Roadha Mihaaru
2،600 ޖެޓް ޖައްސައިފި، ބޮޑު ކުރިއެރުމެއް

2،600 ޖެޓް ޖައްސައިފި، ބޮޑު ކުރިއެރުމެއް

20 ޑިސެމްބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރު ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 2،610 އަށް އަރާފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރު ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 2،610 އަށް އަރާފައިވާ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.

ރާއްޖެ އަަށް 1.6 މިލިއަން ވަނަ ޓޫރިސްޓް އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާ އިރު ވީއައިއޭ އަށް ޖެޓް ޖެއްސި ވަރު 53 ޕަސެންޓު އިތުރު ކަމަށެވެ. މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 1،702 ޕްރައިވެޓް ޖެޓެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ އެއާ ޓްރެޕިކް މޫވްމަންޓް ވެސް 10 ޕަސެންޓު އިތުރު ކަމަށެވެ. ނޮވެމްބަރު 2019 ވަނަ އަހަރާ ހަމައަށް އެއާ ޓްރެފިކް މޫވްމަންޓް 24،000 އެރި އިރު އެ އަދަދު މި އަހަރު ހުރީ 27،000 އިގަ އެވެ.

ހަސަން ވިދާޅުވިގޮތުގައި، މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް އިތުރު 8 އެއާލައިނެއްގެ ދަތުރުތައް ވެސް މިހާރު ވަނީ ފަަށައިފަ އެވެ. އެއީ ބްރިޓިޝް އެއާވޭސް އާއި އެއާ ފްރާންސާއި އޮސްޓްރޭލިއަން އެއާލައިންސާއި ނިއޯސް އާއި ޔޫރޯ ވިންގްސް އާއި ކޮންޑޯ އާއި ލޮޓް އާއި އައިޓީއޭ އެއާވޭސް އެވެ.

ހަސަން ވިދާޅުވީ، ބްރިޓިޝް އެއާވޭސް ސީޒަނަލް އެއާލައިނެއްގެ ގޮތުގައި މިހާރު ރާއްޖެ އަށް އޮޕަރޭޓް ކުރިޔަސް އަންނަ އަހަރުން ފެށިގެން ހުރިހާ ދުވަސްވަރަކު

އެއާލައިންގެ ދަތުރުތައް އޮންނާނެ ކަމަށެވެ. އެއާލައިންތައް އިތުރުވުމަކީ އިތުރު ފަސިންޖަރުން ރާއްޖެއަށް އައުމުގެ ފުރުސަތު އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗައިނާގެ މާކެޓު ބަންދުކޮށްފައި އޮތް އިރު މި ހާލަތުގައި އޮވެ އެހާ ގިނަ ޓޫރިސްޓުން އައުމަކީ ވަރަށް ބޮޑު އެޗީވްމަންޓެއް. އެމްއޭސީއެލްގެ ފަރާތުން މި ވަނީ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި،" ހަސަން ވިދާޅުވި އެވެ.

އާ އެއާލައިންތަކުގެ ދަތުރުތައް ފެށި އިރު މިދިޔަ އޮކްޓޫބަރު މަހު ވަނީ ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފަ އެވެ. އާ ރަންވޭއާއެކު، ފްލައިޓުތައް ނުޖެއްސި ރަންވޭމަތީގައި މަޑުކުރަން ޖެހޭ އޮންނަ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ.