Roadha Mihaaru
އަގު ދަށްކުރި ގައުމުތަކަށް ތެޔޮ ވިއްކުން ހުއްޓާލައިފި

އަގު ދަށްކުރި ގައުމުތަކަށް ތެޔޮ ވިއްކުން ރަޝިޔާ ހުއްޓާލައިފި

28 ޑިސެމްބަރ 2022

ރަޝިޔާގެ ތެލުގެ އުފެއްދުންތައް ގަތުމަށް ހުޅަނގުން ކަނޑައެޅި ދަށް އަގުތަކަށް އެއްބަސްވި ގައުމުތަކާއި ކުންފުނިތަކަށް ތެޔޮ ވިއްކުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ރިއާސީ ގަރާރަކުން ހުއްޓާލައިފި އެވެ.

ރަޝިޔާގެ ތެލުގެ އުފެއްދުންތައް ގަތުމަށް ހުޅަނގުން ކަނޑައެޅި ދަށް އަގުތަކަށް އެއްބަސްވި ގައުމުތަކާއި ކުންފުނިތަކަށް ތެޔޮ ވިއްކުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ރިއާސީ ގަރާރަކުން ހުއްޓާލައިފި އެވެ.

ރަޝިޔާގެ ތެޔޮ ގަތުމަށް، ހުޅަނގުގެ ގައުމުތަކުން ދަށް އަގެއް ކަނޑައެޅީ، ރަޝިޔާ އިން މިއަހަރުގެ ކުރީކޮޅުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުންނެވެ. މި މަހުގެ ކުރީކޮޅު ވިލާތުގެ ގައުމުތަކުން ދަށް އަގެއް ކަނޑައެޅި ނަމަވެސް، އެކަމުގައި އަމަލުކުރަން ގަސްދުކުރާ ގޮތެއް، އިއްޔެއާ ހަމައަށް ވެސް ރަޝިޔާ އިން ހާމައެއް ނުކުރެ އެވެ.

ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ނެރުއްވި ރިއާސީ ގަރާރުގައިވާ ގޮތުން، ހުޅަނގުން ކަނޑައެޅި ދަށް އަގުގައި ރަޝިޔާގެ ތެޔޮ ގަތުމަށް އެއްބަސްވި ގައުމުތަކަށާއި ކުންފުނިތަކަށް، މި ފެށޭ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ރަޝިޔާގެ ތެލެއް ނުވިއްކާނެ އެވެ. އޭގެ ތެރޭގައި ރަޝިޔާ އިން އެކްސްޕޯޓް ކުރާ ސާފުނުކުރާ ތެލާއި، ތެލުގެ އެހެން އުފެއްދުންތައް ވެސް ހިމެނެ އެވެ.

ރިޔާސީ ގަރާރުގައި ބުނެފައިވާ ގޮތުން، އެ ހުރިހާ ގައުމުތަކަށާއި ވަކިވަކި ކުންފުނިތަކަށް ތެޔޮ ވިއްކުން ހުއްޓައިލި ނަމަވެސް، ރައީސް ޕުޓިން ނިންމަވާ ގޮތެއްގެ މަތިން، އޭގެ ތެރެއިން ބައެއް ގައުމުތައް ނުވަތަ ބައެއް ކުންފުނިތައް، ފަހުގެ މަރުހަލާއެއްގައި އިސްތިސްނާ ކުރެވިދާނެ އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7) އާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާއި އޮސްޓްރޭލިޔާ އިން މި މަހުގެ ކުރީކޮޅު އެއްބަސްވެފައިވަނީ، ރަޝިޔާ އިން ކަނޑުމަގުން އެކްސްޕޯޓްކުރާ ތެޔޮ ގަންނާނެ އެންމެ މަތީ އަގަކީ ފީފާއެއް 60 ޑޮލަރަށެވެ. މި ނިންމުމަށް އަމަލުކުރުމަށް އެ ގައުމުތަކުން ނިންމީ މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

ހުޅަނގުގެ ގައުމުތަކުން މި ނިންމި ނިންމުމުގެ އެއް ބޭނުމަކީ، މި އަގަށް އެއްބަސްވި އެއްވެސް ގައުމެއް ނުވަތަ އެއިން ގައުމެއްގެ ކުންފުންޏެއް މެދުވެރިވެގެން ވިޔަސް، ތިން ވަނަ ގައުމަކަށް ރަޝިޔާގެ ތެޔޮ ބޮޑު އަގުގައި ވިއްކިޔަ ނުދިނުމެވެ. އަނެއް ބޭނުމަކީ ދުނިޔޭގެ ބާޒާރަށް ތެޔޮ ވިއްކައިގެން ރަޝިޔާ އިން ހޯދަމުން އަންނަ އާމްދަނީ ހުއްޓުވުމެވެ.

އެކަން އެ ގޮތަށް ތަންފީޒުކުރެވިއްޖެ ނަމަ، ޔޫކްރޭން ހަނގުރާމަ އަށް ޚަރަދުކުރުން ރަޝިޔާ ސަރުކާރަށް ދަތިވާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ދެކެ އެވެ. ނަމަވެސް ރަޝިޔާ އިން ބުނި ގޮތުގައި، ހުޅަނގުގެ ގައުމުތަކުން އެގޮތަށް އަގު ދަށް ކުރި ނަމަވެސް، ޔޫކްރޭންގައި ރަޝިޔާ އިން ކުރަމުންދާ އަސްކަރީ ހަރަކާތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި، ތެޔޮ ވިއްކާނެ އެހެން ބާޒާރުތައް ހޯދާނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.