Roadha Mihaaru
ޝަތޫ މިސްގެ 22 އަހަރު ހާއްސައީ އެކުދިންނަށް

ޝަތޫ މިސްގެ 22 އަހަރު؛ އެންމެ ހާއްސައީ އެ ކުދިންނަށް

27 މެއި 2023

އަމީނިއްޔާ ސްކޫލުގެ ގޭޓުން އެތެރެއަށް ވަންއިރު ހިނިތުންވުމަކާއެކު ހިނގަމުން އައިސް "މިހާރު"ގެ ނޫސްވެރިންނާ ސަލާމް ކޮށްލީ އެ ސްކޫލު ސެން ކުދިންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝަތުރަތު ޝާކިރު (ޝަތޫ/ޝަތޫ މިސް) އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަމީނިއްޔާ ސްކޫލުގެ ގޭޓުން އެތެރެއަށް ވަންއިރު ހިނިތުންވުމަކާއެކު ހިނގަމުން އައިސް "މިހާރު"ގެ ނޫސްވެރިންނާ ސަލާމް ކޮށްލީ އެ ސްކޫލު ސެން ކުދިންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝަތުރަތު ޝާކިރު (ޝަތޫ/ޝަތޫ މިސް) އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު 22 ވަނަ އަހަރު ގުނަމުންދާ ޝަތޫ އެދުނީ އެ ކުދިންނަށް ކިޔަވައި ދިނުމަށް ހާއްސަކޮށް، ގްރައުންޑް ފްލޯގައި ތައްޔާރުކޮށްފައިވާ "ޑްރީމް ކްލާސް"ތަކަށް ވަދެ ބަލައިލުމަށެވެ. ޝަތޫގެ ފަހަތުން އަހަރެމެން ގޮސް ފުރަތަމަ ކްލާހުގެ ދޮރު ހުޅުވައިލައި ސަލާމް ބަލައިގަތުމަށްފަހު އެ ކްލާސް ތެރެއަށް ވަނީމެވެ.

ކުލާހަކަށް ވަދެވުނުއިރު އެ ކްލާހުގައި ތިބި ޓީޗަރުން ކުދިންނަށް ކާންދެމުންދެ އެވެ. ހަތަރު ކުދިން އިށީންދެ ތިބި އިރު ކޮންމެ ކުއްޖެއްގެ ދޭތެރޭގައި ޓީޗަރަކު އިށީންދެއިނދެ، ކުދިންނާ ވާހަކަ ދައްކަމުން ކާންދެމުންދިޔަ އެވެ. ޝަތޫ ވެސް ގޮސް އެ ކުދިންނާ ވާހަކަ ދައްކަން އިށީނެވެ.

ޖެހިގެން ހުރި ކްލާހަށް ވަތްއިރު ޓީޗަރަކު ކުއްޖަކު ލައްވައި ފޮތުގައި މަސައްކަތެއް ކުރުވަނީ އެވެ. އިތުރު ދެ ޓީޗަރަކު ކުއްޖަކު ރޯތީ ހުއްޓައި ނުލައިގެން އުޅެ އެވެ. އެއީ ސިވިއާ ކުދިންގެ ކްލާސް ނިންމުމަށްފަހު ދާ ގަޑިއަށް ވެފައި ބަލާއައުން ލަސްވުމުން ރޮނީ ކަމަށް ޓީޗަރު ބުންޏެވެ. އުނދަގުލުން ވެސް ބަހެއް ވެސް ނުބުނެވޭ އެ ކުއްޖާގެ ކޮންމެ ހަރަކާތެއް ޓީޗަރު ބަލަ އެވެ. ހުއްޓުވޭތޯ ޓީޗަރު ހުރިހާ މަސައްކަތެއް ކުރެ އެވެ.

އަމީނިއްޔާ ސްކޫލުގެ ޑްރީމް ކްލާހެއްގައި ކުއްޖަކަށް ކިޔަވައިދެމުންދިޔަ ޓީޗަރެއް ކައިރީ ޝަތޫ ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

އަމީނިއްޔާ ސްކޫލުގެ ޑްރީމް ކްލާހެއްގައި ކުއްޖަކަށް ކިޔަވައިދެމުންދިޔަ ޓީޗަރެއް ކައިރީ ޝަތޫ ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

