Roadha Mihaaru
ސަގާފީ ހެދުން މެސީގެ ގަޔަށް، އަމީރުގެ މެސެޖެއްް

މެސީގެ ގަޔަށް ލެއްވި ސަގާފީ ހެދުން، އަމީރު ދުނިޔެ އަށް ދެއްވި ވަރުގަދަ މެސެޖެއް

19 ޑިސެމްބަރ 2022

ލުސައިލް (ޑިސެމްބަރު 19) - ވޯލްޑް ކަޕް ފައިނަލަށް ފަހު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ތަށި ހަވާލުކޮށް ދެއްވުމުގެ ކުރިން، ގަތަރުގެ އަމީރު ތަމީމް ބިން ހާމިދު އަލް ޘާނީ، މެސީގެ ގަޔަށް ލައްވަވައި ދެއްވީ އަރަބި ސާގާފީ ހެދުމެކެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލުސައިލް (ޑިސެމްބަރު 19) - ވޯލްޑް ކަޕް ފައިނަލަށް ފަހު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ތަށި ހަވާލުކޮށް ދެއްވުމުގެ ކުރިން، ގަތަރުގެ އަމީރު ތަމީމް ބިން ހާމިދު އަލް ޘާނީ، މެސީގެ ގަޔަށް ލައްވަވައި ދެއްވީ އަރަބި ސާގާފީ ހެދުމެކެވެ.

މި ހެދުމަކީ އަރަބި އަދި އިސްލާމީ ސަގާފަތާ ގުޅުން ހުރި ތާރީހީ ހެދުމެކެވެ. މުސްލިމުން އެއްވެރިކަމެއްގެ ދަށުގައި ހިލާފަތެއް ގާއިމުކޮށްގެން ތިބި ދުވަސްވަރުން ފެށިގެން އަރަބިންގެ ތެރޭގައި މި ސާގަފަތް އޮތެވެ. މުސްލިމުންގެ ހަލީފާގެ އަރިހަށް ޒިޔާރަތް ކުރާ އެހެން ސަރަހައްދުތަކުގެ ވެރިންނަށް ވެސް މިފަދަ ހެނދުންކޮޅުތައް އޭރު ވެސް ހަދިޔާ ކުރައްވަ އެވެ.

ހާއްސަ މެހެމާނުންނަށް ހަލީފާގެ ފަރާތުން ދެއްވަވާ ހާއްސަ ހެދުންކޮޅުން ރަމްޒުކޮށް ދެނީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. އެ ސަގާފަތް ދިރުވުމުގެ ގޮތުން އަމީރު މެސީ އަށް އެފަދަ ހެދުމެއް ދެއްވުމުން އޭނާ އަށް އިހުތިރާމް ރަމްޒުކޮށް ދެ އެވެ.

ހަމައެއާއެކު އެއީ މުޅި ދުނިޔެ އަށް އަމީރު ދެއްވީ ވަރުގަދަ މެސެއްޖެއް ކަމަށް ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ ލިޔެފަ އެވެ.

ވޯލްޑް ކަޕް ފެށެން މަހަކަށް ވީއިރު ވެސް ހުޅުގުގެ ގައުމުތަކުގައި އޮތީ ގަތަރަށާއި އަރަބީންނަށް ޖައްސާލުމުގެ އޮއިވަރެކެވެ. ބިޔަރާއި ބަނގުރާ ސްޓޭޑިއަމްތަކުން ނުލިބޭތީ އިސްލާމީ ސަގާފަތަށް ވެސް ހުޅަނގުގެ މީޑިއާތަކުން ގޮންޖެހި އެވެ. އެންމެ ބޮޑު ކަމަށް އޮތީ އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެ ފާހިޝް އަމަލު ޕްރޮމޯޓް ކުރަން ހުޅަނގުގެ ގައުމުތަކުން ކުރި މަސައްކަތާ ދެކޮޅަށް ގަތަރުން ނެރުނު ވަރުގަދަ އަމުރެވެ.

އެ ފާހިޝް އަމަލު ޕްރޮމޯޓް ކުރުމުގެ ގޮތުން ޓީމުތަކުގެ ކެޕްޓަނުންގެ ބޭންޑްގައި ނިޝާންތައް ކުރެހުން ވެސް ގަތަރުން މަނާ ކުރި އެވެ. އެކަމަށް ފާޅުގައި ވަކާލަތު ކުރި ހުޅަނގުގެ ހަތް ގައުމުން ހަތިޔާރު ބަހައްޓައި އަމާން ދިނީ ފީފާއިން އަޅައިފާނެ ފިޔަވަޅަކުން ސަލާމަތް ވުމަށެވެ.

އެކަމަކު ގަތަރުގެ ސަގާފަތާއި މުސްލިމުންގެ އާދަކާދަތައް ކަމުނުދާ ކަމަށް ބުނެ އޮތް ފާޑު ކިޔުން މައިތިރިއެއް ނުވި އެވެ. ރޭގެ މެޗާ ހަމައަށް ވެސް އެ ވާހަކަތައް ހުޅަނގުގެ މީޑިއާތަކުގައި ދެކެވެމުންދިޔަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީރު އަރަބި ބަހުން ވާހަކަ ދެއްކެވުމުން ވެސް އިނގިރޭސި ވިލާތުގެ ދި ގާޑިއަންއިން ފާޑު ކިޔައިފައިވެ އެވެ.

އެކަމަކު މީޑިއާގެ ހައްގު ހަންޏެއް ނުކުރި އެވެ. ގަތަރުން މެސެޖު ދިނީ އެހެން ގޮތަށެވެ. މެސީ އަށް ރޭ ދެއްވި ހެދުމަކީ ވެސް އެކަމުގެ މެސެޖެކެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެތުލީޓެވެ. ރޭ މުބާރާތުގެ ތަށި އުފުލާލުމުގެ ކުރިން މެސީގެ ގަޔަށް ސަގާފީ ހެދުން ލައްވަވައި އެ ދިނީ މެސެޖެކެވެ.

އަމީރު ދައްކަވާ ދެއްވަން ބޭނުންވީ ގަތަރުގެ ސަގާފަތަކީ ރީތި އާދަކާދަތަކެއްގެ މައްޗަށް ބިނާވެފައިވާ ސަގާފަތެއް ކަމެވެ. އަގީދާ އާއި ފިކުރީ ގޮތުން ތަފާތު ވިޔަސް އިހުތިރާމާއި ގަދަރު އޮންނާނެ ކަމެވެ. އެ ހެދުމުގައި މެސީ ފެންނުމުން އެ މަންޒަރު ވަގުތުން ބެލި ބިލިއަނަކަށްވުރެ ގިނަ މީހުންނަށް ގަތަރުގެ ސަގާފަތުގެ ރީތިކަން ހިތައް ގެނެވޭނެ ކަމަށް، ދި އެތުލެޓިކް ނޫހުގެ އިނގިރޭސި ވިލާތުގެ ގޮފީގެ ޑެޕިއުޓީ އެޑިޓަރު ލައުރާ ވިލިއަމްސަން ލިޔެފައިވެ އެވެ.

ބިޔަރާއި ބަނގުރާ ނުލައި ވޯލްޑް ކަޕް ބޭއްވުމަކީ ހުޅުގަނގެ އެތައް ބަޔަކަށް ވެސް ހިތްހަމަޖެހުން ލިބުނު ކަމަށްވި އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ.