Roadha Mihaaru
އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް

އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް

06 ޑިސެމްބަރ 2022

އަސްކަރީ އަދި އިގްތިސާދީ ވާދަވެރިކަމުގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ، އެމެރިކާގެ ބަދަލުގައި އާ ބައިވެރިން ހޯދުމަށް ޗައިނާ އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕންގް ސައޫދީ އަރަބިއްޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

އަސްކަރީ އަދި އިގްތިސާދީ ވާދަވެރިކަމުގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ، އެމެރިކާގެ ބަދަލުގައި އާ ބައިވެރިން ހޯދުމަށް ޗައިނާ އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕންގް ސައޫދީ އަރަބިއްޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅެއްގައި ރައީސް ޝީ، ސައޫދީ އަށް ވަޑައިގަންނަވާނީ މިއަންނަ ބުރާސްފަތި ދުވަހު އެވެ. ސައޫދީގައި ރައީސް ޝީ ހޭދަކުރައްވާ ދެ ދުވަހުގެ ތެރޭގައި މުހިންމު ތިން ބައްދަލުވުމެއް ބާއްވަވާނެ އެވެ. ފުރަތަމައީ ސައޫދީގެ އިސް ވެރިންނާ އެކުގައި ބާއްވާ ދެ ގައުމުގެ ރަސްމީ މަޝްވަރާތަކެވެ. އޭގެ ފަހުން އޮންނާނީ އަރަބި ގައުމުތަކުގެ ވެރިންނާ އެކުގައި ބާއްވަވާ އަރަބި-ޗައިނާ މަހާސިންތާ އާއި ގަލްފުގެ ގައުމުތަކުގެ ވެރިންނާ އެކުގައި ބާއްވާ ޗައިނާ-ޖީސީސީ ކޮންފަރެންސެވެ.

ޗައިނާ އާއި ސައޫދީގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސް ޝީއާ މަޝްވަރާ ކުރެއްވުމަށް، 14 އަރަބި ގައުމެއްގެ އެންމެ މަތީ ވެރިން ސައޫދީ އަށް ވަޑައިގަންނަވާނެ އެވެ. ސައޫދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސް ޝީގެ މި ދަތުރުފުޅަކީ އަރަބި-ޗައިނާ ގުޅުމުގައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ އެވެ.

ރައީސް ޝީ ސައޫދީ އަރަބިއްޔާ އަށް ވަޑައިގަންނަވާ އިރު، ސައޫދީ އަރަބިއްޔާއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާއާ ގުޅުން އެންމެ ބަދަހި ގައުމެވެ. ރައީސް ޝީ ސައޫދީ އަށް ވަޑައިގަންނަވާ ކަމުގެ ޚަބަރުތައް ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވަމުންދާތާ މަސްތަކެއް ވެފައިވާ އިރު، ސައޫދީ އާއި ޗައިނާ އިން ވެސް ރަސްމީ ސިފައެއްގައި މިކަން ޔަގީނެއް ނުކޮށްދެ އެވެ.

އެހެން ނަމަވެސް، ޗައިނާގެ އިސް ވަފުދެއް ސައޫދީ އަށް ކުރައްވާ ޒިޔާރަތުގެ މީޑިއާ ކަވަރޭޖް ހަދަން ބޭނުންވާ މީޑިއާ އިދާރާތަކުން އެކަމަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމަށް، ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ވަނީ ބައިނަލްއަގުވާމީ މީޑިއާތަކަށް ދައުވަތު ފޮނުވައިފަ އެވެ. ނަމަވެސް އެ ޒިޔާރަތުގެ ވަކި ތާރީޚެއް ސައޫދީން ނުބުނެ އެވެ.

ވިޔަފާރި އާއި އަސްކަރީ ދާއިރާ އިން އެމެރިކާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ކިތަންމެ ގާތް ގުޅުމެއް އޮތަސް، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަރަމުންދާ ލޮޅުންތައް ކުޑަކުރުމުގެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އެ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ރަޝިޔާގެ ތެލާއި ގޭށް ގަތުން ވިލާތުގެ ގައުމުތަކުން ހުއްޓައިލުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށުމާ ގުޅިގެން، އެމެރިކާ އިން ވަނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކޮށްދިނުމަށް ސައޫދީގައި އެދިފަ އެވެ.

ނަމަވެސް ސައޫދީގެ ބޮޑު ނުފޫޒެއް އޮންނަ އޯޕެކުން އެންމެ ފަހު ވަގުތު ނިންމީ، ތެޔޮ އުފައްދާ މިންވަރު އިތުރު ނުކުރުމަށެވެ. އޯޕެކްގެ އެ ނިންމުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ ސައޫދީ އަރަބިއްޔާއާ އެކުގައި އެމެރިކާ އިން ދަމަހައްޓަމުން އަންނަ ގުޅުމާ މެދު އަލުން ވިސްނަންޖެހިފައިވާ ކަމަށެވެ.