23 ޑިސެމްބަރ 2022
ރާއްޖޭގެ އުތުރުން އެންމެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދާ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ އުތުރުން އެންމެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދާ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން، އާ އޯޕީޑީ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިއިރު އެތަނުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިވަގުތު ކުރިއަށް ދަނީ ނެޓްވޯކިން އާއި ކިއޫ ސިސްޓަމް އަދި ފިނިޝިންގެ ބައެއް މަސައްކަތްތަކެވެ. މިހާތަނަށް އާ އިމާރާތް ހޮސްޕިޓަލާ ހަވާލުކޮށްފައި ނުވިޔަސް އުއްމީދަކީ އާ އަހަރާ އެކު އެ އިމާރާތް ބޭނުންކުރަން ފެށުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ އެކައުންޓުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާ އޯޕީޑީ އިމާރާތް ވަރަށް ހިތްގައިމެވެ. ބޮޑު ރިސެޕްޝަން އޭރިއާއެއް ހިމެނޭ ގޮތަށް ހަދާފައިވާ އާ އިމާރާތުގައި ޑޮކްޓަރަށް ދައްކަންދާ މީހުން އެތަނުގައި އިށީނދެ ތިބުމަށް ހުރީ ސޯފާ ޖަހައިފަ އެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީގެ ވެއިޓިން އޭރިއާ-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެތަނުގައި ހިމެނެނީ 21 ކޮންސަލްޓޭޝަން ރޫމާއި ޓްރީޓްމަންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އީސީޖީ ރޫމެއްގެ އިތުރުން އީކޯ ރޫމެކެވެ. ޒަމާނީ ފެންވަރަށް ޑިޒައިންކޮށްފައިވާ އެތަނުގައި ރިސެޕްޝަން އޭރިއާއަކާއި ވެއިޓިން އޭރިއާއަކާއި ލެބޯޓަރީ ކަލެކްޝަނަކާއި އާންމު ފަސް ފާހާނާ ވެސް ހިމެނެ އެވެ. އަދި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން ވަނީ މުވައްޒަފުން ބޭނުންކުރުމަށް އިތުރު ފަސް ފާހާނާ ވެސް ހަދައިފަ އެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ސިއްހީ ހިދުމަތަށް ބަރޯސާވެފައި އޮންނަ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަ އެވެ. އޯޕީޑީ ކޮންސަލްޓޭޝަން ރޫމް މަދުވުމުގެ ސަބަބުން ވެއިޓިން ލިސްޓް މަދުކުރުމަށް ގިނަ ގޮންޖެހުންތަކެއް އޮތީ ހޮސްޕިޓަލަށް ކުރިމަތިވެފަ އެވެ.
އެ ހޮސްޕިޓަލަކީ މާލެ ފިޔަވައި އުތުރުގެ އެހެން ހޮސްޕިޓަލުތަކުން ނުލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ، ސްޕީޗް ތެރަޕީ އާއި ނިއުރޯ ޑައިގްނޯސްޓިކްގެ ހިދުމަތް ވެސް ލިބޭ ތަނެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މި އަހަރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލަށް ލިބިފައިވާ އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމާއި އަދި ބޭނުންކުރާ މެޑިކަލް އުކުއިޕްމަންޓްތަކަށް ލިބުން ކުރިއެރުންތައް ހިމެނޭ ކަމަށް ބުންޏެެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް 98،147 މީހަކު ބޭނުންކުރި އެވެ. އާރުޓީއެލް ފެރީގެ ހިދުމަތާ އެކު އެ ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެެވެ.
ދެ ރަށެއްގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
ކޭއާރްއެޗްގައި އެޑްމިޓްކުރާ މީހުންނަށް ބޭސް ނަގައިދޭނެ
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!
ކުޅުދުއްފުށި ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ނިންމައިފި
ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް ސާޖަރީ ފަށަނީ
ކުޅުދުއްފުށީ ހޮސްޕިޓަލުގު އޯޕީޑީ ހަދަން އެމްޓީސީސީއަށް
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް
ކުޅުދުއްފުށްޓާއި އައްޑޫ ހޮސްޕިޓަލް ހިންގުން ބޯޑަކަށް