Roadha Mihaaru

ޑްރަގްގެ ތުހުމަތަށް ހައްޔަރު ކުރުމުން ބުނީ އަތުގައި ހުރީ ގޮދަން ފުށް ކަމަށް

ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު އޭނާ އަތުން ފެނުނު ތަކެއްޗަކީ ޑްރަގް ނޫން ކަމަށާއި ގޮދަން ފުށް ކަމަށް ކޯޓުގައި ބުނެފި އެވެ.

ޑްރަގްގެ ތުހުމަތަށް ބުނީ، އަތުން ފެނުނީ ފުށް ކަމަށް
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

19 ޑިސެމްބަރ 2022

ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު އޭނާ އަތުން ފެނުނު ތަކެއްޗަކީ ޑްރަގް ނޫން ކަމަށާއި ގޮދަން ފުށް ކަމަށް ކޯޓުގައި ބުނެފި އެވެ.

އައްޑޫ މަރަދޫގެ، އުމުރުން 32 އަހަރުގެ އެ މީހާ ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ އެކު ހައްުޔަރުކޮށް ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުގައި ފުލުހުންނަށް ވަނީ އޭނާ ލައިގެން ހުރި ޖިންސުުގެ ވައަތް ފަރާތުގެ ކުރިމަތީ ޖީބުން ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފަ އެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ދިފާއުގައި ބުނެފައި ވަނީ ޖީބުން ފެނުނު ތަކެއްޗަކީ ރައްޓެއްސަކަށް ލަނޑެއް ދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.

ކޯޓު އަމުރުގައި ވަނީ ފެނުނު ޑްރަގް ކަމަށް ޝައްކު ކުރެވޭ ތަކެއްޗަކީ ގޮދަން ފުށް ކަމަށް އޭނަ ބުނާތީ އެ ތަކެތި އަވަހަށް ތަހުލީލު ކުރުން މުހިންމު ކަމަށެވެ. ތުހުމަތުވާ މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑުތައް ހުރި މީހެކެވެ. އަދި އޭނާ ބަންދުކުރި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި މި މަރުހަލާގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.

އެ މީހާ ކޯޓުގައި އެދުނީ ވަކީލަކާ އެކު ކުރިއަށްދިޔުމަށެވެ. އެހެންވެ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް، ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ތުހުމަތުވާ މީހާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ.