Roadha Mihaaru
ހައްލެއް ނެތްނަމަ ދިރާގު ޓީވީ ހުއްޓާލަން ޖެހިދާނެ

ހައްލެއް ނުލިބިއްޖެ ނަމަ ދިރާގު ޓީވީ ހުއްޓާލަން ޖެހިދާނެ: ދިރާގު

23 އޮކްޓޯބަރ 2022

ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދު ބަދަލުކުރުމާ ގުޅިގެން، މި އަހަރު ނިމުމުގެ ކުރިން އެ މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ ދިރާގު ޓީވީ ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދު ބަދަލުކުރުމާ ގުޅިގެން، މި އަހަރު ނިމުމުގެ ކުރިން އެ މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ ދިރާގު ޓީވީ ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން މި އަހަރު ގެނެސްފައިވާ ބަދަލާ ގުޅިގެން ދިރާގު ޓީވީގެ ލައިސަންސް އައުކުރުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ލައިސަންސް އާކުރެވޭނެ ގޮތެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާއި ބްރޮޑްކޮމްއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ދިރާގުން ބުންޏެވެ.

"ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެ ނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ހިދުމަތުގެ ލައިސަންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތް ހުއްޓާލަން ޖެހިދާނެ އެވެ،" އެ މެސެޖުގައިވެ އެވެ.

ދިރާގުން ބުނީ މުއައްސަސާތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާ އަށް ބިނާކޮށް، ކަސްޓަމަރުންނަށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ދިރާގު ޓީވީ ފެށުމާ އެކު ކަސްޓަމަރުންގެ ފަރާތުން އެ ހިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ދިރާގު ޓީވީގެ ހިދުމަތް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 85 ޕަސެންޓް ގޭބިސީ އަށް (90 ރަށަށް) ފޯރުކޮށްދީފައިވާ ކަމަށެވެ.

"ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު" މި އަހަރު ބަދަލުކުރިއިރު، އެ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.

އެކަމަކު ދިރާގުގައި ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އޮންނައިރު ސަރުކާރުގެ އޮންނަނީ 48 ޕަސެންޓެވެ. އެއީ ސަރުކާރުގެ 41.8 ޕަސެންޓާއި އާންމުންގެ 6.2 ޕަސެންޓް ހިމަނައިގެންނެވެ. އެހެންކަމުން އެ ކުންފުންޏަށް މިހާރު ދީފައިވާ ލައިސެންސް ޖެނުއަރީ 28، 2023 ގެ ފަހުން ހަމަވުމުން އަލުން ލައިސެންސްއެއް ނުލިބޭނެ އެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިވާ ގޮތަށް ބްރޮޑްކޮމް އިން ގަވައިދު ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި އޮތީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައިފަ އެވެ.

އެ ގަރާރުގައިވާ ގޮތުން ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވައިދަކީ މީޑިއާނެޓް ކުންފުންޏާ ވާދަކުރާ ދިރާގު އެ ވިޔަފާރިން ބޭރުކުރުމަށް ގާނޫނާ ހިލާފަށް ހެދި ގަވައިދެކެވެ.

ކޭބަލް ޓީވީގެ ވިޔަފާރީގައި މުޅި ރާއްޖެގައި އެ ކުންފުނީގެ ކޮންޓްރޯލް ބޭއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް މީޑިއާނެޓުން ތަފާތު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އެ ގަރާރުގައިވެ އެވެ.