އެ ކުދިންނާ އެކު ހޭދަވި 20 މިނެޓުން ޓީޗަރުން ވަމުންދާ ގުރުބާނީ ވަޒަނެއް ނުކުރެވޭނެ އެވެ. ރުޅިގަދަ ކުއްޖެއް ނަމަ ޖަހާ ފަހަރާއި ދަތް އަޅާ އެތައް ފަހަރެކެވެ. ކޮންމެ ކުއްޖެއް ކައިރީ ވަކިން ކިޔައިދޭ އިންނަން ޖެހެ އެވެ. އެތައް ފަހަރަކު އެކައްޗެއް ކިޔައިދެ އެވެ. ފޫހިކަމެއް ވަރުބަލި ކަމެއް އެ ޓީޗަރުންގެ މޫނު މަތިން ނުދައްކަ އެވެ.

"އެއީ ހަމަ ކޮންމެ ސްކޫލެއްގެ ޓީޗަރުން ވެސް އުޅޭނެ ގޮތް. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވައިދޭ ނަމަ. ވަރަށް ބޮޑު ގުރުބާނީއެއް ޓީޗަރުން އެ ވަނީ ކުދިންނަށް. އެ ކުދިންގެ ބެލެނިވެރިން ވެސް ވަރަށް އަންޑަސްޓޭންޑިން. ވަރަށް ރަނގަޅުވާނެ،" އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި 15 އަހަރު ހޭދަ ކުރުމަށްފަހު މިހާރު އަމީނިއްޔާ ސްކޫލުގެ ސެން ކުދިންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަތޫ ބުންޏެވެ.

ޝަތޫ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ކިޔަވައިދިން ކުދިންތަކަކާއެކު.--

ޝަތޫ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ކިޔަވައިދިން ކުދިންތަކަކާއެކު.--

"ޓީޗަރަކަށްވީ އެ ކުދިން ބާކީވެފައި ތިބޭކަން އިހުސާސްވެގެން"

ގދ. ތިނަދު އަށް އުފަން ޝަތޫ، ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވި ނަމަވެސް އެއީ އޭނަގެ މުޅި ދިރިއުޅުން ކަމަށް ވެދާނެ ކަމަކަށް ހިޔެއް ނުކުރެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި 2000 ވަނަ އަހަރު ޓީޗިންގެ ޑިޕްލޮމާ ކޯސް ހަދަމުން ދިޔައިރު ކިޔަވަން ޖެހުނު މޮޑިއުލަކުން ސްޕެޝިއަލް އެޑިޔުކޭޝަނަކީ ވެސް ކިޔެވޭ މާއްދާއެއްކަން އެނގި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ދޭތެރެ ޝަތޫ ވިސްނަން ފެށި އެވެ.

އެ ކޯހުގައި ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި އޯޓިޒަމް ހުންނަ ކުދިން ފާހަގަ ކުރާނީ ކިހިނެއްކަން ކިޔައިދިނުންވީ ޝަތޫ އެ ކުދިންނަށް އޮތް ލޯބީގެ ފެށުމަށެވެ.

"އޭރު ސްކޫލުތަކުން ނުފެނޭ އެއްވެސް ވަރަކަށް މިކަހަލަ ކުދިންނެއް. ކިޔަވައިދޭން ސްކޫލުތަކަށް ވެސް ނުގެނޭ އެއްވެސް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެއް. އޭރު އެ މޮޑިޔުލް ކިޔަަވަމުން ދިޔައިރު އަޅުގަނޑު ހިތަށް އަރަނީ ކޮބައިބާވޭ އެ ކުދިން. އެހިސާބުން އަޅުގަނޑު އިންޓްރެސްޓު އުފެދުނީ، އެ ކުދިންނަށް. ސްކޫލު މުޖުތަމައުގަ އެ ކުދިން ކޮބައިބާވޭ. ސްކޫލަކަށް ނާދޭ. އެއްވެސް ސްކޫލަކުން ނުފެނޭ."

އަމީނިއްޔާ ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާއެކު.--

އަމީނިއްޔާ ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާއެކު.--

ޑިޕްލޮމާ ކޯސް ފުރިހަމަކޮށް ނިންމުމަށްފަހު ވަޒީފާއަކަށް ވަނުމަށް އޭނާ ފުރަތަމަ ވެސް ބެލީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދޭން ހާއްސަކޮށްފައި އެއްވެސް ތަނެއް ރާއްޖޭގައި ހުރިތޯ އެވެ. އޭރު ނެތް ނަމަވެސް 2001 ވަނަ އަހަރު އިމާދުއްދީން ސްކޫލުގައި ސްޕެޝަލް އެޑިޔުކޭޝަން ކިޔަވައިދޭން ފެށުމުން އެ ސްކޫލާ ޝަތޫ ގުޅުނެވެ.

"އެއީ އަސްލު ކެރިއާ ފެށުނު ހިސާބު. އެ ސްކޫލުން ވެސް އަލަށް ފެށި ކަމެއްވީ ވަރަށް ބައިވަރު ކަންކަމާ ކުރިމަތިލާން ޖެހުނު."

ކުރިއަށް ދާންވީ ކިހިނެއް ކަމެއް ނޭނގި ހުންނަން ޖެހުނު!

ޑިޕްލޮމާ ނިންމުމަށްފަހު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކްލާހަށް ދިޔަ ފުރަތަމަ ދުވަހު ޝަތޫއަށް ފެނުނީ އޭނާ އުންމީދުކުރި މަންޒަރެއް ނޫނެެވެ.

"ފުރަތަމަ އަލަށް ކްލާހަށް ދިޔަ ދުވަހު މި ފެންނަނީ އެކި ކަހަލަ ޑިފިކަލްޓީޒް ހުރި ކުދިން. އެއް ކްލާހެއްގައި ހުސް ސްޕެޝަލް ނީޑް ކުދިން. ދިޔުމުގެ ކުރިން އަޅުގަނޑަށް އިމޭޖިން ކުރެވިފައި ހުރީ މިކަަހަލަ މިކަހަލަ ކުދިންނޭ ތިބޭނީ. އެކަމަކު އެއްކަލަ ކްލާސްރޫމް ތެރެއަށް ވަނީމަ މި ފެނުނީ މުޅިން ތަފާތު މަންޒަރެއް."

ޝަތޫ ބުނި ގޮތުގައި ޓީޗިންއިން ޑިޕްލޮމާއެއް ނިންމި ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން އުޅުމާއި ކިޔަވައި ދިނުމަކީ ބުރަ ބޮޑު މަސައްކަތެއް ކަމާއި އެކަމުގެ ހާއްސަ ތަމްރީން ނެތުމުން ހަދާނެ ގޮތެއް ނެތި ގޮތް ހުސްވާފަދަ ހާލަތްތައް ދިމާވި އެވެ.

އިމާދުއްދީން ސްކޫލުގައި ކިޔަވައިދިން ދަރިވަރުންތަކަކާއެކު.---

އިމާދުއްދީން ސްކޫލުގައި ކިޔަވައިދިން ދަރިވަރުންތަކަކާއެކު.---

"އަލަށް ކިޔަވައިދޭން ފެށިއިރު ފުރަތަމަ ދެތިން ހަފްތާ ތެރޭ އަޅުގަނޑަށް ރޮވޭ. ކުދިން ރޮމުން ރޮމުން ގޮސް އެ ކުދިން ބުނަން ބޭނުންވާ އެއްޗެއް ނުބުނެދެވި ރޯ ކުދިން ތިބޭ. އޭރު ވަރަށް އިމޯޝަނަލްވޭ އެކަހަލަ ކަންކަމާ، ވަރަށް ހެލްޕްލެސް ފީލް އެއް އަންނަނީ."

އޭރު އޭނާއަށް ގޮތް ހުސްވެ ކުރިއަށް ދާނީ ކިހިނެއް ކަމެއް ނޭނގު ނަމަވެސް މިހާރު ލިބިފައިވައި ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ އަލީގައި އޭނަގެ އަމިއްލަ ނަފްސަށް ވެސް އިތުބާރު ބޮޑެވެ. ކޮންމެ ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އަޔަސް ގެންގުޅެވޭނެ ކަމުގެ ޔަގީންކަން އޮވެ އެވެ.

"އަޅުގަނޑުގެ ޓީޗިން ކެރިއާގައި އަޅުގަނޑަށް ގިނަ ކަންކަން ދަސްވެފައި ހުރީ ތަޖުރިބާއިން. އޭރު ނުތިބޭ މިކަމަށް، ސްޕެޝަލް އެޑިޔުކޭޝަން ކިޔަވައިގެން ތިބޭ ޓީޗަރުންނެއް. އެ ކުދިންނާ އެކު އުޅެ، ކުދިންގެ ތެެރެއިން ލިބުނު މައުލޫމާތުން ކަންކަން ދަސްވީ، އަމިއްލަނއަށް ހޯދި ކަންކަމުން."

