Roadha Mihaaru
މެސީގެ އުންމީދު ހާސިލުވެ އާޖެންޓީނާއަށް ޗެމްޕިއަންކަން

މެސީގެ ހުރިހާ އުންމީދެއް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

18 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 18) - ތަށި ދިފާއު ކުރަން ނުކުތް ފްރާންސްގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ން ކާމިޔާބު ހޯދައި ކެޕްޓަން ލިއޮނެލް މެސީގެ އުންމީދުތައް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ލުސައިލް (ޑިސެމްބަރު 18) - ތަށި ދިފާއު ކުރަން ނުކުތް ފްރާންސްގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ން ކާމިޔާބު ހޯދައި ކެޕްޓަން ލިއޮނެލް މެސީގެ އުންމީދުތައް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ނަތީޖާ 2-2 ން އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފުގައި ދެ ޓީމުން ޖެހި ދެ ލަނޑާއެކު މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި އެވެ. ފްރާންސްގެ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއު ކުރި އެވެ. އައުރޭލިއަން ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ކޯލޯ މުއާނީ ޖެހި ޕެނަލްޓީ ވައްދާލި އެވެ.

އާޖެންޓީނާގެ ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބު ކުރި އެވެ. މެސީ އާއި ޕައުލޯ ޑިބާލާ އަދި ލިއަންޑްރޯ ޕަރެޑޭސްގެ ޕެނަލްޓީ ވެސް ވައްދާލި އެވެ. އާޖެންޓީނާ މެޗުން މޮޅުކޮށް ދިން ޕެނަލްޓީ ވައްދާލީ ގޮންޒާލޯ މޮންޓިއެލް އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ: ވޯލްޑް ކަޕް ތަށީގައި އަތްލައިގެން ތައްޓަށް ބޮސް ދެނީ: މެސީ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ހުރިހާ ކާމިޔާބެއް ހޯދާފަ --- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ކެޕްޓަން މެސީ: ވޯލްޑް ކަޕް ތަށީގައި އަތްލައިގެން ތައްޓަށް ބޮސް ދެނީ: މެސީ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ހުރިހާ ކާމިޔާބެއް ހޯދާފަ --- ފޮޓޯ: އޭއެފްޕީ

މި ކާމިޔާބު އެންމެ ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ މެސީ އެވެ. މެސީގެ މި ކާމިޔާބާ އެކު އޭނާ ވަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހާސިލު ކުރާނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދައިފައިވާ މެސީ އަށް ފުޓްބޯޅައިގައި މީގެ ކުރިން ނުލިބި އޮތީ ވޯލްޑް ކަޕް އެކަންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ކަމުގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަންކަން ވެސް އާޖެންޓީނާ އަށް ހޯދައި ދިނެވެ. އަދި 2004 ގެ އޮލިމްޕިކް ފުޓްބޯޅައިން އާޖެންޓީނާ ރަން މެޑަލް ހޯދިއރު އެ ކާމިޔާބުގައި ވެސް އޭރުގެ ޒުވާން ކުޅުންތެރިޔާ މެސީގެ ހިއްސާ ބޮޑެވެ.

ކުރީގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް މިރޭ ގަތަރުގެ ލުސައިލްގެ އޮއިކޮނިކް ސްޓޭޑިއަމްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ދިނީ ވެސް މެސީ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ހޫލިއަން އަލްވަރޭޒް ދިން ބޯޅައިން ޖެހީ އޭންހަލް ޑީ މާރީއާ އެވެ.

