Roadha Mihaaru
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް

ކައުންސިލްތަކަށް މާލީ ބާރުވެރިކަން، ފެންނަނީ ފައިސާއަށް ފަރުވާ ކުޑަކުރާތަން!

18 ޑިސެމްބަރ 2022

މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެލްޖީއޭ އިން އާންމުކުރި އިންޑެކްސް ރިޕޯޓަކުން ހާމަވި ގޮތުގައި، ރ. ދުވާފަރު ކައުންސިލަށް ބޭނުންވާ މުދާ ހޯދުމަށް ކަމަށް ބުނެ، މެމްބަރުންގެ އަމިއްލަ އެކައުންޓަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ. ތަކެތި ގަންނަން ހުޅުވައިލުމުގެ ބަދަލުގައި އެ ފައިސާ މެމްބަރުންގެ އަމިއްލަ ޖީބަށް ލައި، އެ ބޭފުޅުންގެ މުސާރަ އަމިއްލަ އަށް ބޮޑު ކުރައްވައިގެން ފައިސާ ނަގަމުން ގެންދެވީ އެވެ. އެ ކައުންސިލުން އެހާތަނަށް ބެލެހެއްޓި ފައިސާގެ ހިސާބުތައް ވެސް ދިމައެއް ނުވެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެލްޖީއޭ އިން އާންމުކުރި އިންޑެކްސް ރިޕޯޓަކުން ހާމަވި ގޮތުގައި، ރ. ދުވާފަރު ކައުންސިލަށް ބޭނުންވާ މުދާ ހޯދުމަށް ކަމަށް ބުނެ، މެމްބަރުންގެ އަމިއްލަ އެކައުންޓަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ. ތަކެތި ގަންނަން ހުޅުވައިލުމުގެ ބަދަލުގައި އެ ފައިސާ މެމްބަރުންގެ އަމިއްލަ ޖީބަށް ލައި، އެ ބޭފުޅުންގެ މުސާރަ އަމިއްލަ އަށް ބޮޑު ކުރައްވައިގެން ފައިސާ ނަގަމުން ގެންދެވީ އެވެ. އެ ކައުންސިލުން އެހާތަނަށް ބެލެހެއްޓި ފައިސާގެ ހިސާބުތައް ވެސް ދިމައެއް ނުވެ އެވެ.

ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް ލޯކަލް ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ވަކާލާތުކޮށް، އެންމެ ފަހުން އެ ބާރުތައް ދޫކުރުމުން އެކަމުގެ ނާޖާއިޒު ބޭނުން ހިފުން ވީ ގިނަ ބަޔަކަށް ޝޮކަކަށެވެ. އެކަމަކު، އެފަދަ ބޮޑު ޒިންމާއެއް ކައުންސިލުތަކާ ހަވާލު ކުރިއިރު އެ ޒިންމާ ފުރިހަމައަށް އަދާކުރެވިދާނެތޯ މާ ކުރިން ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ.

ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމުގެ ވައުދުގެ ދަށުން:

• ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަ ކޮށްފައިވޭ.

• ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކަށް ދޭން ވަނީ ނިންމާފައި.

• މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގައިވާ ބިމުގެ ކުއްޔާއި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ކައުންސިލުތަކަށް ދޫކޮށްލާފައި.

• ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރެވޭނެ ގޮތް ވަނީ ހަދާފައި.

• ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގެ ބާރު ދީފައިވޭ.

ކުރިއަށް އޮތީ ކައުންސިލްތައް ބާރުވެރި ކުރުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާ ފެންނާނެ ދުވަސްތަކެވެ. ކައުންސިލުތަކަށް އިތުރު ފައިސާ ލިބޭނެ މަގުތައް ހުޅުވޭނެ ދުވަސްތަކެކެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން އެއްގަމު އަދި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ ރަށު ކައުންސިލުތަކުން ބަލައިގަންނަން ފަށާނެ އެވެ. އަތޮޅު ސްޓޯރުތަކުގެ ކުލި އެއްކޮށް އަތޮޅު ކައުންސިލުތަކަށް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިފަދަ ބޮޑު ބަދަލެއް ގެންނަ އިރު، ކައުންސިލުތައް ހަގީގަތުގައި ވެސް ތައްޔާރުތޯ ސުވާލު އުފެދެ އެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން މި މަހު ހަ ރަށު ކައުންސިލެއްގެ 2021 ވަނަ އަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުތައް އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުތަކުން ވެސް ފެންނަނީ ކަންބޮޑުވުން އުފެދޭ ކަންތައްތަކެވެ.

ގަވައިދާ ހިލާފަށް މުދަލާއި ހިދުމަތް ހޯދުން އާންމު:

މ. ކޮޅުފުއްޓާއި އދ. އޮމަދު އާއި އދ. މާމިގިއްޔާއި ރ. ރަސްގެތީމާއި ދ. ކުޑަހުވަދޫ އަދި ވ. ކެޔޮދޫ ކައުންސިލްގެ އޮޑިޓްތައް މި މަހު އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ކައުންސިލުތަކުން މާލިއްޔަތު ގަވައިދާ އެއްގޮތަށް ފައިސާގެ ކަންކަން ބަލަހައްޓަމުން ގޮސްފައި ނުވާ ކަމާއި ބައެއް ކައުންސިލުތަކުން ގަވައިދާ ހިލާފަށް މުދަލާއި ހިދުމަތަށް އަގު ދީފައިވާކަން ފާހަގަކުރެވުނެވެ.

މާލިއްޔަތު ގަވައިދުގައި އޮންނަނީ 35،000ރ. އަށް ވުރެ ކުޑަ އަގެއްގެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދާ ނަމަ ތިން ފަރާތަކުން އަގު ހޯދައި އެންމެ އެކަށީގެންވާ ފަރާތަކުުން އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށެވެ. އެ ތިން ފަރާތަކުން އަގު ހޯދުމަށް މާލިއްޔަތު ގަވައިދު ލާޒިމު ކުރަނީ ވެސް ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމަށެވެ. އެ އިދާރާއަކަށް އެންމެ ފައިދާ ހުރި ގޮތަށް އަމަލު ކުރެވުނުތޯ ބަލާށެވެ.

ނަމަވެސް، އޮޑިޓްތަކުން އެނގުނު ގޮތުގައި ބައެއް ރަށު ކައުންސިލުތަކުން އެ ގަވައިދަށް އަމަލުކޮށްފައެއް ނެތެވެ. ތިން ފަރާތަކުން އަގު ނުހޯދައި ތަކެއްޗާއި ހިދުމަތަށް ބައެއް ކައުންސިލުތަކުން މިދިޔަ އަހަރު ބޮޑެތި އަދަދުތަކުން ހޭދަކޮށްފައި އެބަހުއްޓެވެ. އެގޮތުން:

• މާމިގިލީ ކައުންސިލުން 17،345ރ. ގެ ތަކެއްޗާއި ހިދުމަތަށް ތިން ފަރާތަކުން އަގު ހޯދާފައެއް ނުވޭ.

• ރަސްގެތީމު ކައުންސިލުން 188،842.ރ ގެ ތަކެއްޗާއި ހިދުމަތަށް ތިން ފަރާތަކުން އަގު ހޯދާފައެއް ނެތް.

• ކޮޅުފުށި ކައުންސިލުން 54،950ރ. ގެ ތަކެއްޗާއި ހިދުމަތަށް ތިން ފަރާތަކުން އަގެއް ނުހޯދާ.

• ކުޑަހުވަދޫ ކައުންސިލުން 128،749ރ. ގެ ތަކެއްޗާއި ހިދުމަތަށް ތިން ފަރާތަކުން އަގު ހޯދާފައެއް ނުވޭ

އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރީ، ތިން ފަރާތަކުން އަގު ނުހޯދައި، މުދަލާއި ހިދުމަތް ހޯދާފައިވާތީ އެ ކައުންސިލުތަކުން އެ ތަކެތި ހޯދީ ކައުންސިލަށް އެންމެ ފައިދާ ހުރި ގޮތުގައިކަން ކަށަވަރެއް ނުވާ ކަމަށެވެ.

ފައިސާގެ ރެކޯޑުތައް ނުބަލަހައްޓާ، އުސޫލާ ހިލާފު އެތައް ކަމެއް!

ބައެއް ކައުންސިލުތަކުން ފައިސާގެ ހިސާބުތައް މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓަމުން ނުދާކަން ވެސް އޮޑިޓުން ފާހަގަަކުރެވުނެވެ. ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރު ވެސް 134 ކައުންސިލަކުން ހިސާބުތައް ގަވާއިދުން ރެކޯޑް ކުރަމުން ނުދާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.

އޮމަދޫ ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ވަނީ އެ ކައުންސިލުން ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ރެކޯޑް ބަލަހައްޓާފައި ނުވާ ކަމަށެވެ. ތިޖުރީން ނަގާ ފައިސާ އާއި ބަހައްޓާ ފައިސާގެ ރެކޯޑެއް ނުބަލަހައްޓަ އެވެ. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރަން ޖެހޭ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރަމުން ނުދާ ކަމަށް ވެސް އޮމަދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ވެ އެވެ.

