Roadha Mihaaru
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!

މުސާރަ އަށް ހެޔޮ ބަދަލެއް އަޔަސް، ޓީޗަރުންގެ މައްސަލަ ހައްލެއް ނުވޭ!

10 އޮކްޓޯބަރ 2023

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެމްޑީޕީގެ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. އެ ވައުދު ފުއްދައި، މިދިޔަ އަހަރުގެ މޭ މަހު ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނެވެ. އެޑިއުކޭޝަން މިނިސްޓްރީން ގަބޫލު ކުރާ ގޮތުގައި މިދިޔަ އަހަރު ބޮޑުކުރި ޓީޗަރުންގެ މުސާރައާ އެކު، ދިވެހި ޓީޗަރުން މި ދާއިރާއަށް ގިނަވެ ބިދޭސީ ޓީޗަރުންގެ އަދަދު މަދު ވާނެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެމްޑީޕީގެ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. އެ ވައުދު ފުއްދައި، މިދިޔަ އަހަރުގެ މޭ މަހު ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނެވެ. އެޑިއުކޭޝަން މިނިސްޓްރީން ގަބޫލު ކުރާ ގޮތުގައި މިދިޔަ އަހަރު ބޮޑުކުރި ޓީޗަރުންގެ މުސާރައާ އެކު، ދިވެހި ޓީޗަރުން މި ދާއިރާއަށް ގިނަވެ ބިދޭސީ ޓީޗަރުންގެ އަދަދު މަދު ވާނެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނައި ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ، ދިވެހި ޓީޗަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،188 އެވެ. އެ މުއްދަތުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 6،596 އެވެ. އެއީ 2،518 ދިވެހި ޓީޗަރުންގެ އިތުރު ވުމެކެވެ. އެކަމަކު، މިހާރު ވެސް ވަރަށް ގިނަ ސްކޫލުތަކަށް ޓީޗަރުން ނުލިބިގެން އިއުލާންކޮށްފައި ހުރިތަން ފެނެ އެވެ. އަނެއްކޮޅުން ބިދޭސީންގެ ޓީޗަރުންގެ އަދަދު އެހާ ބޮޑުތަނުން މަދެއް ނުވެ އެވެ.

ތައުލީމީ ދާއިރާގެ ގިނަ މީހުން މީގެ ކުރިން ކިޔަމުން އައީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ޓީޗަރުން ޝައުގުވެރިކޮށް ދިވެހިން އިތުރު ކުރުމަށް އޮތް ހައްލަކަށް ވާނެ ކަމަށެވެ. ނަމަވެސް ދިވެހި ޓީޗަރުން މި ދާއިރާއަށް ނެރުމަތް އޮތް ހައްލަކަށް އެކަމެއް ނުވި އެވެ. އަލަށް ޓީޗިން ކިޔަވަން ނުކުންނަ ކުދިންގެ އަދަދަށް ބަދަލެއް ވެސް ނައެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލެއްގައި ޓީޗަރުންނާއެކު ކުދިން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލެއްގައި ޓީޗަރުންނާއެކު ކުދިން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މައްސަލަ ހައްލުވާން ވަގުތު ނަގާނެ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މި އަހަރު މޭ މަހު މަޖިލީހަށް ހާޒިރުކޮށް މުސާރަ ބޮޑުކުރުމުން ޓީޗިންގެ ދާއިރާއަށް ނިކުންނަ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުސާރަ ބޮޑު ވިޔަސް އޭގެން ބަދަލެއް ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"އެހެން ނަމަވެސް މިކަަހަލަ ކަންކަން މިން ކުރެވޭނެ ކަންކަން ހުރޭ. އެގޮތުން އަޅުގަނޑުމެން އިއުލާނެއް ކޮށްފިއްޔާ އެ އިއުލާނަށް އިޖާބަ ދޭ ބޭފުޅުންގެ އަދަދަށް ބަލާފައި އަޅުގަނޑުމެންނަށް ބުނަން އެނގޭ މިހާރު ތަރުހީބު ބޮޑޭ. ނަމަވެސް އަދިވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ މި ދާއިރާއަށް ކުދިން ޝައުގުވެރި ކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

"އޭގައި ވަރަށް ބައިވަރު ފެކްޓާސްތަކެއް ހަގީގަތުގައި އެބަހުރި. ދެން މި ދާއިރާއަކީ އެޓްރެކްޓިބް ދާއިރާއެއް ކަމަށް ދެއްކުމަށްޓަކައި އަދި ރަށުގައި ތިބެގެން އާއިލާ ކައިރީގައި ތިބެގެން ކުރެވޭނެ މަސައްކަތެއް ކަމުގައި ކުދިންނަށް ކިޔައިދިނުމަށްޓަކައި ވެސް މިނިސްޓްރީ ތެރޭގައި ކުރިއަށް އެބަދޭ."