ދެވަނަ ހާފުގައި ފްރާންސުން ފުރުސަތު ހޯދައި އެއްވަރު ކުރީ 97 ސިކުންތު ތެރޭ ދެ ލަނޑު ޖަހައިގެންނެވެ. ދެވަނަ ހާފުގެ ފަހު ކޮޅުގައި ކިލިޔަން އެމްބާޕޭ ފްރާންސަށް ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ލަނޑު ޖަހައި ދީ އެ ޓީމަށް އުންމީދެއް ހޯދައި ދިނެވެ. ލިބުނު ހިތްވަރާއެކު އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެކަމަކު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގައި މެސީ އިތުރު ލަނޑެއް ޖަހައި ދީ އާޖެންޓީނާ އަށް އަލުން ލީޑް ނަގައި ދިނެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައި ދިނުމަށް ފަހު ކެޕްޓަން ލިޮނެލް މެސީ މުބާރާތުގެ ތަށި އުފުލާލަނީ --- ފޮޓޯ: އީޕީއޭ

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައި ދިނުމަށް ފަހު ކެޕްޓަން ލިޮނެލް މެސީ މުބާރާތުގެ ތަށި އުފުލާލަނީ --- ފޮޓޯ: އީޕީއޭ

އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި އެމްބާޕޭ ވަނީ ފްރާންސަށް ލިބުނު ޕެނަލްޓީ ވައްދާލައި މެޗުގެ ނަތީޖާ 3-3 އަށް އެއްވަރުކޯށް ދިފަ އެވެ. އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ 1966 ގެ ފަހުން ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އިންގްލެންޑްގައި 1966 ގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން 4-2 ން މޮޅުވި މެޗުގައި އިންގްލެންޑްގެ ލެޖެންޑް ޖެފް ހާސްޓް ހެޓްރިކް ހަދަިއިފަ ވެއެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އާޖެންޓީނާގެ އެންޒޯ ފެނާންޒޭޒް އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އެ ޓީމުގެ މާޓިނޭޒް އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް އެވޯޑް ހޯދީ އެމްބާޕޭ އެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑުޖަހައިފަ އެވެ. މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ. މިއީ އޭނާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ގައި ވެސް އޭނާ ވަނީ ވޯލްޑް ކަޕް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އެފަހަރުގެ ފައިނަލުގައި އާޖެންޓީނާ ބަލިވީ ޖަރުމަން އަތުންނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެމްބާޕޭ، އެންމެ މޮޅު ކީޕަރު މާޓިނޭޒް، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި މެސީ، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންޒޯ ފެނާންޑޭޒް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެމްބާޕޭ، އެންމެ މޮޅު ކީޕަރު މާޓިނޭޒް، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި މެސީ، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންޒޯ ފެނާންޑޭޒް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާއިން ވޯލްޑް ކަޕް ޗެމްޕިއަންކަން މި ހޯދީ 36 އަހަރަށް ފަހު އާޖެންޓީނާއިން މީގެ ކުރިން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދީ 1986 ގައި އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން ހެދި ލުސައިލް ސިޓީގައި މިރޭ ކުޅުނު މެޗާ އެކު މި އަހަރުގެ ވޯލްޑް ކަޕު ނިމުނީ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. ޔޫރަޕްގެ ހަތް ގައުމަކުން ގަތަރަށް ކުރިމަތި ކުރި ފިންތުންތަކާ އެކު ވެސް އެ ގައުމުން ވޯލްޑް ކަޕަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ދިން މެހެމާންދާރީ އަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ދެން ފިރިހެނުންގެ ވޯލްޑް ކަޕް ބާއްވާނީ 2026 އެވެ. އެ މުބާރާތް އޮންނާނީ އުތުރު އެމެރިކާގެ އެންމެ ބޮޑު ތިން ގައުމު ކަމަށްވާ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ފަހު 32 ޓީމުގެ ފޯމެޓަށް އަމަލުކުރުން ފީފާއިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެމެރިކާ، މެކްސިކޯ ކެނަޑާގައި ބާއްވާ މުބާރާތުން ފެށިގެން ވޯލްޑް ކަޕްގައި 48 ޓީމު ވާދަ ކުރާގޮތަށް ފީފާއިިން ވަނީ ހަމަޖައްސައިފަ އެވެ.