Roadha Mihaaru
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި

23 ޑިސެމްބަރ 2022

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެ، އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ޓްވިޓާގައި މީހަކު ގޮވާލައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ބުނެ، އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ޓްވިޓާގައި މީހަކު ގޮވާލައިފި އެވެ.

އައްބާސް އާދިލް ރިޒާގެ ނަމުގައި މިއަދު ކުރި ޓްވީޓެއްގައި ބުނީ އައްޑޫގައި ފެބްރުއަރީ 8 ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ނަމަވެސް، އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށް، ހުޅުޖަހާފައި ހުރި ފޮޓޯތަކާއެކު ކުރި ޓްވީޓުގައި ވެ އެވެ.

"އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ." އިންޑިއާ އައުޓް ހޭޝްޓެގާއެކު ކުރި ޓްވީޓުގައި ބުންޏެވެ.

ވެރިކަން ބަދަލުވުމުން ހިނގި ހަމަނުޖެހުންތަކުގައި ސ. މީދޫގެ މެޖިސްޓްރޭޓް ކޯޓާއި ޕޮލިސް ސްޓޭޝަން ފިޔަވައި އެހެން ހުރިހާ ކޯޓަކާއި ޕޮލިސް ސްޓޭޝަންގެ އިތުރުން ޕޮލިސް ޓްރެއިން ސެންޓަރުގައި ވެސް ރޯކޮށްލި އެވެ. ފަހުން ވަނީ އެ ހުރިހާ ތަނެއް އަލުން އިމާރާތްކޮށްފަ އެވެ.

އައްބާސްގެ ނަމުގައި ކުރި ޓްވީޓުގައި އެމްބަސީގައި ހުޅުޖެހުމަށް ގޮވާލިއަސް، އެއީ އޭނާގެ އެކައުންޓެއް ނޫން ކަމަށް އައްބާސް ބުންޏެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު "މިހާރު"ން ބެލި ބެލުމުގައި، އެ އެކައުންޓު ގެންގުޅޭ ކަމަށް އަދި ވެސް ތުހުމަތުކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކެއް އަދާކުރެއްވި އައްބާސް އަށެވެ.

އިންޑިއާއާ ދެކޮޅަށް ކްލަބް ހައުސްގައި ހިންގާ ބައްދަލުވުންތަކުގެ ލިންކުތައް ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވާއިރު، މީގެ ކުރިން ވެސް ހަމަ އެ އެކައުންޓުން ވަނީ، ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދީފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ވެސް ފެށި އެވެ. އަދި އެ އެކައުންޓުން ކޮށްފައިވާ ޓްވީޓްތަކާ ބެހޭ އެއްވެސް ހަބަރެއް މީގެ ކުރިން އޭނާ ދޮގުކޮށްފައެއް ވެސް ނުވެ އެވެ.

އައްބާސް ވަނީ ކަސްޓަމްސް ކޮމިޝަނަރުކަމާއި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ފުރައިފަ އެވެ.