Roadha Mihaaru
އެފްރިކާގެ ފުޓްބޯޅަ ބަދަލުކޮށްލި މޮރޮކޯގެ "ގާޑިއޯލާ"

މޮރޮކޯގެ "ގާޑިއޯލާ" އެފްރިކާގެ ފުޓްބޯޅަ ބަދަލުކޮށްލި ކޯޗު

11 ޑިސެމްބަރ 2022

"އަހަންނަށް ތަފާތު އެކި ސްޓައިލްތަކަށް ކުޅުވިދާނެ، އަހަރެންނަށް ވަރަށް ކަމުދޭ ޕެޕް ގާޑިއޯލާ، ޑިއޭގޯ ސިމޮއޯނީ ކާލޯ އަންޗެލޮޓީ. އެކަމަކު އަހަރެންގެ ވެސް އޮވޭ އަމިއްލަ ސްޓައިލެއް ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލައިގެން ގޭމް އެކި ގޮތަށް ރާވާލެވި ދާނެ،" މިއީ ވޯލްޑް ކަޕު ފެށުމުގެ ކުރިން މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނި ވާހަކަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"އަހަންނަށް ތަފާތު އެކި ސްޓައިލްތަކަށް ކުޅުވިދާނެ، އަހަރެންނަށް ވަރަށް ކަމުދޭ ޕެޕް ގާޑިއޯލާ، ޑިއޭގޯ ސިމޮއޯނީ ކާލޯ އަންޗެލޮޓީ. އެކަމަކު އަހަރެންގެ ވެސް އޮވޭ އަމިއްލަ ސްޓައިލެއް ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލައިގެން ގޭމް އެކި ގޮތަށް ރާވާލެވި ދާނެ،" މިއީ ވޯލްޑް ކަޕު ފެށުމުގެ ކުރިން މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނި ވާހަކަ އެވެ.

ފްރާންސަށް އުފަން ކުރީގެ ޑިފެންޑަރު ވަނީ މޮރޮކޯގެ ގައުމީ ޓީމަށް 45 މެޗުގައި ކުޅެފަ އެވެ. އެކަމަކު ކުޅުންތެރިޔެއްގެ ގޮތުގައި ވޯލްޑް ކަޕާ ހަމަ އަށް މޮރޮކޯ އާއެކު އޭނާ އަކަށް ދެވިފައެއް ނުވެ އެވެ. ގައުމީ ޓީމުގެ ކޯޗުކަން އޯގަސްޓް މަހު ފަހުކޮޅު އޭނާ އާ ހަވާލުކުރުން ވެސް ވީ އާ ކަންކަމަކަށް އުންމީދު ކުރެވުނު ވަގުތަކަށެވެ. އެއީ އެފްރިކާގެ ފުޓްބޯޅައިގައި އޭނާ ހޯދައިފައިވާ ކާމިޔާބުގެ ސަބަބުންނެވެ.

އެފްރިކާގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ކްލަބް މިސްރުގެ އަލް އަހުލީ ބަލިކޮށް މެއި މަހު، މޮރޮކޯގެ ވައިދާދް ކަސަބްލަންކާ އަށް އެފްރިކާގެ ޗެމްޕިއަންސް ލީގު ހޯދައި ދިން މެޗުގެ ކޮމެންޓްރީ ގެނެސް ދިން ޓިއުނީޝިއާގެ ކޮމަންޓޭޓަރު، ވަލީދު އަށް މުހާތަބު ކުރީ "މޮރޮކޯގެ ގާޑިއޯލާ" ގެ ނަމުންނެވެ. އެ މެޗުގައި އޭނާގެ ޓީމު ކުޅުވި ހަލުވި އެޓޭކިން ގޭމަށް ގިނަ ބަޔަކު ތައުރީފް ކުރި އެވެ.