އެ ސްކޫލުގައި އަލަށް ފެށި ކަމަކަށް ވާތީ ކުދިން ގެންގުޅެން އުނދަގޫވި ނަމަވެސް ޝަތޫގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ބުރަ ނަމަވެސް އެ މަސައްކަތަށް ނިކުތީ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ އެ ކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް ކަން ހަނދާނުގައި ބަހައްޓައިގެން ކުރިއަށް ދިޔައީ އެވެ.

"ދެން އަޅުގަނޑު ކުރަން ފެށި ކަމަކީ ކޮންމެ ކުއްޖެއްގެ އެ ހުންނަ ޑިފިކަލްޓީއާ ގާބިލްކަން ދެނެގަނެ ކިހިނެއްތޯ ކަންތައް ކުރާނީ ވިސްނަން ފެށީ. އެންމެ ބޮޑު ޗެލެންޖަކަށް ދިމާވި ކަމަކީ އަޅުގަނޑަށް އެ ކުއްޖަކާ ޑީލް ކުރަން ނުވަތަ ދެން ހަދާނީ ކިހިނެއް ކަމެއް ނޭނގިގެން ދެން އަޅުގަނޑު ދާނީ ކާކު ކައިރިއަކަށް ކަމެއް ނޭނގުނު،"

ޝަތޫ "މިހާރު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: ނިޝާން އަލީ \ މިހާރު

ޝަތޫ "މިހާރު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: ނިޝާން އަލީ \ މިހާރު

ކުރިއަށް ދިއުމަށް ހިތްވަރަކަށްވީ ކުދިންނާއި ބެލެނިވެރިން

ޝަތޫ ބުނިގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މަސައްކަތް ބަލައިގަނެ ބެލެނިވެރިންގެ ފަރާތުން ލިބެނީ ތައުރީފްގެ ބަސްތަކެކެވެ. އަދި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެއްބާރު ލުމެއް ލިބޭ އެއް ބަޔަކީ ބެލެނިވެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްކަލަ ކުއްޖާ އުޅޭ ގޮތް ނޭނގިގެން އިންޓަނެޓުން ވެސް ވަރަށް ބަލަން އެ ވަކި ކުއްޖަކު އުޅޭގޮތުން ކިހިނެއްތޯ އެ ކުއްޖަކާ ޑީލް ކުރާނީ. އޭގައި ވެސް ހުރިހާ މައުލޫމާތެއް ނުހުންނާތީ އަޅުގަނޑު ފެށީ ކުއްޖާގެ ބެލެނިވެރިންނާ ބައްދަލުކުރަން. އެ ބެލެނިވެރިޔާ ކިހިނެއްތޯ ކަންތައް ކުރަނީ."

ބެލެނިވެރިންގެ ކައިރިން ކުއްޖާގެ އިތުރު މައުލޫމާތު ހޯދުމާއި ކުއްޖާއަށް ބޭނުންވާ ތަކެތި ހޯދަން އެދުމުން ފަސް ނުޖެހި ކޮށްދޭކަމީ ކުދިންނަށް އުނގަންނައިދޭން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެންމެ ހިތްހަމަޖެހުން ލިބޭ އެއް ކަންތައް ކަމަށް އޭނާ ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންނާ ކުދިންނަށް ކިޔަވައި ދިނުމުގެ ގައުމީ އިނާމް 2019ވަނަ އަހަރު ހާސިލް ކުރި ޝަތުރަތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ހަވާލު ކުރައްވަނީ.---

ހާއްސަ އެހީއަށް ބޭނުންނާ ކުދިންނަށް ކިޔަވައި ދިނުމުގެ ގައުމީ އިނާމް 2019ވަނަ އަހަރު ހާސިލް ކުރި ޝަތުރަތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ހަވާލު ކުރައްވަނީ.---

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމު ހާސިލް ކޮށްފައިވާ ޝަތޫގެ ޓީޗިން ކެރިއާގައި އެންމެ އުފާވެރި ހަނދާން ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅިފައި ވަނީ އެ ސަބަބަށްޓަކަ އެވެ.

