Roadha Mihaaru
މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް

އާ އަހަރު ފާހަގަކުރަން މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް

31 ޑިސެމްބަރ 2023

އާ އަހަރު ފެށުން ފާހަގަކުރަން، ގިނަ އަދަދެއްގެ މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް އަންނަމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އާ އަހަރު ފެށުން ފާހަގަކުރަން، ގިނަ އަދަދެއްގެ މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް އަންނަމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.

ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޕްރައިވެޓު ޖެޓުތަކުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ފުރާލާ އިރު، މި ވަގުތު ވެސް 30 އަށް ވުރެ ގިނަ ޖެޓު ރާއްޖެ އަށް އައިސްފައިވާ ކަމަށް އެ ކުންފުނީގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވި އެވެ.

"މާދަމާ އާ އަހަރު ފެށޭތީ އިތުރު ޖެޓުތައް އަންނާނެ ކަމަށް ބެލެވެނީ. އަދި އޭގެ ފަހަށް ވެސް ގިނަ ރިކުއެސްޓުތަކެއް ވަނީ ލިބިފައި،" ޝަމްއާން ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގައި އެއްފަހަރާ 68 ޖެޓް ޕާކް ކުރެވޭނެ ޖާގަ އެމްއޭސީއެލުން ވަނީ ހަދައިފަ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.

އަމިއްލަ ޖެޓްތަކަށް އިތުރު ޖާގަ ހަމަޖެއްސީ އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގަ އާއި އާ ފިއުލް ފާމުގެ ކުރިމަތިން އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ސަރަހައްދެއްގައި ޕާކިން ޖާގަ ތަރައްގީ ކޮށްގެންނެވެ.

މިއީ ފިނި މޫސުމުގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދާ އެކު ވައިގެ ދަތުރުތައް އިތުރުވާތީ އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ކްރިސްމަސް އާއި އާ އަހަރު ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ.