Roadha Mihaaru
ލޯފަން ކުދިންނަށް ހާއްސަ ސޮފްޓްވެއާއެއް ހަދަނީ

ލޯފަން ކުދިންނަށް ހާއްސަ ކޮށްގެން ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް ކިޔޭނެ ސޮފްޓްވެއާއެއް ހަދަނީ

02 މާޗް 2021

ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔޭނެ ސޮފްޓްވެއާއެއް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔޭނެ ސޮފްޓްވެއާއެއް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ލޯފަން ކުދިންނަށް ހާއްސަ ކޮށްގެން އަށް މަސް ދުވަހުގެ ތެރޭގައި ސޮފްޓްވެއާ ހަދަން ހަވާލުކުރީ "ޖަވާބު" ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަބްދުﷲ އިމްރާން މިއަދު ވިދާޅުވީ، ލޯފަން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފަހިވާ ގޮތަށް މަސައްކަތްތައް ރޭވުމަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ގާނޫނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ގާނޫނުން ކަށަވަރުކޮށްދޭ ކަމެކެވެ.

އެހެންވެ، ކިޔެވުމުގައި އެ ކުދިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލައި ކަންކަން ފަހިކުރުމަށް ވަރަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.

"ބަވަނަވެފައިވާ މުޖުތަމައުއެއްގައި ލޯފަން ދަރިވަރުންނަށް ޓެކްނޮލޮޖީގެ އެހީގައި އެހެން ކުދިންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި އެ ކުދިންގެ ގާބިލްކަން ހުރި އެންމެ މަތީ ދަރަޖައަށް ގެންދިއުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ވެސް މަގުސަދެއް،" ލިޔުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވި އެވެ.

ސްކޫލުތަކުގައި މިހާރު ވެސް ލޮލުގެ ތަފާތު މައްސަލަތަކާ ހެދި ކިޔުމުގައި އުނދަގޫތައް ތަހައްމަލުކުރާ 170 ދަރިވަރުން އެބަތިއްބެވެ. ސޮފްޓްވެއާ ތަރައްގީކޮށް އެ ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސެމަކީ އެއް އަމާޒެވެ.

އިމްރާން ވިދާޅުވީ ސޮފްޓްވެއާގައި ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް ކިޔައި އަޑުއެހޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން، ދަރިވަރުން އާއްމުކޮށް ބޭނުންކުރާ ލެޕްޓޮޕް އަދި ޓެބްލެޓުގައި ފަސޭހައިން ސޮފްޓްވެއާ ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ލޯފަން ދަރިވަރުންނަށް ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ އެ ކުދިންގެ އުނގެނުމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއް. މިފަދަ ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށާއި މައުލޫމާތުގެ ހަޒާނާ މުއްސަނދިކުރުމަށް ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ވަރަށް މުހިއްމު ކަމެއް،" އިމްރާން ވިދާޅުވި އެވެ.