މާލޭ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭގެ އިތުރުން ޓީޗާސް ޓްރެއިނިން އިންސްޓްޓިއުޓްތަކާ ގުޅިގެން ޓީޗަރުން އިތުރަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ދިވެހި ޓީޗަރުން ދާއިރާއަށް ނެރުމަށް ސްކޮލަޝިޕް ވެސް ދެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު އެ ދާއިރާއަށް ވަން ކުދިންނާއި ކިޔަވަން ބޭނުންވާ ކުދިންގެ އަދަދަށް ބަދަލެއް އަންނަނަމަ މިހާރު އެނގޭނެ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވެސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް ބަދަލެއް ފެންނަމުން ނުދާ ކަމަށެވެ. ޓީޗިންނަށް ކުދިން ވަންނަ ނަމަވެސް މުސާރަ ބޮޑުކޮށްގެން ވެސް ބަދަލެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވެސް ވިދާޅުވީ ދާއިރާއަށް ކުދިންގެ ޝައުގު އަދި ނުފެންނަ ކަމަށެވެ. އަދި އެމްއެންޔޫގެ އެންމެ ފަހު އިންޓޭކަށް ވައިން ކުދިންގެ ތެރެއިން ވެސް ޓީިޗިން ދާއިރާއަށް އުންމީދުކުރި ވަރަށް ކުދިން ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މުސާރައަށް އައި ބަދަލު ފެންނަން އަހަރެއް ދެ އަހަރުވަރު ނަގާނެހެން. އެއީ މިހާރު އެ ތިބި ކުދިން ތިބެނީ ނިންމައިގެން ކޮންމެވެސް އެހެން ދާއިރާއެއް، އެއީ މުސާރަތައް ބޮޑު ކުރުމުގެ ކުރިން." ޝަރީފް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ބައެއް ދަރިވަރުން، ދަސްވެނިވުމުގެ ހަފުލާގައި.-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ބައެއް ދަރިވަރުން، ދަސްވެނިވުމުގެ ހަފުލާގައި.-- ފޮޓޯ: ރައީސް އޮފީސް

ކުދިންގެ ހައްގުތައް ގިނަ؛ ޓީޗަރަށް ހުރިހާ ބުރައެއް

ޓީޗަރުންގެ މުސާރަ ބޮޑުވި ނަމަވެސް ޓީޗަރުން ލިބުމުގައި ދިމާވާ ދަތިކަމަށާއި ޓީޗިން ކިޔެވުމަށް ކުދިން ޝައުގުވެރިކަން ނުހުންނަ ކަން ކޮލެޖް/ޔުނިވާސިޓީތަކުން ވެސް ފާހަގަ ކުރި އެވެ. ސަބަބެއް ކަމަށް ޓީޗަރުން ގަބޫލު ކުރަނީ ވަޒީފާގެ ބުރަ ކަމެވެ.

"އަނެއްހެން ބުނަންޏާ މިއީ އެއްކޮށް ވަގުތު ހުސްކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް. ގެއަށް ދިއުމުން ދެން ވެސް ވިސްނަން ޖެހެނީ އެކަމާ، 24/7 ޖޮބެއް މިއީ. އަޅުގަނޑަށް ބޮޑަށް ހީވަނީ ކުދިން މި ދާއިރާއަށް ވަންނަން ބޭނުން ނުވަނީ އެހެންވެހެން،" މިހާރު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ޓީޗަރަކަށް ގަބޫލު ކުރެވެނީ ކުދިންގެ ހައްގުތައް ގިނަ ވުމެވެ. ޓީޗަރަކަށް ކުއްޖަކު ގޯސް ކަމެއް ކުރިޔަސް އެކަން ރަނގަޅު ކުރަން އެއްޗެއް ނުބުނެވޭތީ ކުދިންގެ އަހުލާގަށް ބަދަލު އަންނަ ކަމަށް ބައެއް ޓީޗަރުން ގަބޫލު ކުރެ އެވެ.

މިފަދަ އެތައް ސަބަބަކަށްޓަކައި މުސާރަ ބޮޑު ކުރިޔަސް ޓީޗަރަކަށް ވާން ޝައުގު ނުހުންނަ ކަން މިހާރު ޓީޗިން ދާއިރާގައި މަސައްކަތް ކުރާ މީހުން ފާހަގަ ކުރެ އެވެ. ދިވެހި ޓީޗަރުން، ޓީޗިންއަށް ޝައުގުވެރި ކުރުވަން އިތުރަށް މިނިސްޓްރީންނާއި ކަމާ ގުޅޭ އިދާރާތަކުން ވެސް މަސައްކަތް ކުރަން ޖެހޭކަން އެ ޓީޗަރުން ފާހަގަ ކުރި އެވެ. މުސާރަ އަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި އެކަމަށް ހޭދަވާ ވަގުތާއި ދާއިރާގައި އުޅެން ޖެހޭލެއް ބުރަކަން އެއީ ވެސް ޓީޗަރަކަށް ވުމަށް ފަސް ޖެހޭ ކަމެއް ކަމަށް ބައެއް ޓީޗަރުންގެ ވާހަކައިން އެނގެ އެވެ.

މުސާރައާއެކު ޓީޗަރުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބުމަކީ ޓީޗިން ދާއިރާއިން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.