Roadha Mihaaru
ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް ފަޅާއަރައިފި

ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް، ޒަކާތުގެ ފައިސާ ވެސް އަމިއްލަ އެކައުންޓަށް!

23 ޖުލައި 2022

ރ. އަތޮޅު ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށް، ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއް ފަޅާއަރައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރ. އަތޮޅު ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށް، ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއް ފަޅާއަރައިފި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ބަހާފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

އެލްޖީއޭ އިން ބުނީ، 'އިން-ކައިންޑް' ގެ ގޮތުގައި ފައިސާ އާއި ތަކެތި މާލިއްޔަތުން ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ވެސް ދުވާފަރު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓުގައި އެލްޖީއޭ އިން ވަނީ 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ލަފާދީފަ އެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދިނުން ހިމެނެ އެވެ.

އެންމެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837ރ. އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048ރ. ލިބިފައިވާކަން ރިޕޯޓުން އެނގެ އެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666ރ. އާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް ވެސް 165،200ރ. ޖަމާވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓަށް ދެން ޖަމާވެފައި ވަނީ ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހަށެވެ. ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފަ އެވެ.

އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ. ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.

ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބަޔާންކުރެ އެވެ.