އޮމަދޫ ކައުންސިލާއި ކުޑަހުވަދޫ ކައުންސިލުގެ އިދާރާ އަށް ލިބެން ޖެހޭ ފައިސާގެ ހިސާބު ބަލަހައްޓާފައި ނުވާތީ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ވަނީ ކިހާ ވަރެއް ކަމާއި އެއީ ކިހާ ދުވަހެއްގެ ފައިސާކަން ވެސް އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އިންފްލޭޝަންގެ ނުރައްކަލަކީ ފައިސާގެ އަގު ވެއްޓުން -- ފައިލް ފޮޓޯ: މިހާރު

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އިންފްލޭޝަންގެ ނުރައްކަލަކީ ފައިސާގެ އަގު ވެއްޓުން -- ފައިލް ފޮޓޯ: މިހާރު

މާމިގިލީ ކައުންސިލުން ވެސް ދުވަހުންދުވަހަށް ލިބޭ ފައިސާގެ ރެކޯޑު ނުބަލަހައްޓަ އެވެ. ދުވަހުންދުވަހަށް ލިބޭ ފައިސާ ބޭންކް އެކައުންޓަށް ޖަމާ ކުރަން ޖެހޭއިރު 175،621ރ. ޖަމާނުކޮށް ކައުންސިލުގެ މުވައްޒަފުންގެ މޭޒު ވައްގަނޑުގައި ބަހައްޓާފައި ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ކައުންސިލަށް ވަންނަން ޖެހޭ ފައިސާ ތިޖޫރީއެއް ފަދަ ވަކި ހާއްސަ ތަނެއްގައި ރައްކާކުރަން ޖެހެ އެވެ. އެކަމަކު، އެ ފައިސާ ބަހައްޓަނީ މުވައްޒަފުންގެ އަތުގަ އެވެ. މާމިގިލީގެ ކައުންސިލް ފައިސާ ގުނި ދުވަހެއްގައި ކައުންސިލުގެ މުވައްޒަފެއްގެ މޭޒު ވައްގަނޑުގައި 57،375ރ. ހުރިކަން ފާހަކުރެވުނު ކަމަށް ވެސް އޮޑިޓްގައި ވެ އެވެ. އެ ރަށު ޕްރީ ސްކޫލުން ކައުންސިލަށް ލިބެން ޖެހޭ ފައިސާ، އެ ސްކޫލުގެ މުވައްޒަފެއްގެ އަތުގައި ބަހައްޓަމުން ގޮސް ކައުންސިލާ ހަވާލުނުކޮށް އޭނާގެ އަތުގައި ހުރި އަދަދު 17،600ރ. އަށް އަރާފައިވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.

ގަވައިދާ އެއްގޮތަށް ފައިސާގެ ހިސާބުތައް ނުބެލެހެއްޓުމާއި ޖަމާނުކުރާ ކޮންމެ ފަހަރަކީ ކޮރަޕްޝަނަށް ނުވެދާނެ އެވެ. އެކަމަކު، އެއީ ކޮރަޕްޝަނަށް ދޮރު ހުޅުވޭނެ ފަދަ ކަންކަމެވެ. އެންމެ ކުޑަމިނުން އެއީ މާލިއްޔަތު ގަވައިދަށް ކައުންސިލުތަކުގެ އަހުލުވެރިކަން ކުޑަ ވަރު ދައްކުވައިދޭ ކަމެކެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމި އިރު، ކައުންސިލުތަކުން އެކަށީގެންވާ ގޮތަށް ހިސާބު ބެލެހެއްޓުމާއި މާލީ ކަންކަމަށް ފަރުވާތެރިވުމުގެ މުހިންމުކަން ފިނޭންސް މިނިސްޓްރީން ދިޔައީ ފާހަގަކުރަމުންނެވެ.

އެކަމަށް ބާރު އެޅުމުގެ ގޮތުން، ހިސާބު ބެލެހެއްޓުމާއި މާލީ ކަންކަމުގައި ފަރުވާތެރި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވާނެ ގޮތަށް އަންނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ކައުންސިލުތައް އޮޑިޓް ކުރުން ވަރުގަދަ ކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރު ވެސް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް 1.6 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ބަޖެޓުކޮށްފަ އެވެ. މިހާރު ކައުންސިލުތަކަށް ފައިސާ ލިބޭނެ އިތުރު ގޮތްތައް ވެސް ހަމަޖައްސާފައިވާއިރު، އެ ބާރުތައް ދިނުމާއެކު ފާރަވެރިވާން ޖެހޭ ވަރަށް ފާރަވެރިވެވޭތޯ ސުވާލު އުފެދެ އެވެ. ޔަގީނުން ވެސް އޮޑިޓް ރިޕޯޓްތަކުން ފެންނަނީ ދައުލަތުގެ ފައިސާ އަށް އިންތިހާ އަށް ފަރުވާކުޑަކުރާ ތަނެވެ. ހިސާބުތައް ދިމާ ނުވާ މަންޒަރެވެ. ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރާ ތަނެވެ.

ލޯކަލް ކައުންސިލްތަކުން ކުރިން ދެއްކީ މާލީ ބާރުވެރިކަން ނެތުމުން ހަތަރެސްފައި ބަނދެގެން ތިބެން ޖެހޭ ވާހަކަ އެވެ. އެކަމަކު، އެ ބާރުވެރިކަން ދިނުމުން އޭގެ ނާޖާއިޒު ފައިދާ ނަގަން ފެށުމަކީ ބިރު ހުރި ކަމެކެވެ.