Roadha Mihaaru
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ

ޣާޒީ ސްކޫލުގައި އިހުތިޖާޖުގައި ކުރި މުވައްޒަފުންގެ މައްސަލަ ބަލަނީ

14 ޑިސެމްބަރ 2022

ހުޅުމާލޭގެ ޣާޒީ ސްކޫލުގައި މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގެ ޣާޒީ ސްކޫލުގައި މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ އިހުތިޖާޖު ކުރީ ޣާޒީ ސްކޫލުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަމާ މެދު ފިޔަވަޅު ނާޅާ ކަމަށް ބުނެ އެވެ. ބައެއް ބެލެނިވެރިން ތުހުމަތު ކުރާ ގޮތުގައި އެ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ސްކޫލުގެ އިދާރީ މުވައްޒަފުންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އިހުތިޖާޖުކުރި ކުރުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޣާޒީ ސްކޫލުގެ މައްސަލަތައް ބަލައި، އަޅަމުންދާ ފިޔަވަޅުތައް ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާއާ ހިއްސާ ކުރަމުން ގެންދިޔަ ކަމަށެވެ.

ސްކޫލުގެ އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނެ މުވައްޒަފުންތަކެއް އިހުތިޖާޖުކުރި މައްސަލަ ބަލަމުންދާ ކަމަށާއި ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މި ސްކޫލު މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލަ މިހާރު ވަނީ ބަލަން ފަށާފައި،" ޣާޒީ ސްކޫލުގައި ހިންގި ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ނުކުތް މީހުންނާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ގާޒީ ސްކޫލު ޓީޗަރުން އިހުތިޖާޖު ކުރުމަށް ބެެނާ ހިފައިގެން.--

ގާޒީ ސްކޫލު ޓީޗަރުން އިހުތިޖާޖު ކުރުމަށް ބެެނާ ހިފައިގެން.--

މިނިސްޓްރީގެ ބަސް: މައްސަލައިގެ ފެށުމާއި މިހާރު އޮތް ހިސާބު

އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސްކޫލުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ އޮޑިޓެއް ހަދާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އޮޑިޓުން ފާހަގަވި، ސްކޫލްގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވި، އެ މައްސަލަތައް ބެލުމަށް އިދާރީ ތަހުގީގެއް ހިންގާފައި ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، އެ ތަހުގީގުން ފާހަގަވި ކަންކަމަށް ބަލައި އިހުމާލުވި މީހުންނަށް އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

"މި އިދާރީ ތަހުގީގު ކުރިއަށް ދިޔަ މަރުހަލާގައި، ބަލަމުން ދިޔަ ކަންކަމުގެ އިތުރުން، އިތުރު ކަންކަމުގެ މައުލޫމާތު ލިބި ބަޔާންތައް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިޔަ. ނަމަވެސް މައްސަލައިގެ އިދާރީ ތަހުގީގު ނިމި މައްސަލައިގެ ރިޕޯޓް އެކުލަވާލައި، ރިޕޯޓުން ފާހަގަވި ކަންކަމަށް ރިއާޔަތްކޮށް އިހުމާލުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފެށިފައި،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އިހުތިޖާޖުގައި ބައިވެރިވި ގާޒީ ސްކޫލުގެ ޓީޗަރެއް.---

އިހުތިޖާޖުގައި ބައިވެރިވި ގާޒީ ސްކޫލުގެ ޓީޗަރެއް.---

މިނިސްޓްރީން ބަލަމުންދާ މައްސަލަތައް:

- ރިޕޯޓް ނިމުނު ފަހުން ސްކޫލް މެދުވެރިކޮށް، ސްކޫލްގެ ދެ މުވައްޒަފަކާ ގުޅޭ ޑޮކިއުމެންޓް ފޯޖުކުރުން.

- ޣާޒި ސްކޫލްގެ މުވައްޒަފަކު، ސްކޫލަށް ލިބިފައިވާ ޓީވީއެއް ގެއަށް ގެންދިއުން.

މިނިސްޓްރީން ބުނީ އެ ދެ ކަމަކީ ވެސް އޭގައި ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކަށް ވާތީ އެ މައްސަލަތައް މިހާރު އިތުރަށް ތަހުގީ ގުކޮށްދިނުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޣާޒީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރު އައިޝަތު ޝިޔާޒާ، އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމެންޓަކަށް ބަދަލުކުރީ ގަވައިދާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ޑިޕާޓްމެންޓަކަށް ޝިޔާޒާ މި މަހުގެ ހައެއްގައި ވަގުތީ ގޮތުން ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ 86 ވަނަ މާއްދާގައި ބުނާގޮތުން "އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރު އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެ ކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލުކުރެވުން" ކަމަށް ބުނާ މާއްދާ ރިއާޔަތް ކޮށް ކަމަށެވެ.

މިހާރު ކުރިއަށް ގެންދަނީ އެ މުވައްޒަފު ޖަވާބުދާރީ ކުރުވުމުގެ މަރުހަލާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިހުތިޖާޖުގައި ބައިވެރިވި ގާޒީ ސްކޫލުގެ ޓީޗަރެއް.--

އިހުތިޖާޖުގައި ބައިވެރިވި ގާޒީ ސްކޫލުގެ ޓީޗަރެއް.--

އެ ބަދަލު ގެނައި ސަބަބެެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ސްކޫލްގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އޭނާ ހުރުމަކީ ސްކޫލަށް އެކަމުން އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމުގައި ފާހަގަކުރެވޭތީ އެވެ.

"އެ ބަދަލު ގެނެވުނީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލާ ފޯނުން ގުޅައި އެކަމުގެ މައުލޫމާތު އެ ފަރާތާ ހިއްސާކޮށް މަޝްވަރާ ކުރުމަށް ފަހުގައި. އެޑްމިނިސްޓްރޭޓަރަށް މި މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީ ގޮތުން ބަދަލު ކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތަކު ނޫން. އަދި އެ ފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލުކުރުމެއްގެ ގޮތަކު ނޫން،" މިނިސްޓްރީން ބުންޏެވެ. މި މައްސަލަތަކާ ގުޅިގެން ސްކޫލްގެ އެޑްމިނިސްޓްރޭޓަރު ހިމެނޭގޮތަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކުރާ ޖަވާބުދާރީވުމުގެ ފުރުސަތު އެ މީހަކަށް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖަވާބުދާރީއާއެކު މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ސިވިލް ސާވިސްގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ކަމށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.