Roadha Mihaaru
ދުވާފަރު ބޮޑު ހިޔާނާތަށް ދެ މަސް: ފިޔަވަޅެއް ނޭޅި!

ދުވާފަރުގެ ބޮޑު ހިޔާނާތް ފަޅާއެރިތާ ދެ މަސް، ފިޔަވަޅެއް ނޭޅި!

06 ސެޕްޓެމްބަރ 2022

ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް އާންމުންނަށް ފަޅާ އެރީ މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިހާތަނަށް އެ ކައުންސިލާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެއްވެސް މެމްބަރެއް ސަސްޕެންޑެއް ނުކުރެ އެވެ. ބަރާބަރަށް ވަޒީފާ އަށް ނުކުމެ، ކައުންސިލަރުން އެ ގެންދަވަނީ މުސާރަ ނަންގަވަމުންނެވެ. ކައުންސިލަރުންގެ ބެލެނިވެރިފަރާތް އެލްޖީއޭ "ދަތުރުކުރަނީ" މަޑުދުވެލީގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް އާންމުންނަށް ފަޅާ އެރީ މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިހާތަނަށް އެ ކައުންސިލާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެއްވެސް މެމްބަރެއް ސަސްޕެންޑެއް ނުކުރެ އެވެ. ބަރާބަރަށް ވަޒީފާ އަށް ނުކުމެ، ކައުންސިލަރުން އެ ގެންދަވަނީ މުސާރަ ނަންގަވަމުންނެވެ. ކައުންސިލަރުންގެ ބެލެނިވެރިފަރާތް އެލްޖީއޭ "ދަތުރުކުރަނީ" މަޑުދުވެލީގަ އެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.

އެ މައްސަލަތައް ފެންމަތިވުމާއެކު، އެލްޖީއޭ އިން ވަނީ އެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އިންކުއަރީއެއް ހެދުމުގެ މަސައްކަތް ވެސް ފެށި އެވެ.

އޭރު ވެސް އޮތް ކަންބޮޑުވުމަކީ ދުވާފަރު ކައުންސިލަރުންނާއި އެ ޖަރީމާގައި ބައިވެރިވި މުވައްޒަފުން އަދިވެސް ވަޒީފާ އަށް ނުކުތުމާއި އޭގެ ސަބަބުން ބަލަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވިދާނެ ކަމަށް ބުނަމުންނެވެ.

އެ މައްސަލައިގައި މީގެ މަހެއްހާ ދުވަސް ކުރިން [ޖުލައި މަހުގެ ފަހުކޮޅު] "މިހާރު" އިން ސުވާލު ކުރުމުން އެލްޖީއޭ އިން ބުނިގޮތުގައި އޭރު އޮތް ބޮޑު ބަންދު ނިމުމާއެކު، ބޯޑުގެ ބައްދަލުވުން ބާއްވައި ދުވާފަރު ކައުންސިލަށް ފިޔަވަޅު އަޅާނެ އެވެ.

އެކަމަކު އޭގެ ފަހުން މިއަދާ ހަމަޔަށް އައިއިރު ވެސް އެލްޖީއޭ އިން ހަދަމުން ދިޔަ އިންކުއަރީއެއް ނުނިމެ އެވެ.

މެމްބަރުންނަށް ދީފައިވާ ނަގުދު ފައިސާ އާއި ޖަމާކޮށްފައިވާ ފައިސާ:

އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު - 711،617.58ރ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމް - 447،837.44ރ.

ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު - 252،048ރ.

ކައުންސިލް މެމްބަރު ޒުހުދާ އާދަމް - 181،666.08ރ.

ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު - 165،200.79ރ.

ކައުންސިލް މެމްބަރު އަހުމަދު ސަމޫހް - 128،696.47ރ.

ކައުންސިލް މެމްބަރު އައިމިނަތު ސަލާހު - 119،535.99ރ.

އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދު - 67،820ރ.

ހަވާލު ކުރި ފަރާތް ނޭނގޭ - 21،981

"ފިޔަވަޅު އަޅަން ލަސްވެގެނެއް ނޫޅެން"

"މިހާރު" އާ ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މިއަދު ވިދާޅުވީ އަދިވެސް ކުރިޔަށް ދަނީ ދުވާފަރު މައްސަލައިގެ އިންކުރީ ހެދުމުގެ މަސައްކަތް ކަމަށެވެ. ފިޔަވަޅު އަޅާނީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"[ހޯމް] މިނިސްޓަރުގެ ހުއްދައާއެކު އިންކުއަރީއެއް ހެދެނީ. މިނިސްޓަރުގެ ހުއްދައާއެކު އިންކުއަރީގެ ބަޔާންތަކަށް ފަހު ޖަވާބުދާރީ ވާން ވެސް މުއްދަތެއް ދެވޭ. އެ މުއްދަތު ހަމަވުމުގެ ކުރިން ބޯޑާ ހަމައަކަށް އިތުރު ނިންމުމަކަށް ނުގެންދާނެ،" އަފްޝަން ވިދާޅުވި އެވެ.

ކައުންސިލް މެމްބަރުން މިހާރުވެސް ވަޒީފާ އަށް ނުކުންނަވާއިރު އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސް ނުވޭތޯ ސުވާލު ކުރުމުން އަފްޝަން ވިދާޅުވީ "އެއްވެސް ކައުންސިލަކަށް ފިޔަވަޅު އަޅާކަށް ލަސް ވެގެން ނޫޅެން" ކަމަށެވެ.

މީގެ ކުރިން އާބިޓަރީކޮށް ހަމައެއް ލަމައެއް ނެތި ފިޔަވަޅު އެޅިޔަސް މިހާރު އެގޮތަށް ކަންކަން ނުކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ނިޒާމުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތް މާ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެލްޖީއޭއަކީ ތަހުގީގީ އިދާރާއެއް ނޫން. ދުވާފަރު ކޭސް ގައި ވެސް މައްސަލަތަކާ މެދު އެކްޝަނެއް ނެގުމަށް ވާނީ ޕޮލިސް އާއި އޭސީސީ އަށް ފޮނުވާފައި،" އަފްޝަން ވިދާޅުވި އެވެ.

ވައްކަމާއި ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" އެވެ. ނަމަވެސް އެ ސިޔާސަތާ އެއްގޮތަށް ކަމާގުޅޭ މުއައްސަސާތަކުން އަމަލު ކުރަމުންދާ މިންވަރާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައި ފާޑުކިޔަ އެވެ.