Roadha Mihaaru
ރައީސް ޝީގެ ސައޫދީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޝީގެ ސައޫދީ ދަތުރުފުޅު ނިންމަވާލައްވައިފި

11 ޑިސެމްބަރ 2022

ވިޔަފާރީ އާއި އިގްތިސާދީ ދާއިރާ އިން އަރަބި ގައުމުތަކާ އެކުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ވިޔަފާރީ އާއި އިގްތިސާދީ ދާއިރާ އިން އަރަބި ގައުމުތަކާ އެކުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދައުވަތަކަށް ރައީސް ޝީ، ސައުދީ އަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް ޝީގެ މި ދަތުރުފުޅުގައި ސައޫދީ ރަސްގެފާނު ސަލްމާން އާއި ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ އެކުގައި ރަސްމީ މަޝްވަރާތައް ކުރެއްވި އެވެ.

ރައީސް ޝީ، ސައޫދީގެ ވެރިންނާ އެކުގައި ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުވުންތަކުގައި، ދެ ގައުމުގެ މެދުގައި ސްޓްރެޓީޖިކް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ މެދުގައި މިހާރު ގުޅުން އުފެދިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ސައޫދީގެ ވެރިންނާ އެކުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ރައީސް ޝީ މިދިޔަ ހުކުރު ދުވަހު ބައިވެރިވެވަޑައިގަތީ -ޗައިނާ-އަރަބް މަހާސިންތާގަ އެވެ. މި މަހާސިންތާގައި ގަލްފުގެ ގައުމުތަކާއި އަރަބި ގައުމުތަކުގެ ވެރިންނާއި ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ޗައިނާ-އަރަބް މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައޫދީ ވަލީ އަހުދު ވިދާޅުވީ ޗައިނާއާ އެކުގައި އެއްބާރުލުމާއި އެކުވެރިކަން ބަދަހިކުރުމުގެ މުޅިން އާ ފިޔަވައްސެއް ފެށުމަށް އަރަބި ގައުމުތައް އޮތީ ތައްޔާރަށް ކަމަށެވެ. ބައިނަލްއަގުވާމީ މަސްރަހަށް ހަމަޖެހުން ގެނައުމާ ބެހޭ ގޮތުން ޗައިނާއާ އެކުގައި ސައޫދީ އަރަބިއްޔާ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗައިނާ އިން ހާސިލުކުރަމުން އަންނަ ހަލުވި ތަރައްގީއާއި ޓެކްނޮލޮޖީގެ ގޮތުން ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު އަހަރެމެން މިތިބީ ވަރަށް ބޮޑު ޝައުގުވެރިކަމެއްގައި. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިގްތިސާދަށް ޗައިނާ ވެގެން ދިޔައީ ވެސް، އެ ކުރިއެރުންތަކުގެ ސަބަބުން،" ސައޫދީ ވަލީ އަހުދު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ވިދާޅުވީ މި މަހާސިންތާގެ ސަބަބުން އަރަބި ގައުމުތަކާއި ޗައިނާގެ ގުޅުމަށް ވަރަށް އުޖާލާ ކުރިމަގެއް ލިބިގެންދާނެ ކަމަށެވެ. އަދި ޗައިނާ އާއި އަރަބި ގައުމުތަކުގެ ގުޅިފައިވާ މަސްލަހަތަށްޓަކައި، އަރަބި ގައުމުތަކާ އެކުގައި މަސައްކަތް ކުރަން ޗައިނާ ޝައުގުވެރިވާ ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.