މޮރޮކޯގެ ކުރީގެ ކޯޗު ރަޝީދު ތައުސީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ވަލީދު އަކީ ޖެހިލުން ކުޑަ ނިންމުންތަކެއް ކޯޗިން ކެރިއާގައި ނިންމި ކޯޗެކެވެ. ގައުމީ ޓީމަށް އައިސް އޭނާ އެންމެ ފުރަތަމަ ނިންމީ، ގައުމީ ޓީމުގެ ކޯޗުންނާ މައްސަލަ ޖެހިގެން ގައުމީ ޓީމާ ދުރުގައި ހުރި ހާކިމް ޒިޔެޝް ގައުމީ ޓީމަށް ގެނައުމެވެ.

އޭނާ ނިންމި ކުއްލި ނިންމުންތަކުގެ ފައިދާ ފެނުނެވެ. އެންމެ ފަހުގެ ރަނަރަފް ކްރޮއޭޝިއާ އާއި ތިންވަނަ ހޯދި ބެލްޖިއަމް އާއެކު ވަރުގަދަ ގުރޫޕެއްގައި ހިމެނި މޮރޮކޯއިން ކުރިއަށް ދެމިގަތުމަކީ ވެސް ހައިރާން ކުރުވަނިވި ނަތީޖާ އަކެވެ.

އޭގެ ފަހުން ދެވަނަ ބުރުގައި ސްޕެއިން ބަލި ކުރުމާއި ރޭ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލި ކުރުމަކީ އެފްރިކާގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެ ބައްރުގެ ޓީމަކުން ނެރުނު އާދަޔާ ހިލާފް ނަތީޖާ އެކެވެ.

ވަރުގަދަ މެޗުތަކުގައި ނަތީޖާ ނެރެން ވަލީދު ގެންގުޅުނީ ޑިފެންސިވް ސްޓްރެޓަޖީއެއްގައި ކުޅެ ހަލުވި ކައުންޓަ އެޓޭކު ގޭމެކެވެ. ގުރޫޕް ސްޓޭޖުގައި ކެނެޑާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އިސްކަން ދިނީ އެޓޭކިން ގޭމަކަށެވެ. އޭނާ އެންމެ ފުރަތަމަ އިސްކަން ދެނީ ޓީމުގެ ދިފާއު އަށެވެ. ޑިފެންސްގައި ރަނގަޅު ކަވަރެއް ދީ ދެން އިސްކަން ދެނީ އެޓޭކަށެވެ.

ވާލިދުގެ ކޯޗުކަމުގެ ދަށުން ނެރުނު ނަތީޖާ އާއެކު، އެފްރިކާގައި އޮތް ސަގާފަތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އެފްރިކާގެ ކޯޗުންނަށް އިތުބާރު ނުކުރުމުގެ ސަގާފަތެއް އަބަދުވެސް އޮވެ އެވެ. ޔޫރަޕް ނުވަތަ ލެޓިން އެމެރިކާގެ ކޯޗުންނާ އެކު ނޫނީ ނަތީޖާ ނުނެރެވޭނެކަމަށް އެފްރިކާގެ ފުޓްބޯޅަ ސަޕޯޓަރުން ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލު ކުރުމުގައި ވަލީދުގެ ކޯޗުކަމުގެ ދަށުން މޮރޮކޯއިން ނެރުނު ނަތީޖާތަކުގެ ދައުރު ބޮޑެވެ.

ތިމަންމެން ތަމްސީލު ކުރަނީ އެފްރިކާގެ ދިދަ ކަމަށް އޭނާ ބުނުމުން އެފްރިކާގެ ބައްރުން އޭނާ އަށް ލޯބި ވަނީ އިތުރ ވެފަ އެވެ. މުބާރާތުން ކެޓި ސެނެގާލް އާއި ގާނާ، ކެމެރޫން އަދި ޓިއުނީޝިއާގެ ޓީވީ ތަކުގައި މޮރޮކޯގެ ޓީމާއި ވަލީދު އަށް ތައުރީފު ދަނީ ބަންޑުން ކުރަމުންނެވެ.