ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމުގެ ތެރޭގައި މި އަހަރު ނިމޭއިރު އިންޑިއާ ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
08 އޯގަސްޓް 2024
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމުގެ ތެރޭގައި މި އަހަރު ނިމޭއިރު އިންޑިއާ ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން ބޭއްވި މީޑިއާ ބްރފިންއެއްގައި އޭނާ ވިދާޅުވީ، މިދިޔަ ހަފުތާގައި އިންޑިއާގެ ތިން ސިޓީއެއްގައި ރާއްޖެ އިން ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ ރޯޑް ޝޯ" އިން އާ ޓްރެވަލް އޭޖެންޓުންނާއި ރާއްޖެ އަށް ޓޫރިސްޓުން ގެނައުން ހުއްޓާލާފައި ތިބި ޓްރެވަލް އޭޖެންޓުންނާ އެކު ވެސް މަޝްވަރާތައް ކުރެއްވި ކަމަށެވެ.
ފައިސަލް ވިދާޅުވީ އެ ރޯޑްޝޯއާ އެކު، އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިންޑިއާގައި އިންވެސްޓްމެންޓް ފޯރަމެއް މި އަހަރު ބޭއްވުމުގެ އިތުރުން އެ ގައުމުގެ އިންފްލުއެންސަރުންނާއި ސެލެބްރިޓީން ބައިވެރި ކޮށްގެން ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިންތައް ހިންގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް އިންޑިއާ މާކެޓު ތިން ވަނަ އަށް ގެނައުން. މި ވަގުތު 71،000 ޓޫރިސްޓުން އައީ. އެހެން ނަމަވެސް މިދިޔަ އަހަރު ދެ ލައްކައެއްހާ ޓޫރިސްޓުން އައި،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ އިންޑިއާ އާއި ޗައިނާ އިން ވެސް އަހަރަކު މިލިއަނެއްހާ ޓޫރިސްޓުން ގެނައުމެވެ. އެކަމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބަޖެޓު 20 މިލިއަން ރުފިޔާއަށް އިތުރުކޮށް، މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ދާއިރާގެ އިސްފަރާތްތަކުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައިވާ ކަމަށެވެ. ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނީ އެ މީހުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ ރާއްޖެ އަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރަން ހާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާ މި ވަގުތު އޮތީ ހަ ވަނައިގައި. އެކަމަކު އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. ބަލަން ބޭނުންވާ ތަނެއް ނޫން ދަށްވުމަކީ. އަޅުގަނޑުމެންނާ އެންމެ ކައިރި ގައުމަށް ވެފައި އޮފް ސީޒަންގައި ފިލިން ބައި ފުލްފިލް ކުރެވޭ މާކެޓަކަށް ވާތީވެ ކުރިން މިދިޔަ ކަންކަން ރަނގަޅު ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޝިއުރީ ވިދާޅުވި އެވެ.
މިދިޔަ ތިން އަހަރަށް ބަލާއިރު، އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ނަމަވެސް ސިޔާސީ ގޮތުން އައި ހިތްހަމަނުޖެހުންތަކާ އެކު، އެ ގައުމުގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ހިންގި އެވެ. އެއާ އެކު، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ.
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
އިންޑިއާގެ ސާޓޭ ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ
އިންޑިއާގެ ޓޫރިސްޓުން ގިނަވެ، ގަދަ ފަހަކަށް!
ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އިންޑިޔާއަށް!
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"