"އަޅުގަނޑު ކިޔަވައިދިން ކްލާހެއްގައި އިން ނޮންވާބަލް ކުއްޖެއް. ކޮންމެ ދުވަހަކުވެސް ހާޒިރީ ގޮވާއިރު އޭނަގެ ނަން ގޮވައިފަ އޭނަގެ ބަދަލުގައި އަޅުގަނޑު އަމިއްލައަށް ލައްބައޭ ބުނަނީ. ކޮންމެ ދުވަހަކު ވެސް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު ކުރަމުން އައި އުންމީދެއް އެއީ، އަޅުގަނޑަށް އެ ކުއްޖާ ލައްބައޭ ގޮވާލާ އަޑު އިވޭނެއޭ،" އޭރު އިމާދުއްދީން ސްކޫލުގައި ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ޝަތޫ ބުންޏެވެ.

ތިން މަސް ވަންދެން ހަމަ އެގޮތަށް ކަންތައް ކުރަމުން އައިސް އެއްދުވަހު ހުރިހާ ކުދިންގެ ނަން ގޮވަމުން މާކް ކުރަމުން އައި ގަޑީގައި ކޮންމެ ދުވަހަކު ވެސް ނަން ގޮވާގޮތަށް އެއްކަލަ ކުއްޖާ ނަން ވެސް ގޮވާލީ، ކުއްލިއަކަށް އަޅުގަނޑަށް އިވުނީ އޭނަގެ އަޑުން ފުރަތަމަ ފަހަރަށް ލައްބައޭ ބުނި އަޑު. މިހާރު ވެސް އެ ވާހަކަ ކިޔައިދިނަސް ހީބިހިނަގާ، އެހާ ވެސް އުފާވެރި ވަގުތުކޮޅެއް."

އެ ކުދިންނާ އެކު ހޭދަކުރާ ކޮންމެ ވަގުތަކީ އުފާވެރި ވަގުތުކޮޅަކަށް ވިޔަސް ކުދިންނާ "ޑީލް ކުރަން" އުނދަގޫ އެތައް ވަގުތެއް އަންނަ ކަމަށް އޭނާ ބުންޏެވެ.

"އަނިޔާ ވެސް ލިބުނު ވަރަށް. ކުއްޖަކު ދަތް އަޅައިގެން ޓެޓްނަސް ޖެހިން ދެ ފަހަރަށް. އެކަމަކު އެއީ އެ ކުދިން ގަސްތުގައި ކުރާ ކަންކަމެއް ނޫން." ކުދިންގެ ފަރާތުން ލިބޭ އަނިޔާ އާއި ކުދިންގެ ނެގެޓިވް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޝަތޫ ބުންޏެވެ.

ދެހާހަށްވުރެ ގިނަ ކުދިންނާ އެކު ކިޔަވައިދެމުން އަންނަ އަމީނިއްޔާ ސްކޫލުގައި ސެން ޓީޗަަރުންގެ ގޮތުގައި 23 ޓީޗަރަކު މަސައްކަތް ކުރާއިރު 175 އަށްވުރެ ގިނަ ކުދިންނަށް އެ ޓީޗަރުން ކިޔަވައިދެެ އެވެ.

ޝަތޫ މިސް، އަމީނިއްޔާ ސްކޫލުގެ ކްލާހެއްގެ ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

ޝަތޫ މިސް، އަމީނިއްޔާ ސްކޫލުގެ ކްލާހެއްގެ ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ނިޝާން އަލީ \ މިހާރު

އެ ކުދިންނަށް ޖެހުނު ލޯބިން ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޝަތޫގެ އޮތް ކަންބޮޑުވުމަކީ މިހާރު ވެސް ސްޕެޝަލް ނީޑް ޓީޗަރުން މަދުވުމެވެ.

ސްޕެޝަލް އެޑިޔުކޭޝަނުން މާސްޓާސް ނިންމާފައި ހުރި ޝަތޫ ގަބޫލުކުރާ ގޮތުގައި ސެން ޓީޗަރުން ނެރުމަށް ބޭނުންވާ ހާއްސަ ތައުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުތައް ރާއްޖޭގައި މަދެވެ. ސަބަބަކީ އެ ކުދިން ގެންގުޅުމަށް ބޭނުންވާ ގޮތްތައް އެނގިފައި ނެތުމުން ގިނަ މީހުން އެކަމަށް ފަސްޖެހެނީ އެވެ.

އޭނާ ދެކޭ ގޮތުގައި އެންމެ ޓީޗަރެއްގެ އަޅާލުމާއެކު ވެސް ކުއްޖެއްގެ ހަޔާތް މުޅިން ބަދަލުވެ މުޖުތަމައުއަށް ފައިދާހުރި ކުއްޖަކަށް ހެދިދާނެ އެވެ.