Roadha Mihaaru
ދިރާގުގެ ކަސްޓަމަރުން އެސްއެސް ނެޓަށް

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެސްއެސް ނެޓަށް ފަސޭހައިން ބަދަލުވެވޭނެ ގޮތް ހަމަޖައްސައިދެނީ

26 ޑިސެމްބަރ 2022

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ސަން ސިޔާމް މީޑިއާ ގްރޫޕުން އަލަށް ފަށާ ކޭބަލް ޓީވީގެ ހިދުމަތަށް ބަދަލުވާން ބޭނުންވާ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ މީޑިއާ ގުރޫޕުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ސަން ސިޔާމް މީޑިއާ ގްރޫޕުން އަލަށް ފަށާ ކޭބަލް ޓީވީގެ ހިދުމަތަށް ބަދަލުވާން ބޭނުންވާ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ މީޑިއާ ގުރޫޕުން މިއަދު ބުނެފި އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ "އެސްއެސް ނެޓްވޯކް" ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކޭބަލްގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދިރާގުގެ ކަސްޓަމަރުންނަށް އެސްއެސްނެޓްގެ ހިދުމަތަށް ފަސޭހައިން ބަދަލުވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މަނާކުރުމާ ގުޅިގެން އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ނަަމަވެސް ދިރާގުން "އެސްއެސް ނެޓްވޯކް"އާ އެކު ކުރި މަޝްވަރާގެ މަތިން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ފަރާތާއެކު ވަނީ އެއްބަސްވެފަ އެވެ.

"އެސްއެސް ނެޓްވޯކް"ގެ ބަޔާނުގައި ބުނީ އެ ކުންފުނިން މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ދިވެހިން މިހާރު އާންމުކޮށް ބަލަމުން އަންނަ ޗެނަލްތަކާއި މުޅިން އާ ޗެނަލްތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ދޭ ކޭބަލް ޓީވީގެ ހިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާއި އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގެއްގައި ކަމަށް ވެސް ބުންޏެވެ.

އެސްއެސް ނެޓްގެ ހިދުމަތް މެނޭޖުކުރާނީ ސަން ސިޔާމް މީޑިއާއިންނެވެ.