Roadha Mihaaru
މި ކުދިންގެ ހިތްދަތި ވާހަކަ: ނުކުޅެދެނީ ކޮންބައެއް؟

މި ހަތަރު ކުދިންގެ ހިތްދަތި ވާހަކަ: ނުކުޅެދެނީ ކޮން ބައެއް؟

13 ޑިސެމްބަރ 2022

ހާއްސަ އެހީ އަށް ބޭނުންވުމަކީ، ނުވަތަ ނުކުޅެދުންތެރިކަން ހުރުމަކީ، މި ހުރިހާ ކުދިން ވެސް ގަބޫލުކުރާ ގޮތުގައި ކުރިއަށް ދާން އޮތް ހުރަހަކަށް ވެގެން ނުވާނެ އެވެ. އެއީ، އެހެން ހުރިހާ އެންމެންނެކޭ އެއްވަރަކަށް ހައްގުތައް ލިބި، އަދި އެއަށް ވުރެ ވެސް ބޮޑެތި ހައްގުތަކެއް ކަށަވަރު ވާން ޖެހޭ ކަމެކެވެ. އެކަމަކު، ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިންނަށް އެކި މާހައުލުން ދިމާވަނީ ދެކެން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހާއްސަ އެހީ އަށް ބޭނުންވުމަކީ، ނުވަތަ ނުކުޅެދުންތެރިކަން ހުރުމަކީ، މި ހުރިހާ ކުދިން ވެސް ގަބޫލުކުރާ ގޮތުގައި ކުރިއަށް ދާން އޮތް ހުރަހަކަށް ވެގެން ނުވާނެ އެވެ. އެއީ، އެހެން ހުރިހާ އެންމެންނެކޭ އެއްވަރަކަށް ހައްގުތައް ލިބި، އަދި އެއަށް ވުރެ ވެސް ބޮޑެތި ހައްގުތަކެއް ކަށަވަރު ވާން ޖެހޭ ކަމެކެވެ. އެކަމަކު، ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިންނަށް އެކި މާހައުލުން ދިމާވަނީ ދެކެން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔުނިސެފާއި ރާއްޖޭގެ ޖަމިއްޔާތައް ގުޅިގެން އާދިއްތަ ދުވަހު ބޭއްވި ސެމިނާގައި ބައިވެރިވި، ވަރަށް ގިނަ ކުދިން، އެ ކުދިންނަށް ދިމާވަމުން އަންނަ ހިތްދަތި ކަންތައްތައް ކިޔައިދިނެވެ. އޭގެ ތެރޭގައި އޯޓިޒަމް، ޑައުންސިންޑްރޮމް، ފިޒިކަލީ ޑިސްއޭބަލް، ބްލައިންޑް، ޑެފް އަދި ތަފާތު ސިންޑްރޮމްސް ހުންނަ ކުދިން ހިމެނެ އެވެ.

އެއިން ކޮންމެ ކުއްޖަކަށް ވެސް ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި ކަމަކީ ސްކޫލު ތެރެއިން ބުލީ ކުރުމާއި އެހެން ކުދިންނާ ގެންގުޅޭ ތަފާތުކުރުމެވެ.

ދިޔާޝް: އެއްވެސް ކަމެއް ކުރެވޭނެ ކުއްޖެއް ނޫން ކަމަށް ބުނި

އޯޓިޒަމާއި އަޑުއިވުމުގައި ހުންނަ މައްސަލަތަކެއް ތަހައްމަލް ކުރަމުންދާ އިބްރާހިމް ދިޔާޝަކީ ވާހަކަ ދެއްކުމުގައި ވެސް އުނދަގޫތަކެއް ހުންނަ ކުއްޖެކެވެ. މިހާރު ގްރޭޑް 10 ނިމިފައިވާ ނަމަވެސް އޭނާ ހިއްސާ ކުރީ ކިޔެވިއިރު ކުރިމަތިވި ބައެއް ކަންކަމެވެ.

"ސްކޫލުގައި އުޅުނު އިރު ވަރަށް މަލާމާތް ކުރާނެ. ބައެއް ފަހަރު އެ ކުދިންނާ އެއްކޮށް ބެލެނިވެރިން ވެސް މަލާމާތް ކުރަން ކުދިންނާ ގުޅޭނެ. އަޅުގަނޑާ ދިމާއަށް ބައެއް ބެލެނިވެރިން ވެސް ކުދިން ވެސް ބުނާނެ، އޭނާ އަކަށް އެއްވެސް ކަމެއް ނުވާނޭ، އެއީ މިވެނި ކަހަލަ ބަލި ކުއްޖެކޭ. އެކަހަލަ އެއްޗެހި ބުނާނެ."

ދިޔާޝް (ވ) އޭނާ ވަނީ އޭނަގެ ތަޖުރިބާ ހިއްސާކޮށްފައި.-- ފޮޓޯ: ޔުނިސެފް

ދިޔާޝް (ވ) އޭނާ ވަނީ އޭނަގެ ތަޖުރިބާ ހިއްސާކޮށްފައި.-- ފޮޓޯ: ޔުނިސެފް

ޒިޔާން އަކީ ބަލި ކުއްޖެއް ކަމަށް އޭނާ އަށް ވެސް ގަބޫލު ކުރެވެ އެވެ. ނަމަވެސް އެހެން މީހުންގެ ފަރާތުން ލިބޭ މަލާމާތާއި ފުރައްސާރަ އަކީ އޭނާ ވެސް އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެހެން ކުއްޖަކަށް ވެސްް އެގޮތަށް މަލާމާތާއި ފުރައްސާރަ ކުރަން ޒިޔާން ބޭނުމެއް ނުވެ އެވެ.

"އަޅުގަނޑު އަސްލު ވަރަށް ބޭނުންވޭ، އެ ކަންތައްތައް އެގޮތަށް ނުވާން. ވަރަށް ދެރަވޭ އެގޮތަށް އެއްޗެހި ކިޔާތީ ވެސް. އެއީ އަޅުގަނޑަކީ ޑިސްއޭބްލް ހުންނަ ކުއްޖެއް. ޑިސްއޭބްލް ހުންނަ އެހެން ކުއްޖަކަށް ވަރަށް އުނދަގޫ ވާނެ. މިހަކަލަ ކަންކަމެއް ކުރިމަތިވީމަ އެނގޭނީ،" ޒިޔާން ބުންޏެވެ.

އީޝަލް: ސްކޫލުގައި އިތުރު ހަރަކާތްތަކުން ބާކީކުރި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބެލެނިވެރިންނަށް ދިމާވާ ކަންކަން ހިއްސާ ކުރުމަށް ބޭއްވި ފޯރަމްގައި އީޝަލް ވާހަކަ ދައްކަނީ.-- ފޮޓޯ: ޔުނިސެފް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބެލެނިވެރިންނަށް ދިމާވާ ކަންކަން ހިއްސާ ކުރުމަށް ބޭއްވި ފޯރަމްގައި އީޝަލް ވާހަކަ ދައްކަނީ.-- ފޮޓޯ: ޔުނިސެފް

ހައްވާ އީޝަލް ރިޔާޒު އޭ ބުނުމުން ނޭނގޭ މީހުން ވަރަށް މަދުވާނެ އެވެ. އޭނާ އަކީ، އިންޓަނޭޝަނަލް ބެޑްމިންޓަންގައި ރާއްޖޭގެ ތާރީހް ބަދަލުކޮށްލި ކުއްޖެކެވެ. އީޝަލް އަކީ އުފަންވިއިރު ވެސް "ޓާނާ ސިންޑްރޯމްސް" ނުވަތަ ހެދި ބޮޑުވުމުގެ ޑިސްއޯޑާ ހުރި ކުއްޖެކެވެ.

"ބައެއް މީހުން ވަރަށް ބަލާނެ މަގުމަތިން ދާއިރު ވެސް. ސްކޫލަށް ފުރަތަމަ އަލަށް ގުޅުނުއިރު ވެސް ވަރަށް ބަލާނެ. ވަރަށް ބުލީ ވެސް ކުރާނެ. ސްކޫލު ތެރެއިން ބުލީ ކުރިއިރު ގޮވާނީ ކުޑަ ކުއްޖާ، ޝޯޓް ކެޓް ކަހަލަ ނަންނަމުން، ގޮވަމުން އަންނާނެ ފަހަތުން ވެސް."

"ޕީއީ ގަޑީގައި ބައިވެރިއެއް ނުކުރާނެ. ޓީޗަރުން ވެސް ބުނާނެ، އީޝަލް ކިހިނެއް ހެއްޔޭ އެކަނި މިވެނި ކަމެއް ނޫނީ އެވެނި ކަމެއް ކުރާނީ،" އޭނާ ކުރީގައި ކިޔެވި ސްކޫލުގެ މުދައްރިސުންގެ ފަރާތުން ކުރިމަތިވި ބައެއް ކަންކަން އޭނާ ކިޔައިދިނެވެ.

ނަޒާހާ: ވަޒީފާއެއް ނުލިބޭ، އިތުރަށް ކިޔަވަން ދާން ދާން ފުރުސަތެއް ވެސް ނުލިބުނު

އީޝަލް ފަދައިން މި ބަލި ތަހައްމަލް ކުރަމުންދާ އައިޝަތު ނަޒާހާ ޒަބީހުގެ ވާހަކަ ވެސް ހުރީ ދާދި އެއްގޮތަކަށެވެ.

މުޖުތަމައު ތެރެއިން މީހުންގެ ބަލައިގަތުން ނުލިބޭ ކަމެވެ. ކިޔެވިއިރު ސްކޫލު ތެރެއިން ދިމާވި ކަންކަން ނިމި ވަޒީފާއެއް ހޯދުމަށް ކުރަން ޖެހުނު ހިތި ތަޖުރިބާ އެވެ. ވަޒީފާއެއް ލިބުނު ނަމަވެސް އެ މާހައުލުގައި އުޅެން ޖެހުނު ގޮތެވެ.

"ވަޒީފާ އަށް ލީމަ ބައެއް ތަންތަނުން ބުނި މީހެއްގެ އެހީތެރިކަމާ ނުލާ ކިހިނެއް ހެއްޔޭ އުޅޭނީ. ކިހިނެއް ހެއްޔޭ ވަޒީފާއެއްގައި އުޅޭނީ ވެސް. އިތުރަށް ކިޔަވަން ވެސް ބޭނުން. އެކަމަކު އެ ފުރުސަތެއް ނުލިބޭ. ސްކޮލާޝިޕް ކަހަލަ އެއްޗެހި އަޅުގަނޑުމެންނަކަށް ނުލިބޭ،" ނަޒާހާ ބުންޏެވެ.

އިއްޔެ ބޭއްވި ފޯރަމްގައި ނަޒާހާ ބައިވެރިވެފައި.-- ފޮޓޯ: ޔުނިސެފް

އިއްޔެ ބޭއްވި ފޯރަމްގައި ނަޒާހާ ބައިވެރިވެފައި.-- ފޮޓޯ: ޔުނިސެފް

އިރުޝާދު: ފިޒިކަލީ ޑިސްއޭބްލް ވުމުން ރައްޓެއްސެއް ނުލިބުނު

ރަށު ސްކޫލުގައި ގްރޭޑް 10 ނިންމުމަށްފަހު އޭލެވެލް ކިޔެވުމަށް މާލެ އައި އިރުޝާދު ކުރަން ޖެހުނީ މުޅިން އެހެން ތަޖުރިބާ އެކެވެ. އުފެދުމުގައި ހުރި އައިބަކުން ގޮނޑީގައި އިންނަން ޖެހިފައިވާ އިރުޝާދު އުންމީދު ކޮށްގެން އައީ ރަށުން ލިބުން ފަދަ ގާތް އެކުވެރިންތަކެއް އޭނާއަށް މާލެއިން ވެސް ލިބޭނެ ކަމަށެވެ.

ނަމަވެސް ކަން ދިމާކުރީ އޭނާ ހީކުރިގޮތާ އިދިކޮޅަށެވެ.

"އަޅުގަނޑު ރަށުގައި ކިޔެވިއިރު ވަރަށް ބައިވަރު ރައްޓެހިން ތިބޭ. ނަމަވެސް އޭލެވެލް ކިޔެވުމަށް މާލެ އައިސް ކިޔަވަން އުޅެން ޖެހުނީ އެކަނި. ރައްޓެހިން ނެއް ނުލިބޭ. ބައެއް ފަހަރަށް ކިޔަވަން ދާން ވެސް ވަރަށް ފޫހިވޭ. އެކަނި ހުރިހާ ކަމެއްގަ އުޅެން ޖެހޭތީ. އެހީތެރިވާން ކުއްޖަކު ނުހުންނާތީ. ވަރަށް އެކަނިވޭ އެހެންވާތީ،" މިހާރު އޭލެލެވް ނިންމުމަށްފަހު ރަށަށް ގޮސް ހުރި އިރުޝާދު ބުންޏެވެ.

އޭލެވެލްގެ ދެ އަހަރު އެކަނި ކިޔެވަން ޖެހުމަށްވުރެ އޭނާ ދެރަވީ ކިޔެވަން ދިޔަ ސްކޫލުގައި އެއްކޮށް ކިޔެވި ބައެއް ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު ބަދު ބަސްތަކެވެ.

"ބައެއް ކުދިންގެ ބެލެެނިވެރިން ބުނާނެ އަޅުގަނޑާ ވާހަކަ ނުދައްކާށޭ ވެސް. އެއީ އަޅުގަނޑަކީ މި ކަހަލަ ކުއްޖަކަށްވީމަ. ވަރަށް ދެރަވޭ އެހެން ބުނާތީ، ބާކީ ކޮށްލާތީ،" އިރުޝާދު ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުއިން ބަލަން ނުގަންނަ ވާހަކަ މަދުން ނަމަވެސް އަޑުއިވެ އެވެ. ނަމަވެސް ސްކޫލު ތަކުގައި ކުދިންނަށް ބުލީ ކުރުމާއި ތަފާތު ކުރާ ވާހަކަ އަކީ އާންމުކޮށް ވެސް ދެކެވޭ ވާހަކައެކެވެ.

ތާޖުއްދީން ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ތޫމާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނޫން ނަމަވެސް މި ސެމިނާގައި ވާހަކަ ދައްކަމުން އޭނާ ވަނީ މުޖުތަމައުއަށް ރަނގަޅު މެސެޖެއް ދީފަ އެވެ. އެ ކުދިން މުޖުތަމައު އިން ބަލައިގަންގަން ޖެހޭނެ ކަމެވެ. މީހުންނާއި ކުދިންގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމެވެ.

"އަސްލު މި ކުދިންނެއް ނޫން ޑިސްއޭބްލްއީ. މި ސޮސައިޓީ ޑިސްއޭބްލްއީ."