Roadha Mihaaru
އިންޑިއާގެ ސާޓޭ ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ

ރާއްޖެ އިޝްތިހާރު ކުރުމުގެ މި އަހަރުގެ ފުރަތަމަ ހަރަކާތް އިންޑިއާގައި

08 ޖެނުއަރީ 2020

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން މި އަހަަރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އިންޑިއާގެ ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޗޭންޖެ (ސާޓޭ) ފެއާގައި ބައިވެރިވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން މި އަހަަރު ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އިންޑިއާގެ ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޗޭންޖެ (ސާޓޭ) ފެއާގައި ބައިވެރިވެއްޖެ އެވެ.

މިއީ، ޓޫރިޒަމް އިޝްތިހާރު ކުރުމަށް ރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފެއާ އެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 19 ކުންފުންޏަކުން ބައިވެރިވެ އެވެ.

"ސާޓޭ" އަކީ ޓޫރިޒަމާ ގުޅުވައިގެން މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި މި ސަރަހައްދުގެ 50 ގައުމަކުން 1،000 އަށް ވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވެ އެވެ.

ސާޓޭ ފެއާގައި ރާއްޖެއާ ގުޅޭގޮތުން މައުލޫމާތު ދެނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

ސާޓޭ ފެއާގައި ރާއްޖެއާ ގުޅޭގޮތުން މައުލޫމާތު ދެނީ-- ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ، ސާޓޭ ފެއާ އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، މި ސަރަހައްދުގެ ޓޫރިޒަމް އިންޑަސްޓްރީގެ އިސް މީހުންނާ ގުޅުން ބަދަހި ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ފެއާގައި، ރާއްޖޭގެ ކަނޑު އަޑީގެ ރެސްޓޯރެންޓް ރަމްޒުވާ ގޮތަށް ހަދާފައިވާ 60 އަކަފޫޓުގެ ސްޓޭންޑެއް ވަނީ ބަހައްޓައިފަ އެވެ. މި ސްޓޭންޑުން ރާއްޖެއާ ގުުޅޭ މައުލޫމާތާއި ދިވެހި ކާނާގެ ރަހަ ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

އެމްއެމްޕީއާރުސީން ވަނީ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަން ސޯޝަލް މީޑިއާ ކެމްޕޭންތައް ވެސް ފަށައިފަ އެވެ. މި ކެމްޕޭންތަކުން ހޮވޭ ނަސީބުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއް ވެފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅު ވެފަ އެވެ. އަދި މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑު ތަނުން އިތުރު ވެފަ އެވެ

މިދިޔަ އަހަރު 1،66،015 އިންޑިއާ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 83.5 ޕަސެންޓުގެ ކުރިއެރުމެކެވެ.