Roadha Mihaaru
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް

1.6 މިލިއަން ވަނަ ޓޫރިސްޓް: ހަނީމޫން ދަތުރުން ބޮޑު ސަޕްރައިޒެއް

20 ޑިސެމްބަރ 2022

ރާއްޖެއަށް އައި 1.6 މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ މީހަކު ހޮވިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް އައި 1.6 މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ މީހަކު ހޮވިއްޖެ އެވެ.

އެއީ އިންޑިއާގެ މުމްބާއީ އަށް އުފަން ތެޖަސް ސަންޖޭ ކޮތާރީ، 27، އެވެ.

މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ 1.6 މިލިއަން ވަނަ ޓޫރިސްޓަށް ވުމުން ތެޖަސް އަށް ވަނީ ލަކްސް އަރި އެރޯލް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ވެސް މެ އެވެ.

ރާއްޖެ އަށް 1.6 މިލިއަން ވަނަ ޓޫރިސްޓުމީހާ އައުން ފާހަގަކުރުމަށް އެމްއެމްޕީއާރުސީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފުލާގައި ތެޖަސް ބުނީ، ފުރަތަމަ ދަތުރުން މިހާ ބޮޑު ޝަރަފެއް ލިބުމުން ވަރަށް އުފާވި ކަމަށެވެ.

އޭނާގެ އަންހެނުންނާ އެކު ހަނީމޫން ހޭދަކުރާނީ އެމަރާލްޑް ފާރުފުށި ރިސޯޓުގަ އެވެ. އެ ރިސޯޓުގައި ހަތަރު ދުވަހު ހޭދަކުރާނެ އެވެ.

"މި ލިބުނީ ވަރަށް ބޮޑު އުފަލެއް. ވަރަށް ސަޕްރައިޒް ވެފައި މި ހުރީ. މިހާ ބޮޑު މަރުހަބާއެއް ކިއުމުން ވަރަށް އުފާވޭ،" ތެޖަސް ބުންޏެވެ.

ތެޖަސް އަށް ހާއްސަ ހަދިޔާއެއް ދެނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ތެޖަސް އަށް ހާއްސަ ހަދިޔާއެއް ދެނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އޭނާ ބުނިގޮތުގައި ހަނީމޫނަށް ރާއްޖެ އިހުތިޔާރު ކުރީ، ރާއްޖޭގެ ރީތިކަން ފެނިފަ އެވެ. އަދި ރާއްޖެއަކީ ސެލެބްރިޓީން ވަރަށް ގިނައިން އަންނަ ގައުމަކަށް ވާތީ، އަންނަން ބޭނުންވީ ކަމަށް ބުންޏެވެ. ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރަން ކެތްމަދުވެފައިވާ ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 220،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެވަނަ އަށް ހިމެނެނީ ރަޝިއާ އާއި އިނގިރޭސި ވިލާތެވެ.

މިއީ ތެޖަސް އާއި އޭނާގެ އަންހެނުން: މިއީ އެ ދެ މީހުން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

މިއީ ތެޖަސް އާއި އޭނާގެ އަންހެނުން: މިއީ އެ ދެ މީހުން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

މިދިޔަ އަހަރު ރާއްޖެ އިން ވަނީ ލަފާކުރި ތާރީހަށް ވުރެ ދެ މަސް ކުރިން ސަރުކާރުން ކަނޑައެޅި 1.3 މިލިއަން ޓޫރިސްޓް ގެނައުމުގެ އަމާޒު ވާސިލުވެފަ އެވެ. މި އަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން އައުމުން މިއީ 23 ޕަސެންޓުގެ ކުރިއެރުމެކެވެ. އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމެެވެ.