Roadha Mihaaru
ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި

ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި

12 ޑިސެމްބަރ 2022

ސައު ޕޯލާ (ޑިސެމްބަރު 12) - ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ހުށަހެޅި ކަމަށް، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސައު ޕޯލާ (ޑިސެމްބަރު 12) - ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ހުށަހެޅި ކަމަށް، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ޓީޓޭ ފެބްރުއަރީ މަހު ބުންޏެވެ. ކުއާޓާ ފައިނަލުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އޭނާ ވަނީ ޓީމު ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ބުނީ ސިޓީގެ ކޮންޓްރެކްޓް، ގާޑިއޯލާ އާ ކުރުމުގެ ކުރިން ބްރެޒިލްގެ ފެޑެރޭޝަން (ސީބީއެފް) އިން ގާޑިއޯލާ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ބްްރެޒިލްގެ ހުށަހެޅުމަށް އިޖާބަ ނުދީ ގާޑިއޯލާ ވަނީ މިދިޔަ މަހު ފަހުކޮޅު ސިޓީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ބްރެޒިލަށް ނިސްބަތްނުވާ ކޯޗުންނަށް ގައުމީ ޓީމު ހަވާލު ކުރުމަކީ މީގެ ކުރިން އެ ގައުމުން އަމަލު ކުރަމުން އައި ގޮތެއް ނޫނެވެ. އެކަމަކު ގައުމުން ބޭރު ކޯޗަކާ ވެސް ބްރެޒިލްގެ ޓީމު ހަވާލުކޮށްފާނެ ކަމުގެ އިޝާރާތެއް ސީބީއެފްގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވަނީ ދީފަ އެވެ.

ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ: އޭނާ ބުނީ ދެން ބްރެޒިލުން އިސްކަން ދޭންވީ ފްލޫމިނޭންސްގެ ކޯޗު ފެނާންޑޯ ޑިނިޒް އަށް ކަމަށް

ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ: އޭނާ ބުނީ ދެން ބްރެޒިލުން އިސްކަން ދޭންވީ ފްލޫމިނޭންސްގެ ކޯޗު ފެނާންޑޯ ޑިނިޒް އަށް ކަމަށް

"ޓީމާ ހަވާލުވާނީ ކޮން ކޯޗެއްތޯ ނިންމާނީ ވޯލްޑް ކަޕު ނިމުމުން. ވަކި ގައުމެއްގެ ކޯޗަކަށް ވީތީ އިސްކަން ދިނުމުގެ ވިސްނުމެއް ނެތް،" އިވެންޓެއްގައި ވާހަކަ ދައްކަމުން އެޑްނާލްޑޯ ބުންޏެވެ.

ބްރެޒިލަށް 2002 ގެ ވޯލްޑް ކަޕު ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ބުނީ ގާޑިއޯލާ އެއްބަސްނުވުމުން، މިހާރު އިސްކަން ދޭން ޖެހޭނީ "ބްރެޒިލްގެ ގާޑިއޯލާ" އަށް ފުރުސަތު ދިނުމަށެވެ.

ބްރެޒިލްގެ ކްލަބް ފްލޫމިނޭންސްގެ ކޯޗު ފެނާންޑޯ ޑިނިޒް އަށް ރޮނާލްޑޯ މުހާތަބު ކުރީ "ބްރެޒިލްގެ ގާޑިއޯލާ" ގެ ނަމުންނެވެ. ޑިނިޒް މަޝްހޫރު ވެފައި ވަނީ ހިތްގައމު ޕާސިން އަދި އެޓޭކިން ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ.

"ފަހަރެއްގައި ޑިނިޒް ވެދާނެ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ކަމުދާ ކޯޗަށް. އޭނާ އަކީ މީހުން ބަލާ ހިތްވާ ގޮތަށް މޮޅު ގޭމެއް ކުޅުވާ ކޯޗެއް،" ސްޕެއިންގެ ކްލަބް ރެއާލް ވަޔަޑޮލިޑްގެ ރައީސްކަން ވެސް ކުރަމުން އަންނަ ރޮނާލްޑޯ ބުންޏެވެ.

"އެ ކަން ވަރަށް މުހިންމު އަވަށް ނިންމުން. ކޯޗުގެ ނަން އަވަހަށް އިއުލާން ކުރުމުން އެ ކޯޗުގެ ފިލޯސަފީއާ އެއްގޮތަށް ޓީމު ބައްޓަން ކުރަން އަވަހަށް މަސައްކަތް ފެއްޓޭނެ."